ޢިލްމަކީ އޭގެ އަހުލުވެރިން މަތީ ދަރަޖަ ތަކަކަށް އުފުއްލަވާ ކަމެކެވެ. އެ ކަމުގެ ޚަބަރު ދެއްވަމުން ﷲ ވަޙީ ކުރެއްވި ބަސްފުޅެއްގެ މާނައިގައި ވެއެވެ. “ޢިލްމު ލިބިގެންވާ މީހުން اللَّه ދަރަޖަތަކަކަށް އުފުއްލަވާނެތެވެ.” (المجادلة: ١١)
ޢިލްމުގެ އަހުލުވެރިންނަކީ ދުނިޔޭގައި ވެސް އަދި އާޚިރަތުގައި ވެސް ދަރަޖަ މަތިވެރި ވެގެންވާ ބޭކަލުންނެވެ. އެހެނަސް އެއްވެސް ޢިލްމުވެރިއަކީ ހުރިހާ އެއްޗެއް ދެނެލައްވާ ބޭކަލަކު ކަމުގައި ނުވާނެއެވެ. ދަންނަބޭކަލުންނަށް ވެސް އެނގިނުލައްވާ ހިސާބެއް އޮވެދާނެއެވެ. ހުރިހާ ކަމެއް އެންމެ މޮޅަށް ދެނެވޮޑިގެންވާ ފަރާތަކީ ގަދަކީރިތިވަންތަ މާތް ﷲ އެވެ. ﴿وَفَوْقَ كُلِّ ذِي عِلْمٍ عَلِيمٌ﴾ (يوسف: ٧٦) މާނައީ: “އަދި ކޮންމެ އިލްމުވެރިޔެއްގެ މައްޗަށް (ހުރިހާކަމެއް) މޮޅަށް ދެނެވޮޑިގެންވާ ކަލާނގެ ވޮޑިގެންވެއެވެ.”
ކަންމިހެން އޮތްއިރު ވެސް ﷲ تعالى އިންސާނާއަށް ދެއްވި މަދު ޢިލްމުކޮޅެއްގެ މައްޗަށް، ފަޚުރުވެރިކަމާ އެކު ބޮޑާވެ އުޅޭ މީހުން މަދުން ނަމަވެސް ފެންނަކަމީ ހިތާމަހުރި ކަމެކެވެ. އެފަދަ މީހުން ދެކޭ ގޮތުގައި އޭނާއަށް ލިބިފައިވާ ޢިލްމަކީ އެހެން އެންމެން އޭނާއަށްވުރެ ދަށުދަރަޖައަކަށް ވައްޓައިލާ ޢިލްމެކެވެ. އެފަދަ މީހާ ދެކޭ ގޮތުގައި އޭނާއަށް ހުރިހާ އެއްޗެއް އެނގެއެވެ. ހުރިހާ ކަމަކަށް ބަސްބުނެ ވާހަކަ ދައްކަންވީ ހަމައެކަނި އޭނާއެވެ. ނޭނގޭނެ ކަމަށް ދޫކޮށްލާނެ ހަމަ އެއް ކަމެއް ވެސް އޭނާގެ ކައިރީ ނޯންނަ ކަހަލައެވެ.
ޢިލްމުގެ ސަބަބުން އިންސާނާގެ ދަރަޖަ މަތިވެރިވުން ބިނާވެގެންވާ އެހެން އަސާސެއް ވެސް އޮވެއެވެ. އެއީ ތަޤުވާވެރިކަމެވެ.
ތަޤުވާވެރިކަމާ އެކު ﷲ سبحانه وتعالى އަށް ކިޔަމަންތެރިކަން އަދާކުރާ، ޞާލިޙު އަޅާ، އެ އިލާހު އިރާދަކުރައްވާ މިންވަރަކަށް މީސްތަކުންގެ ތެރޭ ދަރަޖަ އުފުއްލަވަތެވެ. މުދާވެރިކަމެއް ނުވަތަ ނަސަބުގެ މޮޅުކަމެއް ނެތް މީހަކު ކަމުގައި ވިޔަސް މެއެވެ. އަދި ހަމަ އެހެންމެ ހަސަބާއި ނަސަބުގެ ގޮތުން ތަނަވަސް، މުދާވެރި މީހާ ވެސް އޭނާގެ އުރެދުމާއި ފާފައިގެ ސަބަބުން ﷲ އޭނާ ނިކަމެތި ކުރައްވަތެވެ. ދަންނާށެވެ! އުރެދުމުގެ ގޮތުން އެންމެ ނުބައި ފުރެދުމަކީ ކިބުރުވެރިކަމެވެ. އޭގެ ޒައްރެއްގެ މިންވަރު ވެސް ހިތުގައި އޮވެއްޖެ މީހާ ސުވަރުގެ ނުވަންނަ ހުއްޓެވެ.
ކަން މިހެން އޮތްއިރު އަޅުގަނޑުމެންނަށް ލިބިފައިވާ މަދު ޢިލްމުކޮޅު އިތުރުކޮށްދެއްވުން އެދި ﷲ ގެ ހަޟްރަތުގައި ގިނަގިނައިން ދަންނަވަން ވީއެވެ! ނޭނގޭ ކަންކަމާ މެދު ބަސް ބުނެއުޅުން ހުއްޓައިލަން ވީއެވެ. ތިމާއަށް އެނގޭ މިންވަރަށް ނޭނގޭ ބަޔަކު ތިބޭނެކަން ޤަބޫލުކުރާ ފަދައިން، އެހެން މީހުންނަށް އެނގޭ އެއްޗެއް ތިބާއަށް ވެސް ނޭނގި އޮވެދާނެކަން ޤަބޫލު ކުރަން ވާނެއެވެ.
ނޯޓް : މިއީ هــ ۱٤٤۲ އަހަރު ذُو الْحِجَّة މަހުގެ 20 ވީ ހުކުރު ދުވަހު ނެރުނު “ދީނުގެމަގު” މަޖައްލާގެ 30 ވަނަ ޢަދަދުގެ ފުރަތަމަ ޞަފްޙާގައި الشيخ محمد أفضل ލިޔުއްވާފައިވާ މަޒުމޫނުގެ ނަކަލެކެވެ.