ލިޔޯން ބަލިކޮށް ލިލް އަލުން އެއްވަނައަށް

ކުޅިވަރު ފަހުގެ

ފްރެންޗް ލީގުގައި އާދީއްތަ ދުވަހުގެރޭ ފަހަތުން އަރައި ލިޔޯން ބަލިކޮށް ތާވަލިގެ އެއްވަނައަށް ލިލް އަލުން ޖެހިލައިފިއެވެ.

ރަށުން ބޭރުގައި ކުޅުނު މެޗުން ލިލް މޮޅުވީ 3-2 ގެ ނަތީޖާއަކުންނެވެ.

އިޝްތިހާރު
އިޝްތިހާރު

ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި އެންމެ ފުރަތަމަ ލަނޑު ޖަހާ ލީޑު ނަގާފައިވަނީ ލިޔޯނުންނެވެ. މެޗުގެ 20 ވަނަ މިނެޓުގައި މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އިސްލާމް ސްލިމާނީއެވެ. އަދި އޭގެ 15 މިނެޓު ފަހުން ލިޔޯނުން ލީޑު ފުޅާކުރިއިރު، މިއީ ލިލްގެ ހޯސޭ ފޮންޓް އަތުން ބައިކޮޅަށް ވަން ލަނޑެކެވެ.

އެކަމަކު އޭގެ ފަހުން ލިޔޯނުން ކުޅުން ރަނގަޅުކުރިއިރު، ފުރަތަމަ ހާފު ނިމުމުގެ ކުރިން އެ ޓީމުން ވަނީ ފަރަގު ކުޑަކޮށްފައެވެ. މި ހާފުގެ އިތުރު ވަގުތުގައި މި ލަނޑު ލިލްއަށް ކާމިޔާބުކޮށްދިނީ ބުރަކް ޔިލްމާޒެވެ. އަދި މެޗުގެ 60 ވަނަ މިނެޓުގައި ޖޮނަތަން ޑޭވިޑް ވަނީ ލަނޑެއް ޖަހައި، ލިލްއަށް ނަތީޖާ އެއްވަރުކޮށްދީފައެވެ. މި މެޗުން ފަހަތުން އަރައި ލިލް މޮޅުވީ މެޗު ނިމެން ފަސް މިނެޓަށް ވެފައި ވަނިކޮށް ޔިލްމާޒް ކާމިޔާބުކޮށްދިން ލަނޑުންނެވެ.

މި މޮޅާއެކު ތާވަލުގެ އެއްވަނައަށް ލިލް އަލުން އެރީ ކުޅުނު 34 މެޗުން 73 ޕޮއިންޓް ހޯދައިގެންނެވެ. ތާވަލުގެ ދެވަނައިގައި އޮތް އެންމެ ފަހުގެ ޗެމްޕިއަން ޕީއެސްޖީއަށް 34 މެޗުން ލިބިފައިވަނީ 72 ޕޮއިންޓެވެ. އަދި ތިންވަނައިގައި އޮތް މޮނާކޯއަށް 34 މެޗުން 71 ޕޮއިންޓް ލިބިފައިވާއިރު، ލިލް އަތުން ބަލިވި ލިޔޯން އޮތީ ހަތަރުވަނައިގައި 34 މެޗުން 67 ޕޮއިންޓާއެކުއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ