މާލޭ މަގުމަތިން ސިފައިންގެ މީހަކު ރަހީނުކޮށް، ވަރަށް ބޮޑަށް އަނިޔާކޮށް، ފައިސާ ނުލިބުމުން އައިޖީއެމްއެޗު ކައިރިއަށް ގެންގޮސް މަގުމައްޗަށް އެއްލާލައިފި އެވެ.
ފުލުހުން ބުނީ، އަނިޔާތަކެއް ލިބިފައިވާ ދިވެހި ފިރިހެނަކު އައިޖީއެމްއެޗަށް ގެންގޮސްފައިވާ ކަމުގެ މައުލޫމާތެއް މިއަދު ހެނދުނު 9:55 ހާއިރު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.
އަދި އެކަމާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށްވެސް ބުންޏެވެ.
ރަހީނުކުރި އުމުރުން 37 އަހަރުގެ، ހަސަން ފަހީމް ނަމަކަށް ކިޔާ މީހާގެ އާއިލާއާ މީހަކާ ހަވާލާދީ “ދައުރު” ނޫހުގައި ބުނެފައިވާ ގޮތުން، އޭނާ ރަހީނުކުރީ މާފަންނު އޭސް ހާޑްވެއާ ކައިރީގައި އޮންނަ ގޯޅިގަނޑަކުން ހިނގާފައި ދަނިކޮށް ރޭ 11:30 އެހާކަންހާއިރު އެވެ.
އަދި ފުރަތަމަ ދެމީހަކު އައިސް ހިފެހެއްޓުމަށްފަހު އެދުނީ އޭނާގެ އަތުގައި ހުރި ފައިސާ ދިނުމަށް ކަމަށާއި ނަމަވެސް ފައިސާ ނުދިނުމުން އޭނާގެ ގައިގައި އިތުރު ބަޔަކު އައިސް ތަޅައިގެން ކަމަށް ބުންޏެވެ.
އާއިލާއިން ބުނި ގޮތުގައި، ފަހީމަށް ހެނދުނު ވަންދެން އަނިޔާކުރުމަށްފަހު، ފައިސާއެއް ނުލިބުމުން އޭނާ އައިޖީއެމްއެޗު ދޮރުމައްޗަށް ވައްޓާލި ކަމަށެވެ. އަދި އެކަން ކުރީ ހަތް މީހުން ހިމެނޭ ގުރޫޕަކުން ކަމަށާއި، އެ އެންމެންވެސް ތިބީ މޫނު ނިވާކޮށްގެން ކަމަށްވެސް ބުންޏެވެ.
އައިޖީއެމްއެޗުގައި މިހާރު ފަރުވާ ދެމުންދާ ފަހީމަށް ދިން އަނިޔާތަކުގެ ތެރޭގައި ތޫނު އެއްޗަކުން ޒަހަމްތައް ދީފައި ހުރި އިރު، މޫނުމަތިވެސް ހުރީ ވަރަށް ބޮޑަށް ދުޅަވެފައެވެ. އަދި ސިނގިރޭޓު ބުރިއަކުން ގައިގާ ޖައްސާފައިވާކަމުގެ ނިޝާންތަކާއި އެއްޗަކުން ތަޅާފައި ހުރިކަމުގެ ނިޝާންތައް ފެންނަން ހުރި ކަމަށް އާއިލާއިން ބުނެ އެވެ.


