މާލޭގެ ބައެއް މިސްކިތްތަކަށް ކުޑަކަމުދިޔަ މީހާ، ޚަތިމަކަށް ކުޅުޖަހައިފިއެވެ.
މިދިޔަ އޮކްޓޫބަރުމަހުގެ 04 ވަނަ ދުވަހުގެ ވަގުތެއްގައި މާލޭގެ ބައެއް މިސްކިތްތަކަށް ކުޑަކަމުދިޔައީ މ.ޝޭޑީ ހޯމް ޢުމުރުން 40 އަހަރުގެ ޙަސަން ޒިޔާދެވެ.
މިއަދުގެ ޢަޞުރު ނަމާދަށްފަހު، ޒިޔާދު ވަނީ އިސްކަންދަރު މިސްކިތުގައި އޮތް ޚަތިމަކަށް ކުޅު ޖަހައިފައެވެ. އެ ގޮތުން މިސްކިތުގައި ތިބި މީހުން ވަނީ އޭނާ ހިފެހެއްޓުމަށްފަހު ފުލުހުންނާއި ހަވާލުކޮށްފައެވެ.
ޒިޔާދު ވަނީ ޚަތިމަށް ރަތް ކުޅުޖެހިކަމަށް ވެސް އެއްބަސްވެފައެވެ.
މިދިޔަ އޮކްޓޫބަރުމަހުގައި ޒިޔާދު ކުޑަކަމު ގޮސްފައިވަނީ، އިސްލާމީ މަރުކަޒަށާއި، އިބްރާހިމް އިސްކަންދަރު މިސްކިތަށާއި، ރައީސް އޮފީހުގެ ގޭޓު ކައިރިއަށެވެ.
މި މައްސަލަައިގައި އޭނާ ހައްޔަރުކޮށް، މައްސަލަ ތަޙްޤީޤު ކުރުމަށްފަހު ދަޢުވާކުރަން މިހާރު ވަނީ ޕީޖީއަށް ފޮނުވާފައެވެ. ދަޢުވާކުރަން ޕީޖީއަށް ފޮނުވީ މިދިޔަމަހުގެ 24 ގައެވެ. ހަމައެހެންމެ އޭނާ ދޫކޮށްލީ މިދިޔަމަހުގެ 25 ގައެވެ.
ޒިޔާދު ޚަތިމަށް ކުޅުޖެހި މައްސަލަ ތަޙްޤީޤުކުރަމުން އަންނަކަމަށް ފުލުހުން ވަނީ ބުނެފައެވެ.


