އއ.އަތޮޅުގެ 8 ރަށުގެ ތެރެއިން މެދުގައި އޮންނަ ކުޑަ ނަމަވެސް އެކުވެރި ރައްޔިތުންތަކެއް ދިރިއުޅޭ އއ.ބޮޑުފޮޅުދޫ އަކީ ކުޅިވަރުގައި ވަރަށްވެސް ކުރީގައި އުޅޭ ހުނަރުވެރި ކުޅުންތެރިންތަކެއް ދިރިއުޅޭ ރަށެކެވެ. މިފަދަ ކުޅުންތެރިން އުފެއްދުމުގައާއި،ކުޅިވަރު ދިރުވާ އާލާ ކުރުމުގައި ނަމޫނާ ދައްކަމުން ބޮޑުފޮޅުދޫގައި އަދި މުޅި އަތޮޅުގައި އެންމެ ކުރީ ސަފުގައި ހަރަކާތްތެރިވާ ކުލަބެއްކަމުގައި ފާހަގަ ކުރެވިފައިވާ އާރުބީޖީ ސްޕޯރޓްސް ކުލަބަކީ ހިންގުންތެރި އެރަށުގެ އެހެން ކުލަބުތަކާއި ތަފާތު މުޅިރާއްޖޭގެ މަޤްބޫލްކަން ހޯދަމުން އަންނަ ކުލަބެކެވެ.
އާރުބީޖީ ސްޕޯރޓްސް ކުލަބުން 2021 ވަނަ އަހަރު ފެށީ އެކުލަބުގެ 2020 ވަނަ އަހަރުގެ އަހަރީ ޖަލްސާ ކުލަގަދަގޮތެއްގައި އެރަށު ބަނދަރު ސްޓޭޖްގައި ބޭއްވުމަށްފަހު އެވެ. އެޖަލްސާގައިވެސް އެކުލަބުން ވަނީ ތަފާތު ކަމެއްދައްކާފައެވެ. އެގޮތުން އެކުލަބުންވަނީ އާރުބީޖީ ސްޕޯރޓްސް ކުލަބު ރަޖިސްޓްރީ ވުމުގެ ކުރިންނާއި އޭގެފަހުން އެކިއެކި ގޮތްގޮތުން އެކުލަބަށް އެހީތެރިކަން ފޯރުކޮށްދެއްވި 70 އަށްވުރެ ގިނަފަރާތަކަށް އަގުވަޒަންކޮށް ހަނދާނީ ފިލާ ހަވާލުކޮށްފައެވެ. 2021 ވަނަ އަހަރު ފެށުނީ އެކުލަބުގެ ކުޅިވަރު ހަރަކާތްތަކުގެ އިތުރުން އިޖްތިމާއީ، އުމްރާނީ، ދީނީ އަދި ތައުލީމީ ދާއިރާއިން ގިނަ ހަރަކާތްތަކެށް އެކުލަބުގެ އަހަރީ ޕްލޭންގައި ހިމެނުމަށްފަހުއެވެ. އަހަރު ނިމުމާއި ގާތްވެފައިވާ އިރު އަހަރީ ކަލަންޑަރގެ ތެރެއިން ގިނަ ކަންކަން ހާސިލް ކޮށްފައިވެއެވެ. އެގޮތުން ދެޖިންސްގެ އެކުލަބުގެ މެމްބަރުންނަށް އަމާޒްކޮށްގެން ހިންގުނު ކުޅިވަރު އެކިއެކި އިވެންޓްތަކާއި ،އެކުވެރިކަމުގެ މެޗްތަކާއި ،މުޅިރަށަށް ހުޅުވާލައިގެން ހިންގުނު އެކިއެކި ޓްރެއިންގް ކޭމްޕްތައް ކާމިޔާބު ކަމާއިއެކު ނިންމާލާފައިވެއެވެ. އާރުބީޖީ ސްޕޯރޓްސް ކުލަބުގެ މި ހަރަކާތްތަކުން ފާހަގަވި އެންމެ މުހިންމުކަމަކީ މިފަދަ ކޮންމެކަމެއްވެސް ވަރަށް ރޭވުންތެރިކަމާއިއެކު ކަމާއި ގުޅުންހުރި ތަޖްރިބާކާރު ރާއްޖޭގެ މަސްހޫރު ބޭފުޅުންގެ އެހީތެރިކަން ހޯދާފައިވުމެވެ.

އާރުބީޖީ ސްޕޯރޓްސް ކުލަބުގެ ހިންގުމާއި ބެހޭގޮތުން ކުރިސުވާލަކަށް ޖަވާބުދެމުން އެކުލަބުގެ ރައީސް އިބްރާހިމް ނަސީމް ވިދާޅުވީ ކުލަބު މިހާ އޮގަނައިޒްކޮށް ކުރިއަށް މިގެންދެވެނީ ކުލަބުގެ ހިންގާކޮމިޓީގެ މެމްބަރުންގެ ހީވާގި މަސައްކަތުގެ އިތުރުން މެމްބަރުންގެ ބަދަހި ގުޅުމުގެ ސަބަބުން ކަމަށެވެ. އަދި ކުލަބުހިންގުމުގައި ހަރަކާތްތެރިވަނީ މީގެ އެތަށް އަހަރެއް ކުރިންވެސް މި ބޮޑުފޮޅުދޫގެ ކުޅިވަރު ހަޔާތުގައި ކުޅިވަރު ކުރިއެރުވުމަށް ގިނަގުނަ މަސައްކަތްތަކެށް ކޮށްދެއްވާފައިވާ ބޭފުޅުންތަކެށްގެ ބުރަމަސައްކަތުންކަމަށެވެ .ނަސީމް ވިދާޅުވީ ކުލަބެއް ރަޖިސްޓްރީކޮށް ހިންގުމަކީ ހަމައެކަނި ކުޅިވަރު ރާވައި ހިންގާ މެޗްތަކެއް ކުޅުންނޫންކަމަށާއި، މީ ބޮޑުޒިންމާ އެއްއޮތް ކަމެއްކަމަށެވެ. އެންމެ މުހިންމު ކަމަކީ ކުލަބުޖަމިއްޔާ ތަކުގެ ބެލެނިވެރިފަރާތް ކަމުގައިވާ މިނިސްޓްރީ އޮފް ޔޫތް އެންޑްސްޕޯރޓްސްއިން ކުލަބުތަށް ކުރުމަށް ލާޒިމް ކޮށްފައިވާ ކަންކަން ފުރިހަމަކުރުންކަމަށާއި، ރަޖިސްޓްރީކޮށް އެކަންކަން ފުރިހަމަނުކޮށް 2 އަހަރު ދުވަސް ފާއިތުވުމުން އެކުލަބެއް ކުލަބެއްގެ ގޮތުގައި ރަސްމީކޮށް ހަރަކާތްތެރި ނުވެވޭނެ ކަމަށް ޤަވާއިދު ބުނާގޮތުން އެގޭކަމަށާއި އެހެންކަމުން އާރުބީޖީ ސްޕޯރޓްސް ކުލަބުން އެންމެ އިސްކަމެއް ދީފައިވާނީ އެކަންކަން ފުރިހަމަކުރުމަށްކަމަށެވެ.
ނަސީމް ވިދާޅުވީ އާރުބީޖީ ސްޕޯރޓްސް ކުލަބުން މިއަދު އުފާވަނީ އއ.ބޮޑުފޮޅުދޫގެ ކުޅިވަރު ކޮމިއުނިޓީ ނިދިފައި ތިއްބައި ހޭލައްވާލަދެވުނީތީވެ ކަމަށާއި، ފުރަތަމަ ކުލަބުން ކުރިކަމަކީ އަންހެން ކަނބަލުންނަށް ހާއްސަކޮށް ވޮލީ މެޗްތަކެއް އަތޮޅުގެ ރަށްރަށާއި އެކު ހަމަޖައްސައި ރަށުގައި ކުޅޭ އެންމެން ބައިވެރިކޮށް ކުލަބުން އެކުވެރިކަމުގެ މެޗްތަކެށް ކުޅުވީ ކަމަށާއި، ކުލަބުގެ މެމްބަރުން ނޫން ފަރާތްތަށްވެސް މިމެޗްތަކުގައި ފުރަސަތުދީ ކުޅުވައި ގޭގެ ހަފޮޅުން ބޭރުކޮށް ކުޅިވަރު ދަނޑުތަކަށް ނެރެ ބޮޑުފޮޅުދޫ އަށް އައުދިރުމެއް ގެނެސްދިނީކަމަށެވެ. އަދި އާރުބީޖީ ސްޕޯރޓްސް ކުލަބު ނަމޫނާ އަކަށް ބަލައި ބޮޑުފޮޅުދޫ ކައުންސިލްގެ ރައީސް ޝުޖާއު އާދަމް އާރުބީޖީ ސްޕޯރޓްސް ކުލަބުން ކުރިއަށްގެންދިޔަ ވޮލީޓްރެއިނިންގް ކޭމްޕް ފައްޓަވައި ދެއްވުމުގެ ރަސްމިއްޔާތުގައި ވާހަކަ ފުޅުދައްކަވަމުން ފާހަގަ ކުރެއްވިގޮތަށް ”ބޮޑުފޮޅުދޫގެ ކުޅިވަރު ތާރީޙް ބަދަލުކޮށްލި ކުލަބަކީ އާރުބީޖީ ސްޕޯރޓްސް ކުލަބަށްވާތީ އެކުލަބު ނަމޫނާ އަކަށް ބަލައި ކުރިއަށް ދިއުމަށް އެހެންކުލަބުތަކަށް ގޮވާލާފައިވެއެވެ.

ނަސީމް ވިދާޅުވީ މިއަދު އާރުބީޖީ ސްޕޯރޓްސް ކުލަބަކީ ރަށުގެ އެންމެ މަޤްބޫލް އަދި އަތޮޅުފަހަނަ އަޅާ މުޅިރާއްޖެ ދަންނަ ކުލަބެއްކަމަށާއި، އެހެންކަމުން ކުލަބުގެ މެމްބަރުން ކުރެއްވި ބުރަ އަދި އެހާމެ އަގުހުރިމަސައްކަތުގެ ނަތީޖާ މިއަދު ފެންނަމުން އަންނަކަމަށެވެ. ނަސީމް ވިދާޅުވީ މިފަހުން އާރުބީޖީ ސްޕޯރޓްސް ކުލަބުން ކުޅިވަރު ކުރިއެރުވުމަށް ކުރަމުން އަންނަ މަސައްކަތަށް ލިބިގެންދިޔަ އެންމެ ބޮޑު ކުރިއެރުމަކީ މޯލްޑިވްސް ވޮލީބޯލް ވެޓަރެންސް ޓީމް އާއި މޯލްޑިވްސް ޕްލިސް ކުލަބުގެ ޖޫނިއަރ ފިރިހެން ވޮލީޓީމް މި ކުލަބުގެ ދައުވަތަށް ބޮޑުފޮޅުދޫއަށް ކުރެއްވި ޒިޔާރަތް ކަމަށެވެ. ވޮލީއަށް ހާއްސަ އިސްކަމެއްދީގެން ކުރިއަށްދާ އާރުބީޖީ ސްޕޯރޓްސް ކުލަބުން ފާހަގަކޮށްފައިވަނީ މިހާރު މިކުލަބު ވޮލީގައި ކުރިއަށް ދިއުމުގައި މޯލްޑިވްސް ވޮލީބޯލް ވެޓްރެންސް ޓީމްގެ ފުރިހަމައެހީތެރިކަމާއި އެއްބާރުލުން ލިބެމުންދާކަމަށާއި ކުޅުންތެރިން ތަމްރީން ކުރުމުގައި އާރުބީޖީ ސްޕޯރޓްސް ކުލަބުން ބޭނުންވާ އެހީތެރިކަން މިހާރުވެސް ލިބެމުން އަންނަކަމަށެވެ.
ހަމަ އެގޮތަށް ޕޮލިސް ކުލަބުގެ ޖޫނިއަރ ޓީމްމާއި މިވަގުތު ހަވާލުވެތިއްބެވި ބޭފުޅުންގެ އެހީތެރިކަންވެސް ލިބެމުން އަންނަކަމަށެވެ. އެގޮތުން އެމް،ވީ،ވީ ގެ ރައީސް ސައީދު އަލީ އަށާއި، މުހައްމަދު ނަދީމް، މުހައްމަދު ސާޖިދު (ކާއްޓޭ ) އަދި މުންތާޒް އަލީ (މުންތޭ)ގެ އިތުރުން ފައްލޯކޯޗް އަށް ޝުކުރު އަދާކުރައްވާކަމަށެވެ. އަދި އާރުބީޖީ އަންހެން ވޮލީޓީމް ޓްރެއިން ކުރުމުގައި އިސްދައުރެއް އަދާކޮށްދެއްވި މުހައްމަދު ރިޝްވާން ( ރިއްޗަޅޭ ކޯޗް) އަށްވެސް އެކުލަބުން ވަނީ ޝުކުރު އަދާކޮށްފައެވެ.

އާރުބީޖީ ސްޕޯރޓްސް ކުލަބުން މައުލޫމާތު ދޭގޮތުގައި މިއަހަރުގެ ކުޅިވަރު ތަކަށް ބަލާއިރު ގިނަ ހަރަކާތްތަކެއް ހިންގިފައިވާއިރު މިހާރު އެކުލަބުން ތައްޔާރު ވަމުން އަންނަނީ އެކުލަބުގެ 2 ވަނަ ދައުރުގެ އަހަރީ އާންމުޖަލްސާ ކަނޑައެޅިފައިވާ ތާރީޚްގައި ބޭއްވުމަށެވެ. މިއަހަރުގެ އެންމެ ފަހު ހަރަކާތްތަކެއްގެ ގޮތުގައި އެކުވެރިކަމުގެ ވޮލީމެޗްތަކެއް ކުޅުމަށް ހަމަޖެހިފައިވާކަމަށާއި، އެގޮތުން އއ.މަތިވެރީ އަންހެން ވޮލީޓީމްއާއި އެކު 6 ނޮވެމްބަރ ގައި މެޗެށް ކުޅެ 3-1 ސެޓުން އާރުބީޖީ ކާމިޔާބުކޮށްފައިވާއިރު ނޮވެމަބަރ 11 ވާ ބުރާސްފަތި ދުވަހު ހަވީރު އއ.ބޮޑުފޮޅުދޫ ވޮލީކޯރޓްގައި ކ.ހިންމަފުށީ އަންހެން ވޮލީޓީމްއާއިއެކު އެކުވެރިކަމުގެ ވޮލީމެޗެށް ކުޅުމަށް ވަނީ ހަމަޖެހިފައެވެ.
އާރުބީޖީގެ ރައީސް އިބްރާހިމް ނަސީމް ވިދާޅުވީ ކުލަބުގެ އަމާޒަކީ އަންނައަހަރު މިކުލަބުގެ އަންހެން އަދި ފިރިހެން ވޮލީޓީމް ނެޝަނަލް ޓޯނަމަންޓް އެއްގައި ބައިވެރި ކުރުން ކަމަށާއި އެކަމަށް ވާންޖެހޭ އެންމެހައި ތައްޔާރީތައް ވަމުން އަންނަ ކަމަށާއި، އެގޮތުން ވޮލީބޯލް އެސޯސިއޭސަންގެ މެމްބަރޝިޕް ގައި އާރުބީޖީސކ މިއަހަރު ނިމުމުގެ ކުރިން ރަޖިސްޓްރީ ކުރާނެކަމަށެވެ.
އާރުބީޖީ ސްޕޯރޓްސް ކުލަބަކީ ރާއްޖެތެރޭގައި ހަރަކާތް ތެރިވާ ކުލަބުޖަމިއްޔާތަކުގެ ތެރެއިން މުޅިރާއްޖޭގެ މަޤްބޫލްކަން ހޯދާ ރާއްޖޭގެ ކުޅިވަރު ކުޅޭ ގިނަފަރާތް ތަކެށްގެ ލޯތްބާއި އިޚްތިރާމް މަދު ދުވަސްކޮޅެއްގެ ތެރޭ ހިންގި ކާމިޔާބު ގިނަ ހަރަކާތް ތަކެއްގެ ސަބަބުން ހޯދައިފައިވާ އަދި ހޯދަމުން އަންނަ ކުލަބެއްކަން ފާހަގަ ކޮށްލެވެއެވެ.


