ޤުރުއާނަކީ އަނދިރިކަމުން އަލިކަމަށް ގެންގޮސްދޭ ސަވާރީއެކެވެ.

ރަންގަލަން ފަހުގެ

އަޅުގަނޑުމެންގެ މި ދިވެހި މުޖުތަމަޢުގެ ގިނަ ޒުވާނުންނަކީ ހެޔޮ ކަންކަން ކުރުމަށް ޝައުޤުވެރިވާ ބައެކެވެ. ފާފަތަކުން ދުރުވާން ބޭނުންވާ ބައެކެވެ. ނުކިއްސަރު މަގުމަގުން ދެވިފައިވާ ޒުވާނުން ވެސް ބޭނުން ވަނީ އަނދިރިކަމުން އަލިކަމަށް ނުކުމެ ޙަޔާތަށް ބޮޑު ބަދަލެއް ގެންނާށެވެ. މި ޒުވާނުންގެ ހިތުގައި އުފެދިފައިވާ ސުވާލަކީ އަނދިރިކަމުން އަލިކަމަށް ގެންގޮސްދޭނެ ސަވާރީއަކީ ކޮބައި ހެއްޔެވެ؟

އާދެ، އެ ސަވާރީއަކީ ކީރިތި ޤުރުއާނެވެ. މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. ﴿لَوْ أَنزَلْنَا هَٰذَا الْقُرْآنَ عَلَىٰ جَبَلٍ لَّرَأَيْتَهُ خَاشِعًا مُّتَصَدِّعًا مِّنْ خَشْيَةِ اللَّهِ﴾ ‎(الحشر :٢١) މާނައީ: “ތިމަންރަސްކަލާނގެ ފަރުބަދައެއްގެ މައްޗަށް މި ޤުރުއާން ބާވައިލެއްވިނަމަ، ހަމަކަށަވަރުން، އެ ފަރުބަދައެއް ﷲ އަށް ބިރުވެތިވުމުގެ ސަބަބުން ކުނޑިކުނޑިވެގެން ތިރިވާތީ ތިބާއަށް ފެންނާނެއެވެ.”

އިޝްތިހާރު
އިޝްތިހާރު

ޤުރުއާނުގެ ސަބަބުން ބޮޑެތި ބިޔަ ފަރުބަދަތައް ކުނޑިކުނޑި ވާނަމަ، އަޅުގަނޑުމެންގެ ކަށީގައި ހިފާފައިވާ ނުބައި އާދަތައް ވެސް ޤުރުއާނުގެ ސަބަބުން ފުނޑުފުނޑުވެގެން ދާނެއެވެ.

ޤުރުއާނުގެ ސަބަބުން ނުބައި އާދަތަކުން ހަމައެކަނި ދުރުވެވެނީކީ ނޫނެވެ. އަދި ކިއެއްތޯ، ހެޔޮކަމާއި ތަޤްވާވެރިކަމުގެ އެތައް ކުރިބޯށްޓެއް އެކަމުގެ ސަބަބުން ޙާޞިލުވެއެވެ. ކީރިތި ޤުރުއާން، ތިބާގެ ޢިއްޒަތާއި ޤަދަރު މަތިކޮށްދެއެވެ.

އެންމެ މާތް މަލާއިކަތަކީ ޤުރުއާނާއިގެން ފައިބައިވަޑައިގެންނެވި ޖިބްރީލް عليه السلام އެވެ. އެންމެ މާތް އިންސާނަކީ އެބޭކަލެއްގެ މައްޗަށް ޤުރުއާން ބާވައިލެއްވުނު ކީރިތި ރަސޫލާ مُحَمَّد صَلَّى اللهُ عَلَيْهِ وَسَلَّم އެވެ. މައްސަރުތަކުގެ ތެރެއިން އެންމެ މާތް މަހަކީ އެ މަހެއްގައި ޤުރުއާން ބާވައިލެއްވުނު ރަމަޟާންމަހެވެ. ތިބާގެ ހިތުގައި އެ ޤުރުއާން ޖަމަޢަވެއްޖެނަމަ، ތިބާގެ ދަރަޖަ ދުނިޔެއާއި އާޚިރަތުގައި އުފުލިގެން ދާނެވަރު އިޙްސާސް ކޮށްލައްވާށެވެ.

ޤުރުއާނަކީ ބަރަކާތުން ފުރިގެންވާ ފޮތެއް ކަމުގައި ވުމުން، ޤުރުއާން ކިޔަވަން ވަގުތު ހޭދަކުރުމަކީ ތިމާގެ އެހެން ކަންކަން ފަސޭހައިން ކުރެވެން މަގުފަހިވާނެ ކަމެކެވެ. ﷲ تعالى އެ ކަމުގެ ސަބަބުން ތިބާގެ މުޅި ދުވަހުގައި ބަރަކާތް ލައްވާނެތެވެ.

﴿كِتَابٌ أَنزَلْنَاهُ إِلَيْكَ مُبَارَكٌ لِّيَدَّبَّرُوا آيَاتِهِ وَلِيَتَذَكَّرَ أُولُو الْأَلْبَابِ﴾ (ص: ٢٩) މާނައީ: “(މިއީ) ކަލޭގެފާނަށް ތިމަންރަސްކަލާނގެ ބާވައިލެއްވި ބަރަކާތްތެރި ފޮތެކެވެ. (އެއީ) އެއުރެން އެ ފޮތުގެ އާޔަތްތަކުގެ މާނަތަކާމެދު ވިސްނައި ފިކުރުކުރުމަށެވެ. އަދި ބުއްދީގެ އަހުލުވެރިން (އެއިން) ނަޞީޙަތް ލިބިގަތުމަށެވެ.”

ޤުރުއާނަކީ މުއުމިނުންނަށް ހުރި ޝިފާއެއް ކަން އަލްއިސްރާއު ސޫރަތުގެ 82 ވަނަ އާޔަތުން އެނގެއެވެ. ‎﴿وَنُنَزِّلُ مِنَ الْقُرْآنِ مَا هُوَ شِفَاءٌ وَرَحْمَةٌ لِّلْمُؤْمِنِينَ ۙ وَلَا يَزِيدُ الظَّالِمِينَ إِلَّا خَسَارًا﴾ ‎(الإسراء :٨٢)‏ މާނައީ: “ތިމަންރަސްކަލާނގެ ޤުރުއާނުން މުއުމިނުންނަށް ރަޙްމަތާއި، ޝިފާ ކަމުގައިވާ ތަކެތި ބާވައިލައްވަމެވެ”.

ކީރިތި ޤުރުއާނަކީ ހިދާޔަތުގެ އެންމެ އަލިގަދަ ދަންމަރެވެ. އަނދިރިކަމުން އަލިކަމަށް ގެނެސްދޭ ވަސީލަތެކެވެ. ސުވަރުގޭގެ މަތީ ދަރަޖަތަކަށް ވާސިލުކޮށްދޭ ސަވާރީއެވެ. ގިނަގިނައިން ޤުރުއާން ކިޔަވާ އަދި ޤުރުއާނަށް ޢަމަލުކުރުމުގެ ހެޔޮ ތައުފީޤު އަޅަމެންނަށް ދެއްވާށިއެވެ. އާމީން!

ނޯޓް : މިއީ هــ ۱٤٤۲ އަހަރު ذُو الْحِجَّة މަހުގެ 20 ވީ ހުކުރު ދުވަހު ނެރުނު “ދީނުގެމަގު” މަޖައްލާގެ 30 ވަނަ ޢަދަދުގެ 3 ވަނަ ޞަފްޙާގައި الشَّيْخ مُحَمَّد مَوْعُوْن ލިޔުއްވާފައިވާ މަޒުމޫނުގެ ނަކަލެކެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ