ހދ.ހަނިމާދޫގައި ތާރު އަޅާފައިވާ މަގުތަކުން ރަނގަޅަށް ތާރު ނުހިކެނީސް އެއްގަމު އުޅަނދު ދުއްވާ މައްސަލަ ފާހަގަ ކުރެވިފައިވާތީ ހަނިމާދޫ ކައުންސިލުން ކަންބޮޑުވުން ރައްޔިތުންނާއި ހިއްސާކޮށްފިއެވެ.
ކަންބޮޑުވުން ހާމަކޮށް ހަނިމާދޫ ކައުންސިލުން ނެރުނު އިއުލާނެއްގައި ބުނީ ހަނިމާދޫގައި ތާރުއަޅައިގެން ހަދަމުންގެންދާ މަގުތަކުގެ ތެރެއިން ތާރު ފަށަލަ އެޅުމަށްފަހު އެމަގުތައް ވަކި ގަޑިތަކެއް ވަންދެން ބޭނުން ނުކޮށް ތާރުހިކުމަށް ބާއްވަންޖެހޭތީ، ބޭނުންކުރުން މަނާ ކުރެވިފައިވާ މަގެއްކަން އެންގުމަށްޓަކައި އިންޒާރުގެ ޓޭޕް ދަމާފައިވާ ކަމަށެވެ. ނަމަވެސް އެޓޭޕް ކަނޑާލުމަށްފަހު އެ މަގުތަކުން އެއްގަމު އުޅަނދު ދުއްވާކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ.

އަދި މި މަގުތައް ރަނގަޅަށް ނުހިކެނީސް ބޭނުންކުރަން ފަށައިފިނަމަ ތާރުގަނޑު ކަނޑައިގެންގޮސް ތާރުގަނޑުގައި ރެސްއަޅާ ހަލާކުވާނެ ކަމަށްވެސް ކައުންސިލުން ބުނެފައިވެއެވެ.
ހަނިމާދޫގެ މަގުތަކުގައި ތާރު އެޅުމުގެ އަމަލީ މަސައްކަތް މިދިޔަ މަސްތެރޭ ފައްޓަވައި ދެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ.

ހަނިމާދޫ މަގުހެދުމުގެ މަސައްކަތަކީ ދައުލަތުގެ ބަޖެޓުން ޚަރަދުކޮށްގެން ކުރިޔަށްގެންދާ މަޝްރޫޢެކެވެ. މި މަސައްކަތް ކުރިޔަށްގެންދަނީ އެމްޓީސީސީއާ ޙަވާލުކޮށްގެންނެވެ. މި މަޝްރޫޢުގެ ދަށުން ހަނިމާދޫގެ 20 މަގެއްގައި ޖުމްލަ 6.4 ކިލޯ މީޓަރުގެ ދިގު މިނުގައި ތާރު އަޅައި ރަނގަޅު ފެންވަރަކަށް މަގު ހެދުމަށް ވަނީ ހަމަޖެހިފައެވެ.


