ހަނިމާދޫގެ މަގުތައް އިސްލާހުކުރަން ނުކުންނަންވީ މިއަދު ތޯއެވެ.

ހަނިމާދޫ ޚަބަރު އިޖުތިމާޢީ ފަހުގެ

ހދ. ހަނިމާދޫގެ މަގު ހެދުމުގެ މަސައްކަތް 28 ސެޕްޓެންބަރ 2013 ވަނަ ދުވަހު ކުރީގެ ރާއިސް ޑރ. މުޙައްމަދު ވަޙީދުގެ ވެރިކަމުގެ ފަހު ދުވަސްކޮޅުގައި ވަނީ ފަށާފައެވެ. އެފަހަރު މާބޮޑު ވަރެއްނުވެ ހުއްޓުނެވެ. 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ބޯމަތި ވެފައިވަނިކޮށް ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ވަނީ ހަނިމާދޫގެ މަގު ހެދުމުގެ މަސްރޫޢު މެކުހަށް ޖަހާފައެވެ.

މަގު ހެދުމަށް އޭރު ފާޑުކީ މީހުންނަކީ ސަރުކާރަށް ހުރަސްއަޅަން އުޅުނު ބައެކަމަށް މިހާރުގެ އިދިކޮޅު ފަރާތްތަކުން ފާހަގަ ކުރިއެވެ. އޭރު ދުވާރުތައް އެބައިމީހުންނަށް ފުޅައެއްވެސް ނުވިއެވެ. އުހެއްވެސް ނުވިއެވެ. ހުރީ ހަމަ އެންމެ ރަނގަޅަށްކަމަށް އަޑަށް ބާރުލާ ބުނަމުން ދިޔައެވެ. ރަށުގެ ހަނި މަގުތަކުގެ ދެފަރާތުގައި ދުވާރު ހެދުންވެސް އެދުވަހު ހަމަ އެންމެ ރަނގަޅެވެ. ފުޅާ މިންވެސް ހަމަ ބަރާބަރެވެ. އެމީހުންގެ ނަޒަރުގައި އިސްލާހުކުރަންޖެހޭ ކަމެއް ނެތެވެ. މިހާރަށް އަދި މުސްތަގުބަލަށްވެސް މަގުތައް އެއް ވަނެއެވެ. 

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޑިވައިޑަރުގެ މައްސަލަ މިހާރު ހޫނުވެ މުޒާހާރާ ކުރަން ބަޔަކު ނުކުންނައިރު، އެކަން އިންތިޒާމު ކުރުމުގައި އިސްކޮށް އުޅޭކަމަށް އަޑު ފެތުރިފައިވާ ބައެއް ފަރާތްތަކުން އޭރުގެ ސަރުކާރުގައި ބަސް ބުނެވޭ ބަސް ވިކޭ މަގާމުތަކުގައި ތިބެމެ ތިބީ ހަނެވެ.  ހަނިމާދޫ ކައުންސިލުން 2014 ވަނަ އަހަރުގައި ތައްގަނޑު ޖަހާފައިވާ ކުރެހުމެއްގައިވާ ގޮތުން 6 ފޫޓު ފުޅާކޮން ބޮޑެތި މަގުތަކުގައި ޑިވައިޑަރު ޖަހަން ނިންމާފައިވާކަން އެނގެއެވެ. ނަމަވެސް ކުރެހުމަށް ބަދަލު ގެނެސް، މިހާރު ޖަހަމުން އެދަނީ 4 ފޫޓުގެ ފުޅާ ޑިވައިޑަރުތަކެވެ. ބައެއް ސަރަހައްދުތަކުގައި އެއަށްވުރެވެސް ހަނިކޮށެވެ.

ޕާކުކުރަން ހާއްސަ ސަރަހައްދަށް ނުވަދެވޭނެހެން ކާބު ޖަހާފަ

ޑިވައިޑަރު މައްސަލަ ހޫނުވާން ޖެހުން، ސަބަބެއްކަމަށް ބެލެވޭ ކާނޭޝަން މަގާ ގުޅޭގޮތުން އެއްޗެއް ބުނެލާނަމަވެ. އެ މަގަކީވެސް ކުރިން ވެވިފައިވާ އެއްބަސްވުމުގެ ދަށުން ޑިވައިޑަރު ޖަހަން ނިންމާފައިވާ މަގެއް ކަމަށްވަނީ މައުލޫމާތު ލިބިފައެވެ. ކުޅިވަރު ކުޅޭ ބިމުގެ ކައިރީ ޕާކުކުރުމަށް ކަނޑައަޅާފައިވާ ތަނަން ނުވަދެވޭހެން ކާނު ޖަހާފައިވަނީ ޕީޕީ.އެމްގެ ސަރުކާރުގައެވެ. މިއަދާ ޖެހެންދެންވެސް އެކަންތައްވެސް މިހާރުގެ އިދިކޮޅު ފަރާތްތަކަށް ގޯހެއްނޫނެވެ.

ޕާކުކުރުމަށް މަގުގައި ޖާގަ ހާއްސަނުކޮށް މަގުތައް ތަރައްގީ ކުރުމުގެ މަސައްކަތް ކޮށްފައިވަނީވެސް ޕީޕީއެމްގެ ސަރުކާރުންކަން ފާހަގަ ކުރަމެވެ. މިކަންވެސް އެފަރާތްތަކަށް ނަސްރުދޭން ފޫގަޅާލައިގެން އުޅޭ ފަރާތްތަކަށް މިއަދު ކުއްލިއަކަށް ގޯސްވެއްޖެއެވެ. ޕާކިން ޖާގަ ނުލާ މަގުތައް ހެދުން އެދުވަހު ހަމަ އެންމެ ރަނގަޅެވެ. މަގުގައި ދަތުރުކުރަން އެދުވަކު އެފާރާތްތަކަށް އުނދަގުލެއްވެސް ނުވިއޯލައެވެ.

މިއަދުގެ ސަރުކާރުން މަގު ހެދުމުގެ މަސައްކަތް ކުރިއަށް ގެންގޮސް މަގުތައް ނިންމުމަށް މަސައްކަތް ކުރާތީ އެކަން ހަޖަމު ނުވެގެން، ބަޔަކު ފިލައިތިބެ މުދަލަށް ގެލުން ދެމުން އެބަދެއެވެ. މަގު ހެދުމުގެ މަސައްކަތް ކުރާ މީހުންގެ ސައިޓަށްވަނީ 07 ޖުލައި 2020 ގައި ގައު އުކާފައެވެ. 6 ޖުލައި 2020 ވަނަ ދުވަހު ވަނީ ޑިވައިޑަރުތައް ވައްޓައިލާފައެވެ. 8 ޖުލައި 2020 ގައި ވެސް ވަނީ ޑިވައިޑަރުތައް ވައްޓައިލާފައެވެ.

ޑިވައިޑަރުތައް ޖެހުމުގެ ބޮޑުބައެއް ނިމުމުން އެކަން ބަދަލުކުރުމުގެ ނަމުގައި ނުކުތުމުގެ ބޭނުމެއް އަޅެ ކޮބައި ހެއްޔެވެ؟ އެކަމުގައި ސަރުކާރާ މަޝްވަރާ ކުރުމަށް މަގުފަހިކޮށް ދިނުމަށް މަގު ހެދުމުގެ އަމަލީ މަސައްކަތް ކުރާ ފަރާތަކުން 2 މަސް ދުވަސް އެނުޖަހާ މަޑުކުރުމުންވެސް އިދިކޮޅު މީހުންނާއި ކައުންސިލުން މަސައްކަތެއް ކުރި ހެއްޔެވެ؟ ދެން މިއަދު ކުއްލިއަކަށް މި ތެޅިގަތީ ކޮން މަގުސަދެއްގައި ހެއްޔެވެ/ ޕީޕީއެމް އިން އިޢުލާން ކުރި އެބައިމީހުންގެ ސިޔާސީ ހަރަކާތް މުޅި ރާއްޖެއަށް ދެއްކުމަށް ހެއްޔެވެ؟

މަގުތައް އެންމެނަށް ފަސޭހަވާނެހެން އެންމެ ޒަމާނީ ފެންވަރަށް ހެދިގެން ދިއުމަކީ އަޅުގަނޑުވެސް އެދޭ ގޮތެވެ. ގޯސްތަކެއް ހުރިނަމަ އެކަން ރަނގަޅުކުރާނެ ބަޔެއް ތިބުމަކީވެސް އަޅުގަނޑުވެސް އުފާވާކަމެކެވެ. އަޅުގަނޑަށް ކަމުނުދަނީ ކަންކަން ހައްލުކުރުމަށް ދޮރުތައް ހުޅުވިފައިވަނިކޮށް އެކަން ނުކޮށް، މިއަދު ދޮރުތައް ވައްޓާލަން އުޅޭތީއެވެ. ހަމަ އެހެންމެ ކަންކަން ހައްލުކުރުމުގެ ނަމުގައި މަޝްވަރާކުރުން ފަދަ ކަންކަން ދޫކޮށް މުދަލަށް ގެއްލުން ދިނުމާއި މުޒާހަރާ އިސްކުރާތީއެވެ. މިފަދަ ސަބަބުތަކަށްޓަކައި މުޒާހަރާގެ ނިޔަތް ހަމަ ރަނގަޅު ހެއްޔެވެ؟ އަމިއްލައަށް ވިސްނާލާ!

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ