ހެޔޮކަމުން މަޙްރޫމު ވުން: ދުނިޔެމަތީގައި ދެއްވާ ޢުޤޫބާތެއް

ރަންގަލަން ފަހުގެ ދީން

ފާފަތަކަށް އަރައިގަތުމަކީ އަބާއްޖަވެރިކަމާއި، ނުބައިކަން އެތައް ގޮތަކުން ކުރިމަތިކުރުވާ ކަމެކެވެ. އޭގެ އަސަރު މުޖްތަމަޢުތަކަށާއި ވަކިވަކި ފަރުދުންނަށް ވެސް ނުހަނު ބޮޑެވެ. އުރެދުންތެރިކަމާއި ފާފައިގެ ޢުޤޫބާތް ދުނިޔޭގައި ވެސް ކުރިމަތިވެއެވެ. އޭގެ ތެރޭގައި، ޢިލްމުން މަޙްރޫމް ވުމާއި، ރޯދިބަރަކާތް އުނިވުމާއި، ބަލިބައްޔާއި ވަބާތައް ގިނަވުން ފަދަ ކަންކަން ހިމެނެއެވެ.

އެއަށްވުރެން ވެސް ނުރަކާތެރިކަން ބޮޑު ކަމަކީ، އުރެދުންތަކަށް އަރައިގަތުމާއި ފާފައިގެ ސަބަބުން ހެޔޮ ޢަމަލުތަކުން މަޙްރޫމު ކުރެއްވުމެވެ.

އިޝްތިހާރު
އިޝްތިހާރު

އަލްޙަސަނުލް ބަޞަރީ رحمه الله ވިދާޅުވެފައިވެއެވެ. “އަޅުތަކުންކުރެ މީހަކު ފާފައަކަށް އަރައިގެން ކަމަށްޓަކައި، އޭނާ ކޮށްއުޅުނު ރޭއަޅުކަމުން މަޙުރޫމުވެދެއެވެ.” އެބަހީ: ރޭއަޅުކަން ކޮށްއުޅެފައި، ކަންނެތްވެ، ނުވަތަ އެނޫން ކަމެއް މެދުވެރިވެގެން ނަމަވެސް އެ އަޅުކަމާ ދުރަށް ޖެހެވުމުގެ ސިއްރަކީ ފާފަތަކަށް އަރައިގަނެވުމެވެ.”

މީހަކު އައިސް އަލްޙަސަން رحمه الله ގެ އަރިހުގައި ދެންނެވިއެވެ. “އަޅުގަނޑު ރޭގަނޑު، އެއްވެސް ބަލިމަޑުކަމެއް ވެސް ނެތް ޙާލުގައި، ރޭއަޅުކަން ކުރާ ހިތުން، ވުޟޫ ވެސް ކޮށްގެން އޮންނަމެވެ. އެހެނަސް ދަމުނަމާދަށް ތެދުވެވޭ ގޮތެއް ހަމަ ނުވަނީ ކީއްވެ ހެއްޔެވެ؟” އެކަލޭގެފާނު ވިދާޅުވިއެވެ. “ތިބާގެ ފާފަތަކުގެ ސަބަބުން ތިބާ ވަނީ ބަންދުވެފައެވެ”.

ފާފައިގެ ސަބަބުން ހެޔޮ ޢަމަލުތަކުން މަޙްރޫމު ވެފައިވަނީ ކިތައްކިތައް މީހުން ހެއްޔެވެ؟ ނަމާދުކުރުމާއި، ރޯދަހިފުމާއި، ކީރިތި ޤުރުއާން ކިޔެވުން ފަދަ ހެޔޮ ޢަމަލުތައް ކުރުމަށް ކަންނެތްވެ، ބުރަހެލިވާ ނަމަ އަމިއްލަ ނަފްސުގެ ޙާލާމެދު ވިސްނައި، އިޞްލާޙު ކުރަންޖެހޭ ކަންކަން ހުރިތޯ ބަލައި، ތައުބާވާން ޖެހޭނެއެވެ.

ފާފައިގެ ތެރެއިން އެންމެ ނުބައިކަން ބޮޑު އެއް ކަމަކީ މުނާފިޤު ކަމެވެ. މުނާފިޤުން، ހެޔޮ ޢަމަލުތަކުން މަޙްރޫމުވެފައިވާކަން އަންގަވަމުން މާތް ﷲ ވަޙީކުރައްވާފައިވެއެވެ. ﴿وَإِذَا قَامُوا إِلَى الصَّلَاةِ قَامُوا كُسَالَى يُرَاؤُونَ النَّاسَ وَلَا يَذْكُرُونَ اللَّهَ إِلَّا قَلِيلًا ﴾ (النساء 142) މާނައީ: “އެއުރެން ނަމާދަށް ތެދުވާއިރު، މީސްތަކުންނަށް ކަންދައްކަމުން ކަންނެތްވެ ތިބެ ތެދުވެތެވެ. އަދި، ވަރަށް މަދުން މެނުވީ، އެއުރެން اللَّه ހަނދުމައެއް ނުކުރެތެވެ.”

މުނާފިޤުންނަށް އެންމެ ބުރަ ނަމާދަކީ ޢިޝާ ނަމާދާއި ފަތިސް ނަމާދު ކަމުގައި ކީރިތި ރަސޫލާ صَلَّى اللهُ عَلَيْهِ وَسَلَّم ވަނީ ޙަދީޘް ކުރައްވާފައެވެ.

ހެޔޮ ޢަމަލުތަކުގެ ސަބަބުން އިތުރު އެހެން ހެޔޮ ކަންކަމާ ގާތް ކޮށްދޭ ފަދައިން، ފާފައިގެ ސަބަބުން އިތުރު ފާފަތަކަށް މަގުފަހިކޮށްދެއެވެ. މި ސަބަބަށް ޓަކައި ދޮގު ހެދުމުން އެއްކިބާވުމަށް އިތުރު އެކަލޭގެފާނު ވަނީ ވަޞިއްޔަތް ކުރައްވާފައެވެ. އެހެނީ ދޮގުވެރިކަން މަގުދައްކަނީ ފާޖިރު ފާސިޤުކަމާއި އުރެދުމަށެވެ. އަދި އުރެދުންތައް މަގުދައްކަނީ ނަރަކައިގެ އަލިފާނަށެވެ.

އަޅުތަކުންނަށް ދުނިޔޭގައި ލިބޭ އެންމެ ބޮޑު ޢުޤޫބާތަކީ ޙައްޤާއި ބާޠިލު އޮޅި ހެޔޮ ޢަމަލުތަކުން މަޙްރޫމު ވުމެވެ. އެހައިރުން، ހެޔޮ ކަންކަމުންގެ މަތީން އެބައިމީހުން ފޫހިވެ، ފާހިޝް ޢަމަލުތަކާއި މުންކަރާތްތަކަކީ މުނިފޫހިފިލުވައިދީ ހިތްހަމަޖެހުން ލިއްބައިދޭ ކަންކަމަށް އެ މީހުންގެ ކައިރީގައި ވެގެންދެއެވެ.

ނޮޓް : މިއީ هــ ۱٤٤۲ އަހަރު ذُو الْحِجَّة މަހުގެ 27 ވީ ހުކުރު ދުވަހު ނެރުނު “ދީނުގެމަގު” މަޖައްލާގެ 31 ވަނަ ޢަދަދުގެ 2 ވަނަ ޞަފްޙާގައި الشَّيْخ حَسَن مُوسَى فِكْرِي ލިޔުއްވާފައިވާ މަޒުމޫނުގެ ނަކަލެކެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ