މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް)ގެ ޒައީމްކަމުގެ މަގާމަށް އެ ޕާޓީގެ ބާނީ އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ކުރިމަތިލައްވައިފި އެވެ.
ރައީސް މައުމޫން މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އެމްއާރުއެމްގެ ޒައީމްކަމުގެ މަގާމަށް އެމަނިކުފާނު މިއަދު ފޯމު ހުށަހަޅުއްވާފައިވާ ކަމަށެވެ.
އެމްއާރުއެމްގެ ފުރަތަމަ ގައުމީ ކޮންވެންޝަން ބާއްވަން ނިންމާފައި ވަނީ އަންނަ މަހުގެ ދެވަނަ ދުވަހު އެވެ. އެ ކޮންވެންޝަންގައި ޕާޓީގެ އިސްމަގާމުތަކަށާއި ކޮމިޓީތަކަށް އިންތިހާބު ކުރާނެ އެވެ. އޭގެ ތެރޭގައި އެ ޕާޓީގައި ޒައީމްކަމާއި ރައީސް ކަމުގެ މަގާމު ހިމެނެ އެވެ.
އެ މަގާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު މާދަމާގެ ހަވީރު 4:00 އާ ހަމައަށް ވަނީ ހުޅުވާލައިފަ އެވެ.
އެމްއާރުއެމްގެ ކޮންވެންޝަންގައި ހޮވަން ނިންމާފައިވާ މަގާމުތައް:
- އެމްއާރުއެމްގެ ޒައީމް
- ޕާޓީގެ ރައީސް
- ޕާޓީގެ ނައިބު ރައީސް
- ޕާޓީގެ ނައިބު ރައީސް (އަންހެން)
- އެގްޒެކެޓިވް ކޮމިޓީގެ މެންބަރުން (ފިރިހެން) – އިންތިހާބު ކުރާ އަދަދު 10
- އެގްޒެކެޓިވް ކޮމިޓީގެ މެންބަރުން (އަންހެން) – އިންތިހާބު ކުރާ އަދަދު 10
- ޒުވާނުންގެ ކައުންސިލުގެ ރައީސް
- ޒުވާނުންގެ ކައުންސިލުގެ ނައިބު ރައީސް
- ޒުވާނުންގެ ކައުންސިލްގެ މެންބަރުން (ފިރިހެން) – އިންތިހާބު ކުރާ އަދަދު 15
- ޒުވާނުންގެ ކައުންސިލްގެ މެންބަރުން (އަންހެން) – އިންތިހާބު ކުރާ އަދަދު 15
- އަންހެނުންގެ ކައުންސިލުގެ ރައީސް
- އަންހެނުންގެ ކައުންސިލުގެ ނައިބު ރައީސް
- އަންހެނުންގެ ކައުންސިލުގެ މެންބަރުން – އިންތިހާބު ކުރާ އަދަދު 20
އިންތިހާބު ކޮމިޓީގެ މެންބަރުން – އިންތިހާބު ކުރާ އަދަދު 5
ސުލޫކީ ކޮމިޓީގެ މެންބަރުން – އިންތިހާބު ކުރާ އަދަދު 5
އިސްތިއުނާފު ކޮމިޓީގެ މެންބަރުން – އިންތިހާބު ކުރާ އަދަދު 5
އެމްއާރުއެމުން ބުނީ، އެޕާޓީގެ ދަފުތަރުގައި ރަޖިސްޓްރީ ވެފައިވާ މެންބަރުންނަށާއި ޒުވާނުންގެ ކައުންސިލަށް ކުރިމަތިލާ މެންބަރުން، އުމުރުން 30 އަހަރު ފުރިފައި ނުވާނަމަ ޝަރުތު ހަމަވާނެ ކަމަށެވެ


