ކެތްތެރިވުމާ ބެހޭ ގޮތުން ވާހަކައެއް ދެކެވިއްޖެނަމަ، އެންމެ ފުރަތަމަ ވެސް ސިކުނޑިއަށް އަންނަނީ އަމިއްލަ، ނުވަތަ ޒާތީ ދިރިއުޅުމުގައި ދިމާވެފައިހުރި އެކިއެކި ހާދިސާތަކެވެ. އެހެނަސް ކެތްތެރިވުމުގެ މައުޟޫޢަކީ މިއަށްވުރެ މާފުޅާ މައުޟޫޢެކެވެ. ދުނިޔަވީ ކަންކަމުގެ އިތުރަށް ދީނީ ކަންކަމަށް ލޯބިކޮށް، ދީނަށް އުޅެން މަސައްކަތް ކުރުމަކީ ވެސް އެ ކަމުގައި ކެތްތެރިކަން އިސްކުރަން ޖެހޭ ކަމެކެވެ. އިސްލާމްދީނަށް ލޯބިކޮށް، އެ ދީނުގެ ކަންކަމަށް ތަބާވާ މިންވަރެއްގެ މައްޗަށް އެކިއެކި އުނދަގޫތަކާއި ކުރިމަތިވެ އެ މީހެއްގެ ކެތްތެރިކަން އިމްތިޙާނު ކުރެވެއެވެ.
އެގޮތުން ބަލާއިރު މީސްތަކުންނަށް ދީން އުނގަންނައި ދެއްވުމަށް ﷲ سبحانه وتعالى ފޮނުއްވެވި ރަސޫލުބޭކަލުންނާއި ނަބީބޭކަލުން ވަނީ، އެބޭކަލުންނަށް ކުރިމަތިވެވަޑައިގެންނެވި ބޮޑެތި އިމްތިޙާނުތަކުގައި ކެތްތެރިކަމުގެ ރިވެތި ނަމޫނާ ދައްކަވާފައެވެ. މި އުންމަތުގެ މާތް ނަބިއްޔާ މުޙައްމަދު صَلَّى اللهُ عَلَيْهِ وَسَلَّمއަކީ އިސްލާމްދީނުގެ ރިސާލަތާއިގެން ވަޑައިގަތުމުގެ ކުރިން މައްކާގެ އަހުލުވެރިންގެ މެދުގައި ނުހަނު މަޤްބޫލު، އަދި ތެދުވެރިކަމާއި އަމާނާތްތެރިކަމުގެ ލަޤަބުން މުޚާޠަބު ކުރެވުނު ބޭކަލެކެވެ. އެކަލޭގެފާނު އިސްލާމީ ރިސާލަތު ފާޅުކުރެއްވުމާ އެކު މުޝްރިކުންގެ ހުތުރު ބަސްތަކާއި ދުއްތުރާތަކުގެ އިތުރަށް އުނދަގޫތަކާ ކުރިމަތިލައްވަން ޖެހިވަޑައިގެންނެވިއެވެ. އެކަލޭގެފާނަކީ މޮޔައެއް ކަމަށާއި، ސިހުރުވެރިއެއް ކަމަށް ބުނުމުގެ އިތުރަށް އެތައް ގޮތަކުން މަލާމާތާއި ފުރައްސާރަ ކުރިމަތި ކުރިއެވެ. އެބައިމީހުންގެ ފަރާތުން ކުރިމަތިވަމުންދިޔަ އުނދަގޫތަކަށް އިޝާރާތް ކުރައްވާ ﷲ سبحانه وتعالى ވަޙީކުރެއްވިއެވެ. ﴿وَلَقَدْ نَعْلَمُ أَنَّكَ يَضِيقُ صَدْرُكَ بِمَا يَقُولُونَ﴾ (الحجر: ٩٧) މާނައީ: “ހަމަކަށަވަރުން، އެއުރެން ބުނާ ބުނުމުން ކަލޭގެފާނުގެ ހިތްޕުޅު ދަތިވާކަން، ތިމަންރަސްކަލާނގެ ދެނެވޮޑިގެންވަމެވެ.”
ދުނިޔޭގައި އުޅޭ އެންމެންނަކީ ތެދުވެރި މުސްލިމުން ކަމުގައި ލެއްވުމަށް ﷲ سبحانه وتعالى ކުޅަދުންވަންތައެވެ. އެހެނަސް، ވަކި ނިޒާމަކުން ދުނިޔެ ތަރުތީބު ކުރައްވާފައި ވަނީ އިންސާނުން އިމްތިޙާނު ކުރެއްވުމަށްޓަކައެވެ. ކެތްތެރިންނަކީ ކޮބައިކަން ބެއްލެވުމަށެވެ. އިސްލާމްދީނަށް އުޅުމާއި އެ ދީނުގެ ދައުވަތު ދިނުމުގައި މުސްލިމް އަޅާގެ ހިތް ނުތަނަވަސްވެ މާޔޫސްވާ ވަގުތުތައް އާދެއެވެ. އެފަދަ ދަނޑިވަޅުތަކުގައި އޭނާގެ މައްޗަށް ޝައިތާނާ ސަވާރުވާ މިންވަރު ބޮޑުވެއެވެ. ދީނުގެ މަތީ ސާބިތުވެ ހުރުމަކީ އުނދަގޫ ކަމެއްކަމުގައި ވިސްނައިދެއެވެ. އަދި އޭގެ ސަބަބުން ދުނިޔަވީ އުފާތަކުން މީހާ މަޙްރޫމް ވެދާނެ ކަމުގެ ވަސްވާސް އޭނާގެ ހިތަށް ވައްދައެވެ. އެފަދަ ކޮންމެ ވަގުތެއްގައި ކެއްތެރިކަމާއި ނަމާދުން ވާގި އެދުމަށް ﷲ تعالى ވަނީ މުއުމިނުންނަށް އަންގަވާފައެވެ.
ދަތިކަމާއި މުޞީބާތުގެ ވަގުތުގައި ކެތްތެރިވާ އަޅުންނަށް އޮތް އަޖުރުގެ ވާހަކަ ބަޔާންކުރައްވައި މާތް ﷲ ވަޙީކުރައްވާފައިވެއެވެ. ﴿إِنَّمَا يُوَفَّى الصَّابِرُونَ أَجْرَهُم بِغَيْرِ حِسَابٍ﴾ (الزمر:10) މާނައީ: “ކެތްތެރިންނަށް އެއުރެންގެ ދަރުމަ ދެއްވާހުށިކަން ކަށަވަރީ ހިސާބެއް ނެތިއެވެ.”
ﷲ سبحانه وتعالى ދެއްވާނެ ކަމަށް އެ އަންގަވައި ވަޢުދުވެވޮޑިގަންނަވާ ހިސާބެއް ނެތް އަޖުރަކީ، މޯޅިވެފައިވާ ހިތްތަކަށް އާރޯ ކަމެއް ގެނުވައިދީ، ތެދުމަގުގައި ދެމިހުރުމަށް ލިބޭ ކިހާބޮޑު ހިތްވަރެއް ތޯއެވެ!
ނޯޓް : މިއީ هــ ۱٤٤۲ އަހަރު ذُو الْحِجَّة މަހުގެ 20 ވީ ހުކުރު ދުވަހު ނެރުނު “ދީނުގެމަގު” މަޖައްލާގެ 30 ވަނަ ޢަދަދުގެ 2 ވަނަ ޞަފްޙާގައި الشَّيْخ حَارِث زَاهِر ލިޔުއްވާފައިވާ މަޒުމޫނުގެ ނަކަލެކެވެ.