ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވެރިކަމަށް ވަޑައިގެން، އެމަނިކުފާނުގެ ފަސް އަހަރު ދުވަހުގެ ތެރޭގައި ރައްޔިތުންގެ ޖީބުތައް ފުރާލައްވާނެ ކަމަށް އެމަނިކުފާނުގެ ގާނޫނީ ވަކީލުންގެ ޓީމުގައި އިސްކޮށް ހުންނެވި އަދި ކުރީގެ ނައިބު ރައީސް ޑރ. އަހުމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެ އެވެ.
ޔާމީން މިނިވަންވުމުގެ އުފަލުގައި “މަރުހަބާ ރައީސް ޔާމީން”ގެ ނަމުގައި އިދިކޮޅު ކޯލިޝަނުން ކާނިވާ ސަރަހައްދުގައި ރޭ ބޭއްވި ޖަލްސާގައި ޖަމީލު ވިދާޅުވީ، ރާއްޖޭގައި ކިތަންމެ ވަރަކަށް ނިޒާމުތަކެއް ތައާރަފުކުރިޔަސް، ރާއްޖޭގެ ޖިނާއީ އަދުލުގެ ނިޒާމު އޮތީ ނާޒުކު ފައްތަރެއްގައި ކަމަށާއި ރާއްޖޭގެ މިއަދުގެ އަދުލުގެ ނިޒާމު އޮތީ ކޮންމެ މީހެއްގެ މައްޗަށްވެސް އަނިޔާވެރިވެވޭ ގޮތަށް ބައްޓަން ކުރެވިފައި ކަމަށެވެ.
ޖަމީލު ވިދާޅުވީ، ރައީސް ޔާމީނު ކުރެއްވި ކުށަކީ ރާއްޖެއަށް ގެނައި ބިޔަ ތަރައްގީއާއި ރާއްޖޭގެ މުސްލިމު އައިޑެންޓިޓީ ހިފެހެއްޓުމާއި މުސްތަގިއްލުކަން ސާބިތުކޮށްދެއްވުން ކަމަށެވެ. އަދި ރައީސް ޔާމީންގެ މައްޗަށް ކުރި ތުހުމަތަކީ ހަގީގަތެއް އޮވެގެން ކުރި ތުހުމަތެއް ނޫންކަން އެންމެ ފުރަތަމަ ދުވަހުން ފެށިގެންވެސް އެނގޭ އިރު، ހިޔާނާތުގައި ބައިވެރިވި މީހުން ތިބީ ސަރުކާރާއި ޑީލު ހަދައިގެން، ސަރުކާރުގެ ފިނި ކޮޓަރިތަކުގައި އިއްޒަތާއި ގަދަރު ދީފައި ކަމަށް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، ރައީސް ޔާމީނަކީ މިއަދު ރާއްޖޭގެ އެންމެ މަތީ ކޯޓުން މައުސޫމް ބޭފުޅެއް ކަމަށް ކަނޑައަޅުއްވާފައިވާ ބޭފުޅެއް ކަމަށާއި އެއާ އެކީގައި ދެން އެމަނިކުފާނު ވެގެންދާނީ 2008ގެ ގާނޫނުއަސާސީގެ ދަށުން ފުރަތަމަ ފަހަރަށް ދެވަނަ ދައުރެއް އަދާކުރާ ރައީސުލްޖުމްހޫރިއްޔާއަށް ކަމަށެވެ. އަދި ޕީޕީއެމް/ ޕީއެންސީގެ ލަޝްކަރު ދެން އިށީންނާނީ 2023ގެ ރިޔާސީ އިންތިހާބު އެމަނިކުފާނަށް ކާމިޔާބު ކޮށްދެއްވާފައިވާ ކަމަށް ވިދާޅުވި އެވެ.
“މި ނިމިގެން ދިޔައީ ދުއްތުރާގެ ފަސް އަހަރު. މިއީ ގައުމު ވިއްކާލި ފަސް އަހަރު. މިއީ ބަދަލުދިނުމުގެ ނަމުގައި ބައިތުލްމާލު ހުސްކޮށްލި ފަސް އަހަރު. މިއީ ދިވެހިރާއްޖޭގެ ދީން ފުޑާލި ފަސް އަހަރު. މިއީ ދިވެހިންގެ ބިން ހާއިނުންނަށް ވިއްކާލި ފަސް އަހަރު. އެކަމަކު އުފާވެރި ހަބަރެއް އެބައޮތް. ކުރިއަށް އޮތް ފަސް އަހަރު، 2023 އިން ފެށިގެން ފަސް އަހަރަކީ ނަޔާ ޗާލު ވެރިކަމަކާ އެކީގައި ރައީސް ޔާމީން އަބްދުލްގައްޔޫމް ތިބޭފުޅުންގެ ޖީބު ފުރާލާ ފަސް އަހަރު. ތަރައްގީއާއި ތަހުގީޒާއި ތަމައްދުނާއެކު ރާއްޖޭގެ މާލީ ނިޒާމު އިތުރު ހަރުފަތަކަށް ގެންދާ ފަސް އަހަރަށް ވެގެންދާނެ،” ޖަމީލު ވިދާޅުވި އެވެ.


