އެއްދުވަހު ރަސްގެފާނު އެ މަނިކުފާނުގެ ޚާދިމަށް ވިދާޅުވިއެވެ. “މިއަދު އަހުރެން ބަށި ކާ ހިއްވެއްޖެއެވެ.”
ދެން، ޚާދިމު ރަސްގެފާނަށް ދެންނެވެއެވެ. “އެހެންތޯއެވެ؟ ދެން، އެހެން ނުވާނީ ވެސް ކީއްވެތޯއެވެ؟ މާތްރަސްކަލާނގެ ބަށީގައި ބަރަކާތްލައްވާފައި ވެއެވެ. ބަށި ފިހެގެން ކެވެއެވެ. އަދި، ތެލުތައިގެން ވެސް ކެވެއެވެ. ބަށީގައި ރިހަ ކެއްކެއެވެ. އަދި މަސްހުނި ވެސް ހެދެއެވެ. ބައްޓަކީ އެއްވެސް ސަރުބީއެއް ނުހުންނަ އެއްގަމު މަސްފަދަ އެއްޗެކެވެ. ހުޅުނބެއް، ކައްޓެއް ނުހުންނަ ކަނޑު މަސްފަދަ އެއްޗެކެވެ!”
ދެން، ރަސްގެފާނު ވިދާޅުވިއެވެ. “ނަމަވެސް، ކުޑާ ދުވަސް ކޮޅެއް ކުރިން، އަހުރެން ބަށި ކައިގެން ކުޑަކޮށް ބަނޑަށް އުނދަގޫވިއެވެ.”
ދެން، ޚާދިމުކަލޭގެ ދެންނެވިއެވެ. “އާދެ، ބަށި ދެއްތޯއެވެ؟ މާތްރަސްކަލާނގެ ލައުނަތް ބައްޓަށް ހުއްޓެވެ! އެއީ ކެއުމުން، ބަނޑު ފުފި ބުރަކަން ލިއްބުވާއެއްޗެކެވެ. ހަޖަމުވުން އުނދަގޫ އެއްޗެކެވެ. އޭގެ މޫނުމަތި ކަޅުވެފައި ހުތުރެވެ.”
ރަސްގެފާނު ވިދާޅުވިއެވެ! “އަޖައިބެކެވެ! ދެންމެ ކަލޭ ބަށީގެ މޮޅު ވާހަކަދައްކައި އެއަށް ތައުރީފު ކުރިއެވެ. މިހާރު އޭގެ ނުރަނގަޅު ވާހަކަ ދައްކައި އެއަށް ލައުނަތް ދެނީ ހެއްޔެވެ؟ އެކައްޗެއް އެއް ވަގުތެއްގައި ރަނގަޅުވެފައި ނުރަނގަޅުވަނީ ކިހިނެއް ހެއްޔެވެ؟
ދެން ޚާދިމު ރަސްގެފާނަށް ދެންނެވިއެވެ. “ނިކަން ބައްލަވާށެވެ! އަޅުގަނޑަކީ މަނިކުފާނުގެ ޚާދިމެކެވެ. ބަށީގެ ޚާދިމެއް ނޫނެވެ. އެހެންވީމާ މަނިކުފާނު އާނއެކޭ ވިދާޅުވުމުން އަޅުގަނޑު މަނިކުފާނަށް ދަންނަވަން ޖެހެނީ އާދޭހެވެ! މަނިކުފާނު ނޫނެކޭ ވިދާޅުވެއްޖެ ނަމަ އަޅުގަނޑު ވެސް މަނިކުފާނާ އެއްބަސްވެ، ނޫނެކޭ ދަންނަވަން ޖެހެއެވެ.
އާދެ! އަޅުގަނޑުމެންގެ ތެރޭގައި ވެސް ބަށިން ހާދަ ގިނައެވެ!