އިސްލާމީ އުޚުއްވަތު

ރަންގަލަން ފަހުގެ ދީން

ދީނުގެ އެންމެ މަތިވެރި އަދި އެންމެ ރިވެތި މަފްހޫމުތަކުގެ ތެރެއިން އެއް މަފްހޫމަކީ، ހުރިހައި މުސްލިމުންނަކީ އަޚުން އުޚްތުންތަކެއް ފަދަ ބައެއް ކަމަށް ދީނުގައި އޮންނަ އޮތުމެވެ. ކޮންމެ މުސްލިމަކު ވެސް، ތިމާގެ އަމިއްލަ ނަފުސަށް ހެވާއި ލާބަ އެދޭ ފަދައިން، އަނެއް މުސްލިމާއަށް ޓަކައި ވެސް ހަމަ އެ ފަދައިން އުއްމީދު ކުރުމަކީ ދީނުގެ ބައެއް ކަމަށް ލެއްވި ލެއްވުމެވެ.

މިއަދު އަޅުގަނޑުމެންގެ ތެރޭގައި އިސްލާމީ އުޚުއްވަތުގެ ލޯތްބާއި ކުލުނާއި ރަޙުމު ވަނީ ވަރަށް ބޮޑަށް ނެތިފައެވެ. އެތައް ސަބަބުތަކަކާ ހުރެއެވެ. އެންމެ މައިގަނޑު ސަބަބަކީ އަޅުގަނޑުމެންނަށް އިސްލާމް ދީނުގެ މަތިވެރި ތަޢުލީމާ ދުރުހެލި ވެވިފައި ވާކަމެވެ. ކީރިތި މާތް ނަބިއްޔާ صَلَّى اللهُ عَلَيْهِ وَسَلَّم ގެ ރިވެތި ސުންނަތުގެ ރިވެތި އަޚްލާޤީ ނަމޫނާއިން ފިލާވަޅު ލިބިނުގަނެވުމެވެ. އިޙްސާންތެރިކަމުގެ ހެޔޮ މަގާ އަޅުގަނޑުމެންނަށް ދުރު ވެވިފައި ވާކަމެވެ. ހަމަ އެއާ އެކު، އެ މީހަކާ އެ މީހެއް ފަލްސަފާއަށް ތަބަޢަ ވެގެން އުޅެވޭ ކަމެވެ. ނަފްސުލް އައްމާރާ އާއި އިބްލީސްގެ ވަސްވާސްތަކުގެ އަވައިގައި ޖެހިގެން، ޙަސަދަވެރިކަމާއި ނަފްރަތާއި ނީހައިގެ މަގުގައި ހިނގޭ ކަމެވެ.

އިޝްތިހާރު
އިޝްތިހާރު

މި އުއްމަތުގެ ސަލަފުންގެ މުޖުތަމަޢުގައި އޮތް އިސްލާމީ އުޚުއްވަތްތެރިކަމާއި ލޯތްބާއި ކުލުނާއި ރަޙްމަކީ، މުޅި މުޖުތަމަޢަށް ޒީނަތްތެރިކަމާއި ފާންކަން ގެނެސްދިން އަލިކަމެކެވެ. މުޖުތަމަޢުގެ ކޮންމެ ފަރުދަކަށް މެ ނަފްސާނީ ގޮތުންނާއި އެހެނިހެން ގޮތްގޮތުން ޝިފާ ގެނުވައިދިން ފުރާނައިގެ ކާނާއެކެވެ. އެ މުޖުތަމަޢަކީ އިންސާނިއްޔަތުގެ އުޖާލާ ދަންމަރެއް ކަމަށް ހަދައިދިން އެންމެ މުހިއްމު އެއް ސިފައެވެ. ނަމަވެސް މިއަދު މުސްލިމު މުޖުތަމަޢުތަކުން ފެންނަނީ މުޅީން ތަފާތު މަންޒަރެކެވެ. މިއަދު އަޅުގަނޑުމެން މުސްލިމުންގެ މެދުގައި ވެސް، އެކަކު އަނެކަކާ މެދު ގިނަ ފަހަރު އޮންނަނީ ހިތުގެ ނުރުހުންތެރިކަމެވެ. ބައެއް ފަހަރު ޙަސަދަ އާއި ނަފްރަތެވެ. ނީހަޔާއި ހަހުރައެވެ. އެކަކަށް ލިބޭ ނިޢުމަތަކާ މެދު، އަނެކުންނަށް މި ހުރެވެނީ ނުރުހުންތެރި ވެވިފައެވެ. އެކެއްގެ ޙައްޤަށް އަރައިގަންނާކަށް އަނެކާ ޖެހިލުން ވާ ތަން ފެންނަނީ މަދު ފަހަރަކުއެވެ. އެކެއްގެ ކިބައިން ފެންނަ ގޯހާއި ކުށާ މެދު، ހިތުގެ އިޚްލާޞްތެރިކަމާއި ލޯތްބާއި ރަޙްމާ އެކު މަޢާފު ކުރެވޭތަން ފެންނަނީ މަދުންނެވެ. ރަހިމުގެ ގުޅުމުން ގުޅިފައި ވާ ޢާއިލާތަކުގެ ތެރޭގައި ވެސް ޙާލަތު އޮތީ ހަމަ މި ކަހަލަ ގޮތަކަށެވެ.

މިއީ ކޮންފަދަ ބޮޑު ހިތާމައެއްތޯއެވެ؟ އިލާހީ ބަރަކާތް ލިބިގަތުމަށް ޓަކައި، އިސްލާމީ އުޚުއްވަތުގެ މަތިވެރި އަލިކަން އަނެއްކާ ވެސް އަޅުގަނޑުމެންގެ ތެރެޔަށް ގެނެވޭތޯ އެންމެން ގުޅިގެން މަސައްކަތް ކުރަމާތޯއެވެ! ދެ ދުނިޔޭގެ މެ ސަލާމަތާއި ފަލާޙާއި އުފާވެރިކަމުގެ މަގަކީ އެއީއެވެ.

ނޯޓް : މިއީ هــ ۱٤٤۲ އަހަރު ذُو الْحِجَّة މަހުގެ 27 ވީ ހުކުރު ދުވަހު ނެރުނު “ދީނުގެމަގު” މަޖައްލާގެ 31 ވަނަ ޢަދަދުގެ 3 ވަނަ ޞަފްޙާގައި الْأُسْتَاذ أَحْمَدُ مَاجِد ލިޔުއްވާފައިވާ މަޒުމޫނުގެ ނަކަލެކެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ