ކުކުޅު މަގު ހުރަސްކުރީ ކީއްވެގެން ހެއްޔެވެ؟

އިޖުތިމާޢީ ފަހުގެ

މަތީގައި ކުރެވިފައިވާ ސުއާލަށް އެކިއެކި އާލިމުން، އެމީހުންގެ އިލްމާއި ފަލްސަފާގެ އަލީގައި ދިން ނުވަތަ ދޭނެ ޖަވާބު ތިރީގައި އެވަނީއެވެ.

ފަރަންސޭސި ފަލްސަފާވެރިޔާ ޑީ ކާޓްގެ ޖަވާބަކީ: އެއީ މަގުގެ އަނެއް ފަރާތަށް ދިޔުމަށެވެ!

އިޝްތިހާރު
އިޝްތިހާރު

އެވޭލާ ޒަމާނުގެ ޔޫނާނީ ފަލްސަފާވެރިޔާ ޕްލާޓޯގެ ޖަވާބަކީ: އެއީ، ކުކުޅުގެ ނަޒަރުގައި، ހަގީގަތް ފެނި ހާމަވާނީ މަގުގެ އަނެއް ފަރާތުން ކަމުގައިވާތީއެވެ.

ޕްލާޓޯގެ ދަރިވަރު އެރިސްޓޯޓްލްގެ ޖަވާބަކީ: އެއީ ކުކުޅުގެ ތަބީއަތް ނިޔާކުރާ ކަމަކަށްވާތީއެވެ.

ކޮމިޔުނިޒަމްގެ އަގީދާގެ ބާނީ ކާރލް މާކްސްގެ ޖަވާބަކީ: އެއީ ނުވެނުދާނޭ ކަމަކަށްވާތީއެވެ.

މީސްމީހުން ނުދާ ތަންތަނަށް ދިޔުމަށް މަސައްކަތްކުރި، ޚިޔާލީ ޝަޚުޞިއްޔަތެއް ކަމަށްވާ ކެޕްޓަން ޖޭމްސް ކާރކްގެ ޖަވާބަކީ: އެއީ އެހެން ކުކުޅެއް އަދި ނުދާ ތަނަކަށް ދިޔުމަށްޓަކައެވެ.

ޔޫނާނީ އިހުގެ ބޭސްވެރިޔާ، އާދެ، ބޭސްވެރިކަމުގެ ބައްޕަގެ ނަމުން މަޝްހޫރުވެފައިވާ ހިޕޯކުރަޓިސްގެ ޖަވާބަކީ: އެއީ ކުކުޅުގެ ޕެންކިރިއޭސް އޭގެ ހަށިގަނޑު ތެރެއަށް ދޫކޮށްލި އެއްޗެއްގެ ސަބަބުންނެވެ.

އެމެރިކާގެ މަދަނީ ހައްގުތައް ހޯދުމުގެ މަސައްކަތުގެ އެންމެ އިސް ލީޑަރުންގެ ތެރޭގައި ހިމެނޭ މާޓިން ލޫދަރ ކިންގުގެ ޖަވާބަކީ: އެއީ، އެކަން ކުރުމަކީ އެންމެ ރަނގަޅު ކަމެއްކަން ދައްކަން ނުޖެހި އެކަން ކުރެވިދާނެތޯ ބަޔާންކޮށްދިނުމުގެ ހުވަފެން ކުކުޅު އަބަދުމެ ދެކޭތީ ކުރިކަމެކެވެ!

އެމެރިކާގެ ކުރީގެ ރައީސެއްކަމުގައިވާ ރިޗާޑް ނިކްސަންގެ ޖަވާބަކީ ކުކުޅު މަގެއް ހުރަހެއް ނުކުރާ ކަމެވެ! އަދިވެސް އަހަރެން ބުނަމެވެ. ރައީސް ނިކްސަން އޭނާގެ ޖަވާބު ތަކުރާރުކުރަމުން ބުންޏެވެ. ކުކުޅު މަގެއް ހުރަހެއް ނުކުރެއެވެ! ނިކްސަން އަކީ އޭނާގެ އިދިކޮޅު ސިޔާސީ މީހުންގެ ހަރަކާތްތައް ޖާސޫސުކޮށްގެ ހޯދަން އުޅުންކަން ފަޅާއެރުމުން، ދެމް އެކަމަށް އިންކާރު ކުރެވެން ނެތުމުން، ރައީސް ކަމުން އިސްތިއުފާދޭން މަޖުބޫރުވި ރައީސެކެވެ. ރާއްޖޭގައި ނަމަ، އެކަން ފަހުން، މަޖުބޫރުކޮށްގެން އިސްތިއުފާދިން ކަމަށް ހަދާލުމުގެ ފުރުސަތު ނިކްސަނަށް އޮތީހެވެ! ނޫނީ، ކޮންމެ ފަދަ މޮޔަ، ގާނޫނާ ޚިލާފު ކަމެއް ކުރި ނަމަވެސް، ނޫނީ ކަމަށް ކިތަންމެ ނާގާބިލުވި ނަމަވެސް، އެކަން ހުރިހާ ދިމާއަކުން ފެނުނަސް، ފަހުން ވެރިކަމަށް އައުމުގެ ފުރުސަތު ވެސް، ރާއްޖެގައި ނަމަ، އޮންނާނެއެވެ! ނަމަވެސް ހިތާމައަކީ އެމެރިކާ ރާއްޖެއަށް ނުވުމެވެ!!

[އާދެ، ސިޔާސީވެރިން މިފަދައިން ހަގީގަތް އިންކާރުކޮށް، ‘މުޅިން އާ ހަގީގަތެއް ދައްކައެވެ! މީގެ ހެއްވާ ކަމަކީ ހަގީގަތް އިންކާރު ކުރުމެއް ނޫނެވެ! އޭނާއަށް ތާއީދުކުރާ މީހުން އެކަން ގަބޫލުކުރުމެވެ! ތަނުގެ އާމްދަނީ އިތުރުކުރުމުގެ ގޮތުން، ބޭނުން ހިނދަކު، ހިތު ހުރިވަރަކަށް ހިތު ހުރި ގޮތަކަށް، ފައިސާ ޗާޕުކުރުމަކީ އިގުތިސާދީ ގޮތުން އެތައް ނުރައްކަލެއް ކުރިމަތިވާ ކަމެއްކަމާ މެދު، އިގުތިސާދީ މާހިރުން އެއްބަސް ވެއެވެ! ނަމަވެސް، މި ހަގީގަތް ވެސް މިހާރު އެއީ ހަގީގަތަކަށް ނޫން ކަމަށް ވެއްޖެއެވެ!!! އާދެ، ‘ތެދުގެ ފަހުގެ [ޕޯސްޓު ޓުރުތު] އާއި ތެދުގެ ފަހުގެ ޖީިލުގެ ވިސްނުން ހުންނަ ގޮތެވެ. [‘ތެދުގެ ފަހަތް’ މިކަން އިތުރަށް ސާފުކޮށްލަދނުމުގެ ގޮތުން ފަހުން އެހެން ލިޔުމެއް ގެނެސްދެވޭތޯ ބަލާނަމެވެ.]

ސިޔާސީ މައިދާނުގައި ޣާޔަތަކީ ވަސީލަތް ތަބުރީރުކުރާނެ، ރަނގަޅު ކުރާނޭ، ކަމުގެ ފަލްސަފާގެ ވެރިޔާ [މިސާލަކަށް ސަދަގާތްކުރަން ވައްކަންކުރުން؛ ސަދަގާތަކީ ޣާޔަތް، ބޭނުން، މަގުސަދު. ވަސީލަތަކީ ވައްކަންކުރުން. ސަދަގާތްކުރުމަށްޓަކައި ވައްކަން ކުރުން ރަނގަޅުވުން.] އިޓަލީގެ އަމީރެއް ކަމުގައިވި ނިކޯލޯ މާކިއަވެއްލީގެ ޖަވާބަކީ ކުކުޅު މަގު ހުރަސް ކުރި ކަމުގެ ސަބަބު އަހަރުމެން ދެނެގަންނާކަށް ނުޖެހއެވެ. ކުކުޅުގެ މަގުސަދަކީ މަގު ހުރަސް ކުރުމެވެ. އެކަން ކުރުމުން، އެކަން ކުރީ ކޮންމެ ފަދަ ބޭނުމެއްގައި ކަމަށް ވިޔަސް، އެ ބޭނުމަކީ ރަނގަޅު ބޭނުމެއް ކަމުގައި ބަލަން ޖެހެއެވެ.

ބުދު ދީނުގެ ބާނީ ކަމުގައިވާ ގައުތަމާ ބުއްދާގެ ޖަވާބަކީ އެ ސުއާލުކުރުމުގެ މާނައަކީ ކުކުޅުގެ ތަބީއަތް އިންކާރު ކުރުމެވެ.

އަޅުގަނޑުމެންގެ މިހާރު ދީންވެރި، އިހާރުގެ ލަވަކިޔުންތެރި ފަތުވާ ވެރިންގެ ޖަވާބަކީ އެއާއެކު މަހުރަމު ހާލެއް ހުރުމުން އެއީ ހަރާން ކަމަކަށް ނުވާނެތީއެވެ!

މަޝްހޫރު ސައިންސު އިލްމުވެރިޔާ އަދި ނިސްބީ ނަޒަރިއްޔާގެ ބާނީ އައިންސްޓައިންގެ ޖަވާބަކީ ކުކުޅު މަގު ހުރަސްކުރުމާއި ނޫނީ މަގު ކުކުޅުގެ ފައިދަށުން ހަރަކާތްކުރުން އެއީ ނިސްބީ ކަމެކެވެ.

ދެން އޮތް ސުއާލަކީ ކިޔުންތެރިންގެ އަމިއްލަ ނަޒަރުގައި ކުކުޅު މަގު ހުރަސްކުރީ ކީއްވެގެންތޯ ބުނެދިނުމެވެ!

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ