އެތުލެޓިކޯ ބަލިވުމުން ބާސާއަށް ފުރުސަތެއް

ކުޅިވަރު ފަހުގެ

ސްޕެނިޝް ލީގުގައި އާދީއްތަ ދުވަހުގެރޭ އެތުލެޓިކް ބިލްބާއޯ އަތުން ތާވަލުގެ އެއްވަނައިގައި އޮތް އެތުލެޓިކޯ މެޑްރިޑް ބަލިވުމުން، ތާވަލުގެ އެއްވަނައަށް އެރުމުގެ ފުރުސަތު ބާސެލޯނާއަށް ލިބިއްޖެއެވެ.

ބާސާއިން ވަނީ އާދިއްތަ ދުވަހުގެރޭ ކުޅުނު މެޗުން ވިޔަރެއާލް އަތުން ފަހަތުން އަރައި 2-1 ގެ ނަތީޖާއަކުން މޮޅުވެފައެވެ.

އިޝްތިހާރު
އިޝްތިހާރު

ވިޔަރެއާލުގެ ދަނޑުގައި ކުޅުނު މެޗުގައި ދެ ޓީމުގެ ފަރާތުން ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު، މި މެޗުގައި އެންމެ ފުރަތަމަ ލަނޑު ޖަހާ ލީޑު ނަގާފައިވަނީ ވިޔަރެއާލުންނެވެ. މެޗުގެ 26 ވަނަ މިނެޓުގައި ޕައު ޓޮރޭސްގެ އެހީއާއެކު މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ސެމިއުލް ޗުކުވޭޒީއެވެ. އެކަމަކު އޭގެ ދެ މިނެޓު ފަހުން ބާސާއިން ވަނީ ނަތީޖާ އެއްވަރުކޮށްފައެވެ. އޮސްކާ މިންގޭޒާ ދިން ބޯޅަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އެންޓޮއިން ގްރީޒްމަނެވެ.

އަދި މެޗުގެ 35 ވަނަ މިނެޓުގައި ވިޔަރެއާލުގެ ހުއާން ފޮއިތު ހެދި ގޯހެއްގެ ފައިދާ ނަގައި ގްރީޒްމަން ވަނީ ބާސާއަށް ލީޑު ނަގާދީފައެވެ. މި މެޗުގެ ދެވަނަ ހާފުގައި ވިޔަރެއާލުން ކުޅުން ރަނގަޅުކުރި ނަމަވެސް، އެ ޓީމަށް މައްސަލަތަކެއް ކުރިމަތިވީ މެޗުގެ 65 ވަނަ މިނެޓުގައި ވިޔަރެއާލުގެ މަނޫ ޓްރިގޭރޯސްއަށް ސީދާ ރަތް ކާޑެއް ދެއްކުމާ ގުޅިގެންނެވެ. އޭނާއަށް ރެފުރީ ރަތް ކާޑެއް ދެއްކީ ބާސާގެ ކެޕްޓަން ލިއޮނެލް މެސީއަށް ކުރި ނުރައްކާތެރި ފައުލަކާ ގުޅިގެންނެވެ.

މި މެޗުން ބާސާ މޮޅުވިއިރު، ލީގުގައި އާދީއްތަ ދުވަހުގެރޭ ބިލްބާއޯ އަތުން 2-1 ގެ ނަތީޖާއަކުން އެތުލެޓިކޯ ވަނީ ބަލިވެފައެވެ. މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އެތުލެޓިކޯ މި ވަގުތު އޮތީ ކުޅުނު 33 މެޗުން 73 ޕޮއިންޓާއެކުއެވެ. ދެވަނައިގައި އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑަށް 33 މެޗުން 71 ޕޮއިންޓް ލިބިފައިވާއިރު، ތިންވަނައިގައި ބާސާ އޮތީ އެއް މެޗު މަދުން ކުޅެ 71 ޕޮއިންޓާއެކުވެ.

އެހެންކަމުން ލީގުގައި ބުރާސްފަތި ދުވަހުގެރޭ ގްރާނާޑާ ބަލިކޮށް ބާސާއަށް ތާވަލުގެ އެއްވަނައަށް އެރުމުގެ ފުރުސަތު އެބައޮތެވެ. އަދި އެ މެޗަށްފަހު އަންނަ މެއި މަހުގެ އަށްވަނަ ދުވަހު އަމިއްލަ ދަނޑުގައި ބާސާއިން އެތުލެޓިކޯއާ ދެކޮޅަށް ނުކުންނާނެއެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ