ހުޅުމާލޭ ދެވަނަ ފިޔަވަހީގައި 450 މީހުންގެ ޖާގައިގެ ވަގުތީ މިސްކިތެއް ހުޅުވައިފި އެވެ.
މިއަދުގެ އަސްރު ނަމާދަށް އެ މިސްކިތް ހުޅުއްވައިދެއްވީ އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީ އެވެ.
4.3 މިލިއަން ރުފިޔާ ޚަރަދުކޮށްގެން، ޔެސް މޯލްޑިވްސް ޕްރަައިވެޓް ލިމިޓެޑުން ޢިމާރާތްކުރި މި މިސްކިތަކީ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތްކުރަން ހަވާލުކުރި ވަގުތީ ދެ މިސްކިތުގެ ތެރެއިން އެއް މިސްކިތެވެ.
އެ މިސްކިތް އެޅުމަށް އެކުންފުންޏަށް ހަވާލުކޮށްފައިވަނީ މިދިޔަ އޮގަސްޓް މަހުގެ 15 ވަނަ ދުވަހު އެވެ. މިސްކިތުގެ މަސައްކަތް ފަށާފައިވަނީ މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގަ އެވެ.
ހިޔާ ފްލެޓުތައް ސަރަހައްދުގައި ދެން ޢިމާރާތްކުރުމަށް ނިންމާފައިވާ ވަގުތީ މިސްކިތަކީ 600 މީހުންގެ ޖާގައިގެ މިސްކިތެކެވެ. އެ މިސްކިތަކީ އަންހެނުންނާއި ފިރިހެނުންނަށްވެސް ނަމާދު ކުރެވޭނެ މިސްކިތެއް ކަމަށް އިސްލާމިކް މިނިސްޓްރީން މީގެ ކުރިން ވަނީ ބުނެފަ އެވެ.
ހުޅުމާލޭ ދެވަނަ ފިޔަވަހީގައި މިވަގުތު ހުރި ހަމައެކަނި ދާއިމީ މިސްކިތަކީ އަމިއްލަ ފަރާތަކުން އިމާރާތްކޮށްފައިވާ 450 މީހުންގެ ޖާގައިގެ “މަސްޖިދު އަމީލް ޖަލީލް” އެވެ.


