ނޭދެމޭ ވަކިވުމެއް

އަދަބިއްޔާތު ވާހަކަ ފަހުގެ

( 21 ޖޫން 2020 އާ ގުޅޭ)

ކޮފީއަށް ދިއުމަށް ޖެހިގެން އަންނަ ދުވަހުގެ ގަޑިއެއް ހަމަޖެއްސުމަށްފަހު ޝާމިން ފޯނު ބޭއްވުމުން ޒަޔާންވެސް އެނދުމަތީގައި އޮށޯވެލާ ލޯމަރާލީ ޚިޔާލުތަކާއި ދުރުވެ ނިދާލެވޭތޯއެވެ.

އިޝްތިހާރު
އިޝްތިހާރު

ޒަޔާންއަށް ހޭލެވުނީ ފޯނު އެލާމްވާތާ އިރުކޮޅެއްވީ ފަހުންނެވެ. ތެދުވެ މޯޅިއަކަށް ދެމިލުމަށްފަހު ގަޑިއަށް ބަލައިލިރު ދިހައެއްޖަހާ ބޮޑުވެއްޖެއެވެ. ދިހަގަޑި ބަޔަށް ކޮފީއަށް ދިއުމަށް ޝާމިން ގާތު ބުނެވިފައިވާކަން ހަނދާންވުމާއެކު ފެންވަރާލައިގެން ނިކުމެ އަލަމާރިން ޓީޝާޓަކާއި ސޯޓެއް ލައި ތައްޔާރުވެލައިގެން ކޮޓަރިން ނުކުތެވެ. އޭރު ޒިޔާނާ ޓީވީއިން ދައްކަމުންދިޔަ ޕްރޮގްރާމެއް ބަލަން އިނެވެ. ޒަޔާންގެ ކޮޓަރީގެ ދޮރު ހުޅުވުނު އަޑަށް ޒިޔާނާ ބަލައިލިއެވެ. ޒަޔާން ފެނުމުން ސައިބޯން ދާންވީނުންހޭ ޒިޔާނާ އަހާލީ ލޯތްބާއެކުގައެވެ. ރޭގައި ވީ ކަންތައް ހަނދާންހުރިހެނެއްވެސް ހިޔެއްނުވެއެވެ. ނުވަތަ އަލުން އެވާހަކަ ފަށަން ޒިޔާނާ ބޭނުންނުވީއެވެ.

“މިދަނީ ޝާމިން އާއެކު ކޮފީއަކަށް، ބޭރުން ސައިބޯނީވެސް” ޒަޔާން މަންމައަށް ބަލާލަމުން ބުނެލިއެވެ. ޒިޔާނާގެ މޫނުމަތިން ވަގުތުން ހިތްހަމަނުޖެހުމުގެ އަސަރުތައް ފެނިގެންދިޔައެވެ. އެކަމަށް މާބޮޑު ސަމާލުކަމެއް ނުދީ ޒަޔާން ފޯނު ނަގާ އެޔާ ކުޅެމުން ހިނގައިގަތީ ގެއިން ނިކުންނާށެވެ. ގެއިން ނިކުމެ ގަރާޖުގައި އިން ސައިކަލު މަގުމައްޗަށް ނެރެ އޭގެ މަތީގައި ހަމަޖެހިލުމަށްފަހު ޒަޔާން ގުޅައިލީ ޝާމިންއަށެވެ. ޝާމިން ރެޑީގައި ހުރިކަމަށް ބުނުމުން ފޯނު ބޭއްވުމަށްފަހު ޝާމިން ދިރިއުޅޭ ގެއަށް ދިއުމަށް ނައްޓާލިއެވެ. ޒަޔާންއަށް އެހިސާބަށް ފޯރިއިރު ޝާމިން ނިކުމެ ހުރީ މަގުމަތީގައެވެ. އެކުވެރިޔާ ފެނުމުން ޝާމިން އައިސް ކުޑަގޮތަކަށް ޒަޔާން ގައިގައި ބައްދާލުމަށްފަހު ފަހަތަށް އެރިއެވެ. އެކި ވާހަކަތަކުގައި ތިބެގެން ދެއެކުވެރިން ގޮސް ވަނީ އެމީހުން އާއްމުކޮށް ކޮފީބޯން ވަންނަ ރެސްޓޯރެންޓަށެވެ. ހުސްކޮށް ހުރި މޭޒެއްގައި އިށީނދެ ދެމީހުންވެސް އޯޑަރުކުރީ ހެނދުނުގެ ނާސްތާއަށެވެ.

“ހޫމް ދެން ކިޔާބަލަ، ކިހިނެއް ވެގެން ތިއުޅެނީ އަސްލު، ރޭގަ ޔާން ގުޅައިން ވާހަކަ ދެއްކިއިރު ކަމަކާއި ވަރަށް ހިތްހަމަނުޖެހިފަހެން ހީވެ ހުރީ، ރަނގަޅަށްތަ މިހީވީ އަނެއްކާ” އޯޑަރ ނަގައިގެން ވެއިޓަރ ދިއުމުން ޝާމިން އަހާލިއެވެ. ޒަޔާން އިނީ ވާހަކަ ފަށާނެ ގޮތެއް ނޭނގިފައެވެ. އެވާހަކަ ބުނުމުން ޝާމިން ހިތަށްއަރާނެ އެއްޗެއްވެސް ނޭނގެއެވެ. މިހާ ތަރައްގީވެފައިވާ ޒަމާނެއްގައި އެގޮތަށް ޢާއިލާ ތެރެއިން ރޭވިގެން ކައިވެނިތައް ހަމަ ކުރެވޭ ބާއޭ ޒަޔާންވެސް ހިތަށްއަރައެވެ. މިއަދު ޒަޔާން އެވަނީ އެހަގީގަތާއިވެސް ކުރިމަތިލާންޖެހިފައެވެ. ވުމާއެކު ރަނގަޅަށް ގޮނޑީގައި ހަމަޖެހިލުމަށްފަހު މަންމަމެން ކަންތައް ކުރަން ނިންމި ގޮތާއި ރޭގައި ގޭގައި ކަންތައް ހިނގާ ދިޔަގޮތް ވަރަށް ތަފްސީލްކޮށް ޒަޔާން ކިޔައިދިނެވެ. ޝާމިން ޝައުގުވެރިކަމާއެކު އެވާހަކަތައް އަޑުއަހަމުން ދިޔައެވެ.

“އޯ މައި ގޯޑް، އަސްލުވެސްތަ، ޔާން މަންމަމެން ހަމަ ކައިވެނި ހަމަޖެއްސީތަ؟ އެވެސް ޔާންއަށް ދުވަހަކުވެސް ނުފެންނަ ބައްދަލުވެސް ނުވާ ކުއްޖަކާ؟ ހޮޓް ބިޓެއްތަ؟” ޝާމިން އިނީ އެވާހަކަތައް ގަބޫލުކުރަންވެސް އުނދަގޫވެފައެވެ. އެހެން ނަމަވެސް އޭނާގެ ވާހަކަ ނިންމާލަމުން ސަމާސާއާއި ގުޅުވާލިއެވެ.

“އާނ، އީނާ ހަޑިއެއްނޫން، އެކަމު ތެދެއް ބުނަން، އީނާ ކިތަންމެ ރީއްޗަސް އަހަންނަކަށް އޭނާ ކުޑަކޮށްވެސް ކަމަކުނުދޭ، މިބުނީ އަންބެއްގެ ގޮތުގައި ބަލައިގަންނާކަށް ބޭނުމެއް ނުވެޔޭ، އެހެން މީހަކު ނަމަ އުފަލުން އެއްބަސްވާނެ ކަންނޭނގެ. އަހަރެންގެ ހިތަކު އެކަހަލަ އެއްވެސް ޚާއްސަ އިޙްސާސެއް ނުއުފެދުނު އީނާ ފެނިގެނެއް، ދެން ޝާމިން ބުނެބަލަ މީގަ އަހަރެންނަށް ހެދޭނެ ގޮތެއް، އަހަރެންގެ ހަޔާތުގައި އަދި ޚާއްސަ އަންހެންކުއްޖަކު ހުރީއެއްވެސް ނޫން، ނޫން ނަމަތާ އެކަންވެސް ބަހަނާއަކަށް ހެދޭނީ، ހުރި ނަމަވެސް މަންމަ ޔަގީނުންވެސް ދެންވެސް މިކައިވެންޏަށް އަހަރެންނަށް މަޖުބޫރުކުރާނެ، މަންމަ ވިސްނާނީ އަބަދުވެސް ފައިދާއަށް، އަހަރެން މިއަދު ބޭރުން ސައިބޯނެ ވާހަކަ ބުނެގެންވެސް ހުރީ ހިތްހަމަނުޖެހިފަ، ވަރަށް ބޯގޮވާފަ މިއިނީ އަސްލު، އަހަރެން އަދި މީހަކާ އިންނާކަށް ބޭނުމެއް ނޫން،” ޒަޔާން ވާހަކަދެއްކީ ކާން ގެނައި އެއްޗެއްސަށް އިންސާފުކުރަން އިނދެއެވެ.

“އާނ، ޔާންގެ މަންމަމެންގެ ގޮތް އެންމެ ރަނގަޅަށް އެނގޭނެ އެކަކު އަހަރެންމީ، ކިތަންމެ ހިތްހަމަނުޖެހުނަސް އަހަރެންގެ ހިތް ބުނަނީ ތިކައިވެނި ކުރެވޭނޭ، ތިކަން ހުއްޓާލަން މަސައްކަތް ކުރިޔަސް ޔާން ދެކެ އެމީހުން ހިތްހަމަނުޖެހޭނީ، އަހަރެންނަށް އެނގޭ އެމީހުން ރުޅިއަންނަ ކަހަލަ އެއްވެސް ކަމެއް ކުރަން ޔާންއަކަށް ނުކެރޭނެކަންވެސް،” ޝާމިން ބުނެލިއެވެ. އެއީ ތެދެކެވެ. ޒަޔާންއަކީ މިވީހާތަނަށް ދުވަހަކުވެސް މަންމަމެންނާ ދެކޮޅަށް ކަމެއް ނިންމި ޒުވާނެއް ނޫނެވެ. ކިޔެވުމުގައިވެސް ޒަޔާން ހިޔާރުކުރީ މަންމަމެން ބޭނުންވި ރޮނގެވެ.

“އޭ ތިބޯ ހަމަޖައްސާލަން ހިނގާބަލަ ހުރައަށް ޖައްސާލަން، އެއްކަލަ ނިހާދު އެނގެއެއްނު، އެގޮލާ ވަރަށް ކިޔާ ހަފްތާއެއްހާ ދުވަހަށް އެރަށަށް ޖައްސާލަބަލާށޭ، މަށަށް ފެންނަނީ އެރަށަށް ގޮސް މަޖާކޮށްލަން އޭރުން ތިބޭކާރު ހިޔާލުތައް ކުރާނެ ވަގުތެއްނުވާނެ” ޝާމިން ކުއްލިއަކަށް ހަނދާންވެގެން ބުނެލިއެވެ. ޒަޔާން ވިސްނާލުމަށްފަހު އެދަތުރު ދާން އެއްބަސްވިއެވެ. ބައްޕަ ކައިރީގައި ބުނެގެން އޭނާ އޮފީހަށް ނިކުތުން ދިހަވަރަކަށް ދުވަހަށް ލަސްކޮށްލަން ނިންމިއެވެ. ބިލަށް ފައިސާ ދެއްކުމަށްފަހު ނިކުމެ ޝާމިން ގެއަށްލުމަށްފަހު ޒަޔާންވެސް އައީ ގެއަށެވެ.

                                                ************************************************

ހުރާގެ ހިތްގައިމު އަތިރިމަތި ހަލަބޮލިވެފައިވަނީ ހަވީރުގެ ހިތްގައިމުކަމުން އުފާކޮށްލުމަށް އައިސް ގޮސްވާ މީހުންގެ ސަބަބުންނެވެ. މީހުން ތިބި ހިސާބާއި ތަންކޮޅެއް ދުރުގައި އޮތް ރުއްބުރިއެއް މަތީގައި އިށީންދެލައިގެން ނީޝާ އިނީ ފުން ވިސްނުމެއްގެ ތެރެއަށް ގެއްލިފައެވެ. ނީޝާގެ ލޮލުން އޮހެން ތައްޔާރަށް ހުރި ކަރުނަތައް އޭގެ މަގާމުދޫކޮށް ކޯތާފަތް މައްޗަށް އޮހެން ފެށީ އެއްވެސް އިންޒާރަކާ ނުލައެވެ. ނީޝާއަށް ލިބިފައިވާ ހިތާމަތަކަށް ކެތްކުރާނެ ގޮތެއްވެސް ނީޝާއަކަށް ނޭނގެއެވެ. މިއޮށް ބޮޑު ދުނިޔޭގައި އެކަނިވެއްޖެކަމުގެ އިޙްސާސުން ނީޝާގެ ހިތް ފުރިފައިވިއެވެ. މިއަދާއި ހަމައަށް މަންމައާއި އެކު އުފަލުގައި އުޅެމުން އައި ދިރިއުޅުން ކުޑަކުޑަ ހިނދުކޮޅެއްގެ ތެރޭގައި ފުނޑުފުނޑުވެގެން ދިޔައީއެވެ. ތަޤްދީރުގެ ނިޔާ އާއި ދެކޮޅު ހެދޭނީ ކޮން އިންސާނަކަށް ހެއްޔެވެ؟ ނީޝާއަށް އަޅާލާ އޯގާތެރިކަމުގެ އަތެއް ދިއްކޮށްލުމަށް ހުރި ހަމައެކަނި ފަރާތްކަމުގައިވާ ނީޝާގެ މަންމަ މިވަގުތީ ދުނިޔެ ދޫކުރީ މީގެ ތިން ދުވަސްކުރިންނެވެ. ނީޝާ އަބަދުވެސް ހަނދާން ހުންނަނީ މަންމަ އާއިއެކު ވީރާނަވެދާން ކައިރިވެފައިވާ ގެއެއްގައި ނުހަނު ނިކަމެތި ހާލުގައި އުޅުނުކަމެވެ. ނީޝާގެ މަންމަ ބުނިގޮތުން ނީޝާގެ ބައްޕަ ނީޝާ ވަރަށް ކުޑަކުޑައިރު ވަނީ ނިޔާވެފައެވެ. ދެޢާއިލާގައިވެސް މަންމައަށް އަޅާލާ އެހީތެރިވެދީ ހެދީ މަދު ބައެކެވެ. ވުމާއެކު ނީޝާމެންނާ ދެފަރާތުގެ ޢާއިލާގެވެސް މާބޮޑު ގުޅުމެއް ނޯވެއެވެ. މަންމަ މަރުވުމުން ގޭގައި އެކަނި ހުންނަން ނުކެރިގެން ނީޝާއަށް ޖެހުނީ ނީޝާގެ މަންމަގެ ފަރާތު ބޮޑުދައިތަ ކައިރިއަށް އެގެއަށް ދާށެވެ. ޝަރީފާއަކީ ރުންކުރު ރުޅިގަދަ މީހެކެވެ. ނީޝާ އެގެއަށް ބަދަލުވުމުންވެސް ޝަރީފާ ހުންނަނީ ނުހަނު ބޮޑަށް ހިތްހަމަނުޖެހިފައެވެ. ރަށު މީހުންގެ މަލާމާތާއި ފުރައްސާރަ ރައްދުވެދާނޭތީވެ ނީޝާ އެގޭގައި ބަހައްޓަން ޝަރީފާއަށް މަޖުބޫރުވީއެވެ.

ރަތްވިލާ އޮށްސި ދުނިޔެ މައްޗަށް ރޭގަނޑުގެ އަނދިރިކަން އަތްގަދަކުރަން ފެށުމުން މޫނުމަތި ފޮހެލުމަށްފަހު ނީޝާ ތެދުވީ ގެއަށް ދިއުމަށެވެ. އެއްވެސް ހަމަޖެހުމެއް ގޭތެރެއިންވެސް ނުލިބޭނެކަން ނީޝާއަށް އެނގެއެވެ. މަންމަ މަރުވުމުގެ ހިތާމަވެސް ރަނގަޅަށް ކޮށްލާނެ ފުރުޞަތެއްވެސް އެފަކީރަކަށް ނުލިބުނެވެ. ގެއާއި ދިމާއަށް ހިނގަމުން ދިޔައިރު ބަނޑުހައިހޫނުކަން އިޙްސާސްވިއެވެ. ހެނދުނުއްސުރެ ކަޅުސައިތައްޓެއް ނޫން އެއްޗެއް ނީޝާގެ އަރުން އެތެރެ ނުވެއެވެ. އަމިއްލަ ނިކަމެތިކަން ހިތަށް އެރުމުން ނީޝާއަށް ހިތްދިރުވައިލެވުނެވެ. ގޭތެރެއަށް ވަންނަން ދިމާކޮށްލުމާއެކު ފުރަތަމަވެސް ކަންފަތުގައި ޖެހުނީ ބޮޑުދައިތަ ޝަރީފާގެ ބާރު އަޑެވެ.

(ނުނިމޭ)

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ