ހދ. ހަނިމާދޫ މަގު ހެދުމުގެ މަޝްރޫޢުގެ ދަށުން ކާރނޭޝަން މަގުގައި ޖަހާފައިވާ ޑިވައިޑަރތަކުން ބައެއް ވައްޓާލައިފިއެވެ. ވައްޓާލައިފައިވަނީ، ކާނޭޝަން މަގުން (ރަސްމީ ބޯޅަދަނޑުގެ ދެކުނު ފަރާތު މަގު) ހުޅަގަނގަށް ގޮސް ލައިނޫފަރު ހިނގުމާއި ކަސްތޫރި ހިނގުމާއި ދެމެދު ގައިވާ ޑިވައިޑަރތަކެވެ. ހަނިމާދޫގެ މަގު ހެދުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް ކުރަމުންދަނީ އެމް.ޓީ.ސީ.ސީގެ ފަރާތުންނެވެ.

މަގު ހެދުމުގެ މަސްރޫޢުގައި ބައިވެރިވާ މުވައްޒަފަކު ނަން ނުޖެހުމަށް ޝަރުތުކޮށް، ގޮށްކޮޅަށް މަޢުލޫމާތު ދެމުން ބުނެފައިވަނީ މިއަދު ހަވީރު 18:00 ގައި މަސައްކަތް ނިންމާފައި ދިޔައިރުވެސް މި ޑިވައިޑަރތައް ހުރީ ރަނގަޅަށް ކަމުގައެވެ. ވައްޓާލައިފައިވާ ޑިވައިޑަރތަކުގެ ތައްގަނޑު ހަދައި، ސިމެންތި މަސައްކަތް ނިންމާލާފައިވަނީ 02 ޖުލައި 2020 ވަނަ ދުވަހުގައި ކަމަށާއި، އަދި ތައްގަނޑުތައް ނައްޓާލައިފައިވަނީ މިއަދު ކަމަށެވެ.
ހަނިމާދޫގެ މަގުތަކުގައި ޑިވައިޑަރތައް ޖަހާފައިވާ ސައިޒާމެދު ހަނިމާދޫގެ ރައްޔިތުން އެކި ފަހަރުމަތިންވަނީ ނުރުހުން ފާޅުކޮށް ކައުންސިލްގެ ސަމާލުކަމަށް މި މައްސަލަ ގެނެސްފައެވެ.





