ޗައިނާ ސަރުކާރުން ރާއްޖެއަށް ކަނޑައަޅާ އާ ސަފީރު، ސަފީރު ކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހަށް އަރުވައިފިއެވެ. ޗައިނާއިން ރާއްޖެއަށް މި ފަހަރު ކަނޑައަޅުއްވާފައިވާ ސަފީރަކީ ވޭންގް ލީޝިންއެވެ.
ފަތްކޮޅު އެރުވުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސް އިބްރާޙިމް މުހައްމަދު ޞާލިހް ދެއްކެވި ވާހަކަފުޅުގައި ވަނީ ޗައިނާގެ ރައީސަށް ޝުކުރުއަދާކުރައްވާފައެވެ. އަދި ދެގައުމުގެ ގުޅުން ހަރުދަނާ ކުރުމަށް ކުރައްވާ މަސައްކަތް ފާހަގަކުރައްވާ، އާ ސަފީރުގެ ސަފީރުކަމުގައި އެ ގުޅުން އިތުރަށް ހަރުދަނާ ކުރުމަށް މަސައްކަތްކުރައްވާނެކަން ޔަގީންކުރައްވާކަމަށް ވިދާޅުވިއެވެ.
މީގެ އިތުރުން، ރައިސް ޞާލިހް ވަނީ ކޯވިޑް-19ގެ ހާލަތުގައި ޗައިނާއިން ރާއްޖެއަށް ފޯރުކޮށްދީފައިވާ އެހީތެރިކަން ފާހަގަކޮށް އެކަމަށްވެސް ޝުކުރުއަދާކުރައްވާފައެވެ.
ޗައިނާއިން ކަނޑައަޅާފައިވާ އާ ސަފީރު ދެއްކެވި ވާހަކަފުޅުގައި ދެ ގައުމުގެ ގުޅުން ހަރުދަނާ ކުރުމަށް އިތުރައް މަސައްކަތްކުރައްވާނެކަން ފާހަގަކުރައްވާފައިވެއެވެ. އަދި ކޮވިޑް ކޮންޓްރޯލް ކުރުމުގައި ރައީސް ގެންގުޅުއްވި ސިޔާސަތު ފާހަގަކުރައްވާފައިވެއެވެ.


