ނަޞްރުގެ ދުވަސް ހަނދާން ކޮށްދެނީ އަމިއްލަ އެދުމުގެ ކުރިއަށް ދީނާއި ޤައުމު ނެރެންޖެހޭކަން: ރައީސް

ޚަބަރު ފަހުގެ

ނަޞްރުގެ ދުވަސް ދިވެހިންނަށް ހަނދާން އައު ކޮށްދެނީ އަމިއްލަ އެދުމުގެ ކުރިއަށް ދީނާއި ޤައުމު ނެރެންޖެހޭކަން ކަމަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެެއެވެ.

މި އަހަރުގެ ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި ރައީސް ޞާލިޙް ފޮނުއްވި ޚިޠާބުގައި ވިދާޅުވީ، ނަޞްރުގެ ދުވަސް މިއައީ ދީނާއި ޤައުމަށްޓަކައި ފުރާނައިން ފިދާވެދިޔަ، ހިތްވަރުގަދަ އެތައް ސިފައިންނެއްގެ މަތިވެރި ޤުރުބާނީއެއްގެ ޒިކުރާ އައުކޮށްދެމުން ކަމަށެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ހަމައެހެންމެ ނަޞްރުގެ ދުވަސް ދިވެހިންނަށް ހަނދާން އާ ކޮށްދެނީ ޤައުމީ މަސްލަހަތު ދެމެހެއްޓުމުގެ މުހިންމުކަން ކަމަށާއި، އަމިއްލަ އެދުމުގެ ކުރިއަށް ދީނާއި ޤައުމު ނެރެންޖެހޭކަން ކަމަށް ރައީސް ޞާލިޙް ވިދާޅުވިއެވެ.

1988 ވަނަ އަހަރުގެ ނޮވެމްބަރު ތިނެއް ސިފަކުރައްވަމުން ރައީސް ވިދާޅުވީ، ދިވެހިންނަށް އެ ދުވަސް ވީ ނިރުބަވެރިކަމުގެ ބިރުވެރި ނުރައްކަލުގެ ތެރެއަށް ހޭލެވުނު ދުވަހެއް ކަމަށެވެ.

”އެ ދުވަހުގެ އިރު އަރަމުންދިޔަ ވަގުތަކީ ބަޑީގެ ނުރައްކާތެރި އަޑުފަށްގަނޑާއެކު ބިރުވެރި އެތައް ވާހަކަތަކެއް ފެތުރެމުންދިޔަ ވަގުތެއް.އެ ހެނދުނަކީ ދުޝްމަނުންގެ ބަޑީގެ ވަޒަންތައް އަމާޒުވެ ޝަހީދުވި ސިފައިންނާއި މުވާޠިނުންގެ ޚަބަރުތައް ޤައުމަށް ފެތުރެމުންދިޔަ ހިތްދަތި ހެނދުނެއް. ދެންވާނެ ގޮތަކާމެދު ހުރިހާ ރައްޔިތުން ވެސް ނުހަނު ކަންބޮޑުވެ ހާސްވެފައި ތިބި ވަގުތެއް.“ އެ ދުވަހުގެ ހާލަތު ސިފަކުރައްވަމުން ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ރާއްޖޭގެ ކޯއްޓޭތަކުގައި ފެއްސާއި ރަތާއި ހުދުގެ ޤައުމީ ދިދަ މިއަދު ވިހުރެމުން ދަނީ އެ ދުވަހު ދިވެހި ސިފައިން ވީ މަތިވެރި ޤުރުބާނީގެ ސަބަބުން ކަމަށެވެ. ސިފައިން އެ ދުވަހު މި ޤައުމަށް ދެއްކެވި ޤައުމީ ނަމޫނާއަކީ މިއަދާއި މާދަމާގެ ދަރިން ނަމޫނާ ލިބިގަނެ، އެ ސިފައިންގެ ޒިކުރާ އަބަދު ވެސް އައު ކުރަންޖެހޭނެ މަތިވެރި ނަމޫނާއެއް ކަމަށެވެ.

ހަމައެހެންމެ އަވަށްޓެރި އިންޑިއާއިން އެ ދުވަހު ފޯރުކޮށްދިން ޢަސްކަރީ އަވަސް އެހީގެ މަތީން ހަނދާންކޮށް، އެ ޤައުމުގެ އެކުވެރި ރައްޔިތުންނަށާއި ސަރުކާރަށް ޙައްޤު ޝުކުރު އަދާކުރަންޖެހޭކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ރައީސް ވަނީ ބަދަލުވަމުންދާ ދުނިޔޭގައި ކުރިމަތިލާންޖެހޭ ނުރައްކާތައް ތަފާތުވަމުންދާކަން ވެސް ފާހަގަކުރައްވައިފައެވެ. އެހެން ނަމަވެސް ރައްޔިތުން އެއް ޢަޒުމެއްގައި އެކަތިގަނޑެއްގެ ގޮތުގައި ތިބެ، އެފަދަ ކަންކަމާ ކުރިމަތިލައިފިނަމަ، މާތް ރަސްކަލާނގެ ވާގިފުޅާއި މިންވަރުފުޅުން ކާމިޔާބާއި ނަޞްރު ލިބޭނެކަން ކަށަވަރުކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

”އިސްތިޢުމާރީ ބާރުތަކާ ދެކޮޅަށް ކާބަފައިންނެކޭ އެއްފަދައިން ހަނގުރާމަކުރުމަށް ފަސްނުޖެހޭ، ޒުވާން ލޭ ހިނގާ ދަރިން މި ޤައުމުގައި އާލާވެ އިތުރުވަމުން ދާންޖެހޭ. ޝަހީދު ކޯޕްރަލް ޙުސައިން އާދަމާއި، ނޮވެންބަރު ތިނެއްގައި ޝަހީދުވެދިޔަ ޤައުމީ ބަޠަލުން އެ ސާބިތުކޮށްދެއްވީ އެކަން.“ ރައީސް ވިދާޅުވިއެވެ.

1988 ވަނަ އަހަރުގެ ނޮވެމްބަރުމަހުގެ 03 ވަނަ ދުވަހު ރާއްޖެއަށް ދިން ހަމަލާގައި ދިވެހިން ވެސް ބައިވެރިވިއެވެ. އެކަމުގައި އިސްކޮށް ހުރީ، ހ.ހާޖަރާގޭ ލުޠުފީއެވެ.

ލުޠުފީގެ އިތުރުން އޭގެތެރޭގައި ހިމެނެނީ ސ.ހިތަދޫ ޕެރިސް ހޮލިޑޭ އަޙްމަދު ނާޞިރާއި، ސ.ހިތަދޫ ޒަމާނީގޭ ޝާހިދާއި، ހ.ކަރޯގޭ ކަރޯ ޢައްބާސް އިބްރާހީމާއި، މ.ދުއްލިސާގޭ އިބްރާހިމް ނަޢިމާއި (ޕައިލޮޓް ނަޢީމް)، މ.ދީފުރަމްއާގޭ ސިއްކަ އަޙްމަދު އިސްމާޢީލް މަނިކާއި، މއ.ތިނަދޫގޭ ޢުމަރު ޖަލާލެވެ.

ހަމަލާދިނީ ސްރީލަންކާގެ ޓެރަރިސްޓް ޖަމާޢަތެއްކަމަށްވާ ޕީޕަލްސް ލިބަރޭޝަން އޯގަނައިޒޭޝަން އޮފް ޓެމިލް އީލާމް(ޕްލޮޓް) އާއި ގުޅިގެންނެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ