ތަސްވީރެއް ކިޔައިދޭ ވާހަކަ: ހަދާނެ ގޮތް ހުސްވުން

އިޖުތިމާޢީ ވާހަކަ މުނިފޫހި ފަހުގެ

މަތީގައި އެފެންނަ ތަސްވީރަށް ބަލާލުމުން، ފިނިހަކަައް ޖެހިފައިވާ ހާލާ ފެނެއެވެ. ކުރިއަށްދާން ފިރިކިލިޔަސް ވޭނެވެ. ފަހަތަށް ދާން ފިރުކިލިޔަސް ވޭނެވެ. އަދި އޮންނަތާ އޮންނަން ޖެހުނަސް ވޭނެވެ. ސުއާލަކީ ފިނިހަކަށް ދެން ކުރެވޭނީ ކޮން ކަމެއް ހެއްޔެވެ؟

މި ސުއާލުގެ ޖަވާބު ހޯދުމުގެ ގޮތުން ކުރަން ޖެހެނީ ސުއާލެކެވެ! އެ ދަންތުރައިގެ ތެރޭގައި ފިނިހައް ޖެހުނީ ކިހިނެއް ހެއްޔެވެ؟ ޝައްކެއް ނެތް ގޮތުގައި ފިނިހަކުގެ އަމަލުތަކުގެ ސަބަބުންނެވެ. ވަގުތީ އުފަލަކަށްޓަކައި، ނުވަތަ ވަގުތީ އުފަލެއް، ހިތްހަމަޖެހުމެއް ލިބިދާނެ ކަމުގެ އުއްމީދުގައި ކުރެވުނު ކަމެއްގެ ސަަބަބުން އެއޮތްތަނަށް އާދެވުނީއެވެ. ދެން، ކުރިއަށް ވެސް އަދި ފަހަތަށް ވެސް އަދި، އެ އޮތްތާގައި އޮތުން ވެސް ވަނީ ވޭނަކަށެވެ. ދެން އޮންނާނީ އެ ތަނުން ފުންމާލެވޭތޯ ބެލުމެވެ. ނަމަވެސް، އެ ތަނުގައި އޮވެ ގިނައިރުވުމުން، މިކަން ވެެސް ފަސޭހަކަމަކަށް ނުވެއެވެ. ބާރެއް ލައި ފުންމާލަން އުޅުނަސް އިތުރު އަނިޔާ ލިބެއެވެ. ކޮންމެ ވެސް ވަރެއްގެ ޒަޙަމްތަކެއް ނުވެ، ފުންމާލެވޭ ގޮތެއް ވެސް ނެތެވެ. އެހެންވީމާ، މިކަމުގެ ހަގީގީ ހައްލަކީ، އެފަދަ ދަންތުރައިގައި ނުޖެހުމެވެ. އެފަދަ ނުރައްކާތެރި މަގާމަކަށް ތިމާގެ ނަފްސު ހުށަނޭޅުމެވެ.

އިޝްތިހާރު
އިޝްތިހާރު

މި ތަސްވީރު ބުނެދޭ ހަޔާތުގެ ފިލާވަޅަކީ ކޮބައި ހެއްޔެވެ؟ ކުށްކުށަށް އަރައިގަނެވިދާނެއެވެ. އަދި، ކުށްކުރުމުގައި ދެމިވެސް ހުރެވިދާނެއެވެ. ދުވަސް ކޮޅަކަށެވެ. ނަމަވެސް، ފިނިހަކަށް ޖެހުނު ދަތުރު ޖެހޭ ދުވަސް އަންނާނެއެވެ. އެ ދުވަސް އައުމުން ފަހަތަކަށް ނުދެވޭނެއެވެ. އާދެ! މާޒީގައި ކުރެވިދާ ކަންކަން ބަދަލު ނުކުރެވޭނެއެވެ. ކުރިއަކަށް ވެސް ނުދެވޭނެއެވެ. ގާނޫނު އަރާ ހަމަކޮށް، ކުރިއަށް ދިޔުން ހުއްޓުވާނެތީއެވެ. އެ އޮތްތާ މަޑުން އޮތަކަވެސް ގާނޫނެއް ނުދޭނެއެވެ. ފުއްމާލައިގެން ގާނޫނަށް ފިލަންދުވެވޭކަށް ވެސް ނޯވެއެވެ. އެކަމުން ރެކެން މަސައްކަތްކުރުމުގެ ގޮތުން އަނގަހުޅުވާލިޔަސް އިތުރަށް ކުށުގެ ތެރެއަށް ގެނބޭ ގޮތް ވެއެވެ. ހަމައެކަނި އޮންނާނީ ގާނޫނާ ކުރިމަތިލުމެވެ. ކުށްކުރުމުގެ ނަތީޖާއާ ކުރިމަތިލުމެވެ. އެެހެންވެ، ފިނިހަކަަށް ވެސް ސަލާމަތްކަން އޮތީ އޭތި ޖެހުނު ދަންތުރައިގައި ނުޖެހި އުޅުން ފަދައިން، އިންސާނާއަށް ވެސް ސަލާމަތްކަން އޮތީ ކުށްތަކަށް އަރައި ނުގަތުމެވެ. ވަގުތީ ފައިދާއަކަށްޓަކައި، ގާނޫނުގެ މޔައިެގެ ތޫނުކަން އެނގޭއިރު، ސަލާމަތީ ފިޔަވަޅުތައް އަޅައިގެންނާއި އަދި ނާޅާވެސް ގާނޫނުގެ ކަނޑީގެ މިޔައިގެ މައްޗަށް ނަފްސު އެއްލާނުލުމެވެ! ވައްކަމާއި ރިޝްވަތު ފައިސާގައި ހިފައި ފަސާދައިގެ އަމަލުތަކުގައި ބައިވެރި ނުވުމެވެ. ތިމާގެ ތެދުވެރި ކަމާއި އަމާނަތް، އިޚުލާސްތެރިކަމާއި ނަޒާހަތްތެރިކަން ގެއްލިގެން ދާނޭ ފަދަ އަމަލުތަކަށް ތިމާގެ ނަފްސު ހުށަނޭޅުމެވެ! އާދެ! ފިނިހަކަށް ޖެހުނު ދަތުރު ޖެހުނު ބައެއްގެ ކިބައިން އިބުރަތް ލިބިގަނެ ފިނިހަކަށް ޖެހުނު ދަތުރު ނުޖެހިވޭތޯ އުޅެން ދަސްކުރަންޖެހެއެވެ!

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ