ކޮވިޑް-19 ޖެހިގެން ރާއްޖެއިން ދެ މަހުގެ ކުއްޖަކު ނިޔާވެއްޖެއެެވެ.
ހުޅުމާލެ ކޮވިޑް ފެސިލިޓީގައި ފަރުވާދެމުން ދަނިކޮށް ނިޔާވެފައި ވަނީ ދެ މަހުގެ ފިރިހެން ކުއްޖެކެވެ. މިއީ ރާއްޖެއިން ކޮވިޑްގައި ނިޔާވި އެންމެ ހަގު ކުއްޖާ އެވެ.
މީގެ ކުރިން ރާއްޖެއިން ކޮވިޑްގައި ނިޔާވި އެންމެ ހަގު ކުއްޖާގެ އުމުރަކީ 10 އަހަރެވެ. އެއީ އަންހެން ކުއްޖެކެވެ.
ރާއްޖެއިން އިއްޔެވެސް ކޮވިޑްގައި މީހަކު ނިޔާވެފައި ވެއެވެ. އިއްޔެ އެ ބަލީގައި ނިޔާވީ ހުޅުމާލެ ފެސިލިޓީގައި ފަރުވާދެމުން ދިޔަ އުމުރުން 84 އަހަރުގެ ފިރިހެނެކެވެ.
މިއަދު ނިޔާވި ތުއްތު ކުއްޖާއަކީ މި މަހު ކޮވިޑްގައި ނިޔާވި ހަތަރު ވަނަ ފަރާތެވެ. މިހާރު ރާއްޖެއިން ކޮވިޑްގައި ނިޔާވި މީހުންގެ އަދަދު ވަނީ 247 އަށް އަރާފައެެވެ.


