ހަނިމާދޫ ކައުންސިލްގެ ފަރާތުން ހދ.އަދޮޅު ޤުރުއާން އޮޑިޝަން 2021 ގައި ބައިވެރިވާނެ ފަރާތްތައް ހޮވުމަށް އޮޑިޝަން ކުރިއަށް ގެންގޮސްފިއެވެ.
މި އޮޑިޝަން ކުރިއަށް ގެންގޮސްފައިވަނީ އޮކްޓޯބަރ 9 ވަނަދުވަހު ހަނިމާދޫ ސްކޫލްގެ ދީނީ ރޫހާ ގުޅިގެންނެވެ. ދެ ކެޓަގަރީއަކަށް ބަހާލައިގެން ކުރިއަށް ގެންދިޔަ މި އޮޑިޝަންގައި ހިތުން ކިޔުވެމުގެ ބައިން 7 ދަރިވަރުން އަދި ބަލައިގެން ކިޔެވުމުގެ ގޮފިން 30 ދަރިވަރުން އޮޑިޝަނުގައި ބައިވެރި ވެފައިވެއެވެ.
މި އޮޑިޝަނާ ބެހޭގޮތުން މައުލޫމާތު ހިއްސާކުރައްވަމުން ހަނިމާދޫ ކައުންސިލްގެ ނަައިބު ރައީސް ފިރާގު ވިދާޅުވީ އަތޮޅު އޮޑިޝަނަށް ކުދިން ގެދިޔުމަށް ވަކި ވަރަކަށް އޮންނަނީ ޖާގަ ދީފައިކަމަށާއި، އެއީ ހިތުން ކިޔުމުގެ ބައިން 7 ކުދިން އަދި ބަލައިގެން ކިޔުމުގެ ބައިން 7 ކުދިން ނެގޭގޮތަށް ކަމަށެވެ.

” މި އޮޑިޝަނުން މިލިބުނީ ނުބަލާ ކިޔާ ކެޓަގަރީން 3 ދަރިވަރުން އަދި ބަލައިގެން ކިޔެވުމުގެ ބައިން 7 ދަރިވަރުން ހަމަމިވީ.” ހަނިމާދޫ ކައުންސިލްގެ ނަައިބު ރައީސް ފިރާގު ވިދާޅުވިއެވެ.
އިތުރަށް ވާހަކަ ކުރިއަށް ގެންދަވަމުން ފިރާގު ވިދާޅުވީ މިހާރު ހޮވުނު ކުދިނަށް އެކަން އެންގިފައި ވާނެކަމަށާ މި ބުދަދުވަހު ސެޓްފިކެޓް ހަވާލު ކުރުމުގެ ރަސްމިއްޔާތު ބޭއްވިގެން ދާނެކަމަށެވެ.
ހަނިމާދޫ އޮޑިޝަންގައި ޖަޖުންގެ ގޮތުންގައި ހަރަކާތްތެރިވީ ހަނިމާދޫ ސްކޫލް ޤުރުއާން މުދައްރިސް މިދުޙަތު އިރުފާން އާއި މުހައްމަދު ނިޔާޒު ގެ އިތުރުން ހަދީޖާ އަބްދުﷲ އެވެ.
ފޮޓޯ : ހަނިމާދޫ ސްކޫލް


