އެކި ބަހަނާ ދައްކައިގެން ހިޔާލުފާޅުކުރުމުގެ ހައްގު ނިގުޅައި ގަތުން ބަލައި ނުގެންނަ ކަމަށް އުނގޫފާޜު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑޭ) ވިދާޅުވެއްޖެ އެވެ.
އޭނާ މިހެން ވިދާޅުވީ މަސައްކަތުގެ ރަސްމީ ގަޑީގައާއި ރަސްމީ ގަޑިން ބޭރުން ވެސް އެއްވެސް ސިޔާސީ ހަރަކާތެއްގައި ބައިވެރިވުމަކީ މަނާ ކަމެއް ކަމަށާއި އެ ކަން ކޮށްފިނަމަ އެއްވެސް އިންޒާރަކާ ނުލައި ވަޒީފާއިން ވަކި ކުރެވޭނެ ކަމަށް ބުނެ ސިވިލް ސާވިސް ގަވައިދަށް ގެނައި އިސްލާހަކާއި ގުޅިގެންނެވެ.
ވައްޑޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ސިވިލް ސާވިސް މުވައްޒަފުންނަށް ވެސް ޚިޔާލު ފާޅު ކުރުމުގެ މިނިވަން ކަމުގެ ހައްގު އޮންނަން ވާނެ ކަމަށެވެ. އެ ހައްގު ނިގުޅައިގަތުން ބަލައެއް ނުގަނެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ވައްޑޭ ވިދާޅުވީ މިނިވަންކަމާއެކު ޚިޔާލު ފާޅު ކުރުމުގެ ހައްގަކީ ކޮންމެ ރައްޔިތަކަށް ވެސް ގާނޫނު އަސާސީން ލިބިދީފައިވާ ހައްގެއް ކަމަށެވެ. އެކިއެކި ބަހަނާ ދައްކައިގެން މި ހައްގު ނިގުޅައިގަންނަން އުޅުމަކީ އޭރު ވެސް މިހާރު ވެސް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ވިދާޅުވި އެވެ.
ސީއެސްސީން ގެނައި އިސްލާހުގައި ވާގޮތުން މަސައްކަތުގެ ރަސްމީ ގަޑީގައި ސިޔާސީ ވާހަކަ ދެއްކުމަކީ ފުރަތަމަ ދަރަޖައިގެ ކުށެކެވެ. އަދި، ސިޔާސީ ބަހުސް ކުރުން ވަނީ ދެވަނަ ދަރަޖައިގެ ކުށެއްގެ ގޮތުގައި ކަނޑައަޅައިފައެވެ.


