އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ މެމްބަރުން ވަކިކުރުމަށް ނިންމައިފިއެވެ.
އޭސީސީގެ މެމްބަރުން ވަކިކުރުމަށް ނިންމާފައިވަނީ މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީންނެވެ.
އޭސީސީގެ މެމްބަރުން ވަކިކުރުމަށް ވޯޓު ދެއްވީ ކޮމިޓީ ބައްދަލުވުމުގައި ބައިވެރިވި 7 މެމްބަރުންގެ ވޯޓުންނެވެ. މެމްބަރުން ވަކިކުރުމަށް ނުފެންނަ ކަމަށް ވޯޓު ދެއްވީ ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމްއެވެ.
އޭސީސީގެ މެމްބަރުންގެ ގޮތުގައި މިވަގުތު ތިއްބެވީ މަރިޔަމް ޝިއުނާ، ފާތުމަތު އަނޫލާ، އިބްރާހިމް ޝަކީލް އަދި އައިޝަތު އަބްދުﷲއެވެ. ކޮމިޝަންގެ މެމްބަރެއްގެ ގޮތުގައި ހުންނެވި އަލީ އަޝްރަފް ވަނީ މިދިޔަ ހަފްތާގައި މަގާމުން އިސްތިއުފާ ދެއްވާފައެވެ.
ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން މީގެކުރިން ވަނީ ކޮމިޝަންގައި ތިއްބެވި ފަސް މެމްބަރުންގެ މަސައްކަތާ ގުޅޭ އޮޑިޓެއް ހެދުމަށްފަހު، އެކަށީގެންވާ މަސައްކަތް ނުކުރާ މެމްބަރުން މަގާމުން ދުރުކުރުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ނިންމާފައެވެ.
އޭސީސީގެ މައްސަލަތައް ލަސްވާ މައްސަލައިގައި އެ ކޮމިޝަނަށް އެކި ފަރާތްތަކުގެ ފާޑުކިޔުން އަމާޒުވެއެވެ.


