އެސްޓީއޯއިން ވިއްކާ ޕެޓްރޯލާއި ޑީސަލްގެ އަގު އަނެއްކާވެސް ބޮޑުކޮށްފި އެވެ.
އެ ކުންފުނިން ބުނީ ޕެޓްރޯލާއި ޑީސަލް ވިއްކާ އަގަށް ބަދަލު ގެނެސްފައިވަނީ މިއަދުން ފެށިގެން ކަމަށެވެ. މިއަދުން ފެށިގެން އެ ކުންފުނީގެ ސަބްސިޑިއަރީ ކުންފުނި ފިއުލް ސަޕްލައިސް މޯލްޑިވްސްގެ ޝެޑްތަކުން ތެޔޮ ވިއްކާނީ އަގަށް ގެނައި ބަދަލާއި އެކު ކަމަށާއި މި ބަދަލު ގެނައީ ދުނިޔޭގެ ތެލުގެ ބާޒާރަށް އައި ބަދަލާއެކު ކަމަށެވެ.
މިއަދުން ފެށިގެން ޑީސަލް ލީޓަރެއް ވިއްކާނީ 10.95 ރުފިޔާ އަށެވެ. އެންމެ ފަހުން ވިއްކީ 10.27 ރުފިޔާ އަށެވެ.
އަދި ޕެޓްރޯލް ލީޓަރެއް ވިއްކާނީ 10.72 ރުފިޔާ އަށެވެ. އެންމެ ފަހުން ޕެޓްރޯލް ލީޓަރެއް ވިއްކީ 9.74 ރުފިޔާ އަށެވެ.
މިއީ މިދިޔަ މަހެއްހާ ދުވަހުގެ ތެރޭގައި އެސްޓީއޯއިން ތެލުގެ އަގަށް ބަދަލު ގެނައި ދެވަނަ ފަހަރެވެ. އެންމެފަހުން އެ ކުންފުނިން ތެލުގެ އަގު ބޮޑުކޮށްފައި ވަނީ މިދިޔަ މަހުގެ 20 ވަނަ ދުވަހު އެވެ.
އެސްޓީއޯއިން ބުނީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އައިސްފައިވާ ބޮޑު ބަދަލާއެކު، އެ ކުންފުނިން ފޯރުކޮށްދޭ ތެލުގެ ހިދުމަތް ދެމެހެއްޓެނެވި ގޮތެއްގައި ގެންދިއުމަށްޓަކައި އަގަށް ބަދަލު ގެންނަން ޖެހޭ ކަމަށެވެ.


