އަތޮޅުތަކަށް ބޭނުންވާ އިތުރު 20 އެމްބިއުލާންސް ރަށްރަށަށް ފޮނުވަން ފަށައިފި އެވެ.
ހެލްތު މިނިސްޓްރީން ބުނީ އެމްބިއުލާންސް ފޮނުވާ ރަށްތަކުގެ ތެރޭގައި ހދ. ކުމުންދޫ އާއ ށ. ބިލެތްފައްސާއި ށ. ނަރުދޫ އާއި ފޮއްދޫ އާއި ކުޑަފަރިއާއި ބ. ކެންދޫ ހިމެނޭ ކަަމަށެވެ. އަދި އއ. މަތިވެރި އާއި އދ. މަންދޫ އާއި ފެންފުއްޓާއި ފ. ފީއަލި، މ. ކޮޅުފުއްޓާއި ތ. ވަންދޫ އާއި ތ. ބުރުންޏާއި ތ. ދިޔަމިގިލި ހިމެނޭ ކަމަށެވެ.
މީގެ އިތުރުން ލ. ކުނަހަންދުއާއި ގއ. ކޮލަމާފުއްޓާއި ނިލަންދުއާއި ގދ. ރަތަފަންދުއާއި އއ. ބޮޑުފޮޅުދޫ އަދި މ. ދިއްގަރަށް ވެސް އެމްބިއުލާންސް ފޮނުވުމަށް ނިންމާފައިވާ ކަމަށް ހެލްތު މިނިސްޓްރީން ބުނެއެވެ.
މިއީ އަތުޅުތެރޭގެ ހޮސްޕިޓަލުތަކުގަ އާއި ސިއްހީ މަރުކަޒުތަކުގައި އެމްބިއުލާންސް ނެތުމުން ދިމާވެފައިވާ ދަތިތަކަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން ފޮނުވާ ތަކެއްޗެވެ.
އަތޮޅުތެރެއަށް ބޭނުންވާ 96 އެމްބިއުލާންސް ގެނައުމަށް ފިނޭންސް މިނިސްޓްރީއާއި އެސްޓީއޯއާއެކު ފަހުމުނާމާއެއްގައި ހެލްތު މިނިސްޓްރީން ސޮއިކޮށްފައިވަނީ މިއަހަރުގެ ޖޫން މަހު އެވެ.
މި ފަހުމުނާމައިގެ ދަށުން މި އަހަރުގެ އޮކްޓޯބަރ މަހުގެ 13 ވަނަ ދުވަހު 20 އެމްބިއުލާންސް ރާއްޖެ ގެނެސް، 20 ރަށަކަށް ފޮނުވާފައިވާ އިރު، ދެވަނަ ޝިޕްމަންޓްގެ 20 އެމްބިއުލާންސް ރާއްޖެ ގެނައީ ފާއިތުވި ނޮވެމްބަރު މަހު އެވެ.
ސަރުކާރުން ބުނެފައިވަނީ މިއަހަރު ނިމުމުގެ ކުރިން 60 އެމްބިއުލާންސް ރާއްޖެ ގެނެވޭނެ ކަމަށެވެ.


