ކުރީގެ ރައީސް އަބްދުﷲ ޔާމީން އަލުން އަނބުރާ ވެރިކަން ލިބުމަކީ ރައްޔިތުންނަށް ވެރިކަން ލިބުން ކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެ އެވެ.
މިރޭ ކާނިވާ ސަރަހައްދުގައި ޕީޕީއެމުން ބޭއްވި ޖަލްސާގައި އަދުރޭ ވިދާޅުވީ ގައުމަށްޓަކާ ޔާމީން ވެވަޑައިގެންނެވީ ވަރަށް ބޮޑު ގުރުބާނީއެއް ކަމަށާއި އެ ގުރުބާނީގެ އަގަކީ އަދާކުރެވޭނެ އެއްޗެއް ނޫން ކަމަށެވެ. އެގޮތުން އެކަމުގެ އަގު ރައްޔިތުން އަދާކުރާނީ ދެން އެންމެ އަވަހަށް ރާއްޖޭގައި ބާއްވާ ރިޔާސީ އިންތިހާބުން ކަމަށާއި ޔާމީނަށް ވެރިކަން ލިބުމަކީ ގައުމަށް ވެރިކަން ލިބުން ކަމަށްވެސް އަދުރޭ ވިދާޅުވި އެވެ.
“އެއީ ދިވެހި ރައްޔިތުންނަށް ވެރިކަން ލިބިގެންދިޔުން. އެއީ ރާއްޖޭގެ މިނިވަންކަން ދިފާއުކުރުން، އެއީ މާތްވެގެންވާ އިސްލާމްދީން މިތަނުގައި ދެމެހެއްޓުން. އެއީ އިސްލާމީ ވަހުދަތު ކުރިއަރާ ދިޔުން، އެއީ ޒުވާނުންގެ މުސްތަގުބަލު އުޖާލާވުން” ޔާމީނަށް ވެރިކަން ލިބެންޖެހޭ ސަބަބުތައް ހާމަކޮށްދެއްވަމުން އަދުރޭ ވިދާޅުވި އެވެ.
ޖޯޝާއެކު ވާހަކަދައްކަމުން އަދުރޭ ވިދާޅުވީ ޔާމީނަކީ ރާއްޖޭގެ މުސްތަގުބަލު ކަމަށާއި އެއީ އުމްރާނީ ތަރައްގީގެ ކުރިބޯށި ކަމަށެވެ. އަދި އެ ކުރިބޯށްޓަށް ޔާމީނާއެކު ވާސިލުވުމަށް އިދިކޮޅު ލީޑަޝިޕް އޮތީ ކަމަރު ބަންނަން ތައްޔާރަށް ކަމަށްވެސް އަދުރޭ ވިދާޅުވި އެވެ.
މީގެއިތުރުން އަދުރޭ ވަނީ ޔާމީން މިނިވަންވާނެ ކަމާމެދު އެއްވެސް އިރެއްގައި އިދިކޮޅު ލީޑަޝިޕުން ޝައްކު ނުކުރާ ކަމަށްވެސް ވިދާޅުވެފަ އެވެ. އަދި ޔާމީން ފުރުން މަނާކޮށް ނެރުނު އަމުރަށް ފާޑު ވިދާޅުވަމުން އަދުރޭ ވަނީ އެއީ ބޭކާރު އަމުރެއް ކަމަށާއި ޔާމީނަކީ ފިއްލަވާނެ ބޭފުޅެއް ނޫން ކަމަށްވެސް ވިދާޅުވެފަ އެވެ


