އއ.މަތިވެރި އަށް ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ވަޑައިގަތުމުން އޭނާއާ ދެކޮޅަށް ރައްޔިތުން އިހުތިޖާޖު ކުރަން ފަށައިފިއެވެ.
ސޯޝަލް މީޑިއާގައި މިހާރު އާންމުވެފައިވާ ވީޑިއޯއަކުން ފެންނަ ގޮތުގައި އެ ރަށުގެ ގިނަ އަދަދެއްގެ ރައްޔިތުން އަންނަނީ ޖާބިރާއި ދެކޮޅަށް އިހުތިޖާޖު ކުރަމުންނެވެ. އެގޮތުން ރައްޔިތުން އަންނަނީ އެ ރަށުން ޖާބިރު ފޭބުމަށް ގޮވާލަމުންނެވެ.
އަދި ކޮންމެވެސް ވަރަކަށް ރައްޔިތުންނާއި ޖާބިރާއި ދެމެދު ހަމަނުޖެހުންތަކެއް ވެސް ހިނގާފައިވާތަން ވީޑިއޯ އިން ފެނެއެވެ.
ޖާބިރާއި ދެކޮޅަށް ރައްޔިތުން އިހުތިޖާޖު ކުރަން ފެށުމުން އޭނާ މިހާރު ވަނީ މަތިވެރި ފުލުހުންގެ އިދާރާއަށް ވަދެ ހިމާޔަތް ހޯދާފައެވެ. ޖާބިރާއި ދެކޮޅަށް ރައްޔިތުން އިހުތިޖާޖު ކުރަމުންދާ ސީދާ ސަބަބެއް އަދި އެނގިފައެއް ނުވެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މަތިވެރީގައި ޖާބިރުގެ ގެސްޓް ހައުސްއެއް ހުރެއެވެ.


