ވަގަށް ނަގައި މަރާލާފައިވާ ނޫސްވެރިޔާ އަހުމަދު ރިލްވާން އަބްދުﷲ ގެ މައްސަލާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އާއި ސުވާލުކުރެއްވުމުން އެމަނިކުފާނު ހުންނެވީ ހަނު ކަމަށް މަރުތަކާ ބެހޭ ކޮމިޝަނުން ބުނެފިއެވެ.
ރިލްވާންގެ މައްސަލާގައި މަރުތަކާ ބެހޭ ކޮމިޝަނަށް ޔާމީން ވަނީ މިއަދު މެންދުރު ހާޒިރުކޮށްފައެވެ. ޔާމީނަށް ކުރާ ތުހުމަތަކީ ރިލްވާންގެ މައްސަލައިގެ ތަހުގީގަށް ހުރަސްއެޅި ކަމުގެ ތުހުމަތެވެ.
ޔާމީން ހާޒިރުކުރުމާ ގުޅިގެން ބައެއް މީޑިއާތަކަށް މައުލޫމާތު ދެއްވަމުން އެ ކޮމިޝަނުގެ މެމްބަރު މިޞްބާޙު ޢަބްދުﷲ ވިދާޅުވީ އެ މައްސަލާގައި ކޮމިޝަނުން އެތައް ފަހަރަކު ސުވާލުކުރުމުން ވެސް ޔާމީން ހުންނެވީ ހަނު ކަމަށާއި، މި ތުހުމަތަށް ޖަވާބުދާރީވާން ތަކުރާރުކޮށް ފުރުސަތު އެރުވުމުން ވެސް ޔާމީން ހަނު ހުންނެވުމުން އެކަމާ ހިތާމަކުރައްވާ ކަމަށެވެ.
އދި މި މައްސަލާގައި ޔާމީނުގެ މައްޗަށް ކުރާ ތުހުމަތަށް އެމަނިކުފާނު ފުރިހަމަ ޖަވާބުދާރީވުމަކީ ރިލްވާންގެ އާއިލާ އިން ވެސް އެދޭނެ ގޮތް ކަމަށް މިސްބާހު ވިދާޅުވިއެވެ.
ރިލްވާން މައްސަލައާ ގުޅިގެން މަރު ކޮމިޝަނުން މީގެ ކުރިން ބޭއްވި ޕްރެސް ކޮންފަރެންސެއްގައި އެ ކޮމިޝަންގެ އޭރުގެ ރައިސް އަދި މިހާރު ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދު ވަނީ ރިލްވާން ގަދަކަމުން ކާރަށް އަރުވައިގެން ގެންދިޔައީ ކަނޑުމައްޗަށް ކަމަށާއި، އަދި ދޯންޏެއްގައި މަރާލާފައިވާކަމަށް ބެލެވޭކަމަށް ވިދާޅުވެފައެވެ.
މަރު ކޮމިޝަނުން ރިލްވާން މައްސަލާގައި ތައްޔާރުކުރި ރިޕޯޓްގެ ހުލާސާ ރިޕޯޓެއް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅިއިރު، އެ ރިޕޯޓް މަޖިލީހުން ވަނީ އާންމުކޮށްފައެވެ.
އެ ރިޕޯޓުގައިވާ ގޮތުން ރިލްވާން ކިޑްނެޕްކޮށްގެން ގެންގޮސް އެރުވީ އުކުޅަހު ދޯންޏަކަށެވެ. ދޯނީގެ ވެރި މީހާއަށް ކިޔަނީ އއ އުކުޅަސް، މާވަޑިއާގެ މުހަންމަދު ރާޝިދުއެވެ. ހަމަ އެގޭ އަލްގިސް އާއި ދެމީހުން އެ ދުވަސްވަރު ދެ ދޯނި ގެންގުޅުނު ކަމަށާއި މި ދެ ދޯންޏަކީ ވެސް ދީނީ ޖިހާދީ ޖަމާއަތުން އާމްދަނީ ހޯދުމަށް ގެންގުޅޭ ދެ ދޯނި ކަމަށް ބުނެފައިވެއެވެ.
މި ދެ ދޯނި ހަމަޖައްސައިދިނީ މި ޖަމާއަތުގެ އޮޕަރޭޝަންސް ތަކުގެ އެންމެ އިސްމީހަކަށް ހުންނަ ސ. ފެދޫ ގުރަހާގެ އަގްލީލް (ކިޑޫ) ކަމަށް ރިޕޯޓްގައި ބުނެފައި ވެއެވެ.
“މި ދޯންޏަށް އެރުވުމަށްފަހު ރިލްވާންގެ ކަރު ބުރިކޮށްލީ އެވެ. ބޯ ބުރިކޮށްލުމަށްފަހު، އެ މީހުން ރިލްވާނުގެ ހަށިގަނޑު ކަނޑު ފެއްތީއެވެ” އެ ރިޕޯޓުގައި ބުނެފައިވެއެވެ.
އަދި ތ.އޮމަދޫ /އަތިރީގެ، ޞާމިތު މުޙައްމަދުއާއި ދެކެވުނު ވާހަކައިން ރިލްވާން މަރާލީ އޭނަކަން އެނގޭ ކަމަށް ހެކިވެރިޔަކާ ހަވާލާދީ އެ ރިޕޯޓުގައި ބުނެފައިވެއެވެ.
އެ ރިޕޯޓުގައިވާ ގޮތުން ރިލްވާން ދޯންޏަށް އެރުވީ ރަތް ކާރުގައި ގޮސް ރިލްވާން ކިޑްނެޕްކޮށްގެން އަތިރިމައްޗަށް ގެނެސް ޑިންގީއަކަށް އަރުވައިގެން އެ ދޯނި ކައިރިއަށް ގެނެސްގެންނެވެ.
“ރަތް ކާރުގައި ރިޟްވާން ކިޑްނެޕް ކުރަން ދިޔައިރު ކާރުގައި ތިބީ މުނާއްކޮ އާއި އާލިފް އާއި ޝައްފާފުއެވެ. ކާރު ދުއްވަން އިނީ މުނާއްކޮ އެވެ. ދެން ކުރީގަ އިނީ އާލިފް އެވެ. ޝައްފާފު އިނީ ފަހަތުގައެވެ. ކާރުގެ ފަހަތުން ސައިކަލުގައި ދިޔައީ ސުވައިދު (މުޙަންމަދު ސުވައިދު ސ. ހުޅުދޫ އަތިރީގެއާގެ) އާއި ސޮލާހު (ޝަބީނިއޯއާ އެއްކޮށް 30 ޑިސެމްބަރު 2014ގައި ސިރިޔާ އަށް ފުރައިގެން ދިޔަ ސޮލާހް (އާއި ޝަބީނިއޯ) އިސްމާޢީލް ޞަބިޙް، (ޏ. ފުވައްމުލައް / ދަޑިމަގު، ދަޑޮފީށި) އެވެ” އެ ރިޕޯޓުގައި ބުނެފައިވެއެވެ.


