ހދ. އަތޮޅުގެ ތިން ސްކޫލް ގުޅިގެން ހަނިމާދޫ ސްކޫލްގައި ސްޓަޑީ ކޭމްޕެއް ފަށައިފި

ހަނިމާދޫ ޚަބަރު ފަހުގެ

ހދ. އަތޮޅުގެ ތިން ސްކޫލެއް ގުޅިގެން ހަނިމާދޫ ސްކޫލްގައި ސްޓަޑީ ކޭމްޕެއް ފަށައިފިއެވެ. އޮކްޓޫބަރ 15 ވީ ހުކުރުދުވަހު ހެނދުނު، ހަނިމާދޫ ސްކޫލްގެ މަލްޓިޕާޕަސް ހޯލުގައި ފެށި މި ކޭމްޕަކީ ސްކޫލް ނިންމާ އިމްތިޙާންތަކުން ދަރިވަރުންގެ ނަތީޖާ ރަނގަޅު ކުރުމަށް ކުރިޔަށް ގެންދިޔުމަށް ރާވާފައިވާ ޙަރަކާތްތަކުގެ ތެރެއިން، އެސް.އެސް.ސީ އިމްތިޙާނަށް ދަރިވަރުން ތައްޔާރު ކުރުމުގެ މަޤުޞަދުގައި ފަށާފައިވާ 3 ދުވަހުގެ ކޭމްޕެކެވެ.

ގްރޭޑް 9 އަދި 10 ދަރިވަރުންނަށް އަމާޒުކޮށްގެން ކުރިޔަށްދާ މި ކޭމްޕުގައި ކިޔަވައިދެއްވަނީ ހދ އަތޮޅަށް ނިސްބަތްވާ ރެހެންދި ސްކޫލްގެ ދެ ޓީޗަރުންނެވެ. ދިވެހި ގަޑިތައް ނަންގަވައި ދެއްވަނީ ރެހެންދި ސްކޫލްގެ ލިޑިންގ ޓީޗަރ ޢާއިޝަތު ބަޞީރާ (ބަޞީރާ މިސް) އެވެ. އިސްލާމް ގަޑިތައް ނަންގަވައި ދެއްވަނީ ރެހެންދި ސްކޫލްގެ ސިނިޔަރ ޓީޗަރ ޤާސިމް މުޙައްމަދު (ގާބެސަރ) އެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

މި ކޭމްޕާ ގުޅޭގޮތުން ގޮއްކޮޅުން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން، ހަނިމާދޫ ސްކޫލް ޕްރިންސިޕަލް ޢަބްދުލް މުޙްސިން ޢަބްދުއްލަޠީފް ވިދާޅުވީ، ކޭމްޕް ފެށުމަށް ތައްޔާރު ވަމުން ދިޔައިރު، ހަނިމާދޫ ސްކޫލުން ކޯޑިނޭޓްކުރާ ހދ ނޯތު ގްރޫޕްގެ ސްކޫލްތަކަށް ދަޢުވަތު ފޮނުވީ ކަމަށާއި، އެ ދަޢުވަތު ޤަބޫލުކޮށް، މި ކޭމްޕްގައި ބައިވެރި ވެފައިވަނީ ނެއްލައިދޫ ސްކޫލާއި، ހިރިމަރަދޫ ސްކޫލް އަދި ކުރިނބީ ސްކޫލްގެ ދަރިވަރުން ކަމަށެވެ. މި ކޭމްޕްގެ ސަބަބުން މި ދެމާއްދާއިން އަގުހުރި މަޢުލޫމާތު ތަކެއް ދަރިވަރުންނަށާއި މުދައްރިސުންނަށް ލިބިފައިވާ ކަމަށާއި މިކަމުގެ ސަބަބުން ދަރިވަރުންގެ ނަތީޖާއަށް ހެޔޮބަދަލެއް އަންނާނެކަމަށް މި ސްކޫލްތަކުން އުއްމީދު ކުރެއެވެ.

ހަތަރު ސްކޫލަކުން 97 ދަރިވަރުން ބައިވެރިވާ މި ސްޓަޑީ ކޭމްޕުގައި ސްކޫލް ތަކުގައި ދިވެހި ބަސް އަދި އިސްލާމިކް ސްޓަޑީޒް ކިޔަވައިދެއްވާ މުދަރިސުންނަށްވެސް ޚާއްޞަ ސެޝަންތަކެއް ވަނީ ކުރިޔަށް ގެންގޮސްފައެވެ. މި ސެޝަންތަކުގައި، މި ދެމާއްދާ ކިޔަވައި ދިނުމުގައި ގެންގުޅޭވޭނެ އުކުޅުތަކާއި އާ މަންޙަޖަށް އަހުލުވެރި ކުރުވުމާއި، އެސްއެސްސީ ޕޭޕަރ މާކް ކުރުމުގައި ސަމާލުކަންދޭ ކަންތައްތަކާ ބެހޭގޮތުން މުދައްރިސުންނަށް މަޢުލޫމާތު ދީފައިވާކަމަށް ހަނިމާދޫ ސްކޫލުން މަޢުލޫމާތު ދެއްވައެވެ.

ދިރާސީއަހަރުގެ އެކި ހިސާބުތަކަށް ބަހާލައިގެން މިފަދަ އިތުރު ކޭމްޕްތަކެއް ކުރިޔަށް ގެންދިޔުމަށް ރޭވިފައިވާ ކަމަށާއި ދަރިވަރުންނާއި ބެލެނިވެރިން އަދި މުދައްރިސުންނާއި ސްކޫލްތަކުން މިކޭމްޕްގައި ލިބުނު އެހީތެރިކަމަކާއި އެއްބާރުލެއްވުމަށް ވަރަށްބޮޑަށް ޝުކުރުއަދާކުރާ ކަމަށާއި، ކުރިޔަށްހުރި ކޭމްޕް ތަކަށްވެސް މިފަދަ އެއްބާރު ލެއްވުމެއް ލިބިގެން ދާނެކަމަށް ހަނިމާދޫ ސްކޫލުން އުއްމީދުކުރެއެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ