ޚުދުމުޚުތާރު ވެރިން ހުއްޓުވަން ރާއްޖެއިން މަސައްކަތްކުރާނެ: ރައީސް

ޚަބަރު ފަހުގެ

ޚުދުމުޚުތާރުވެރިން ހުއްޓުވަން ރާއްޖެއިން އަބަދުވެސް މަސައްކަތްކުރާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ރައީސް މިހެން ވިދާޅުވީ އެމެރިކާގެ ރައީސް ޖޯ ބައިޑެން އިންތިޒާމްކުރައްވައިގެން، ޚުދުމުޚުތާރުވެރިކަމާއި ދެކޮޅަށް މަސައްކަތްކުރުމަށް އަމާޒުކޮށް ކުރިޔަށްގެންދެވި “ސަމިޓް ފޮރ ޑިމޮކްރަސީ” ގައި ރާއްޖޭގެ ފަރާތުން އިއްވެވި ބަޔާނުގަ އެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ވަރޗުއަލްކޮށް ބާއްވާ މި ސަމިޓުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތް ކުރުމަށާއި، ޚުދުމުޚުތާރު ވެރިން ހުއްޓުވުމަށާއި، އިންސާނީ ޙައްޤުތައް ކުރިއެރުވުމަށް ރާއްޖެއިން އަބަދުވެސް މަސައްކަތްކުރާނެ ކަމުގެ ޔަގީން އަރުވާ ކަމަށެވެ.

އެގޮތުން ސަރުކާރުން އެންމެ އިސްކަންދޭ އެއްކަމަކީ ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތް ކުރުމާއި، ޖަވާބުދާރީވުން އިތުރުކުރުން ކަމަށް ރައީސް ވިދާޅުވި އެވެ. އަދި މިހާރު އޮތް މާލިއްޔަތު ޤާނޫނާއި ގަވާއިދު އިޞްލާޙުކޮށް، ޤާނޫނީ އޮނިގަނޑުގައި ހުރި ފަރަޤުތައް ނައްތާލުމަށް އަމާޒު ހިފައިގެން މަސައްކަތްކުރަމުންގެންދާ ކަމަށާއި މިކަންކަމާއެކު “އޯޕަން ޕާޓްނަރޝިޕް”އަށް މަގުފަހިވެ، މިހާރަށްވުރެ ދެފުށް ފެންނަ، ޖަވާބުދާރީވާ ސަރުކާރަކަށް ވުމަށް މަގުފަހިވެގެންދާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

ރާއްޖޭގައި މަދަނީ ޖަމުޢިއްޔާ ޖަމާޢަތްތައް ނާޖާއިޒު ނުފޫޒުން އެއްކިބާވެތިބެ މިނިވަންކަމާއެކު ހަރަކާތްތެރިވުމަށް މަގުފަހިކޮށްދީ އެފަރާތްތަކުގެ ދައުރު އިތުރަށް ފުޅާކުރުމުގައި ސަރުކާރުން ދެމިއޮންނާނެ ކަމުގެ ޔަޤީންކަން ވެސް ރައީސް ދެއްވިއެވެ.

މީގެއިތުރުން ބައިނަލްއަޤްވާމީ ފަރާތްތަކާއި ގުޅިގެން ރާއްޖޭގައި ޖުޑިޝަރީ ހަރުދަނާކޮށް މިނިވަންކަން އިތުރުކުރުމާއި މި ދާއިރާއިން ޤާބިލުކަން އިތުރުކުރުމަށް މަސައްކަތް ކުރަމުންދާކަން ރައީސް ފާހަގަކުރެއްވިއެވެ. މި މުހިންމު މަސައްކަތްކުރަނީ ދުޅަހެޔޮ ޑިމޮކްރަސީއަކަށް މިނިވަން ޝަރުޢީ ނިޒާމެއްގެ މުހިންމުކަން ބޮޑުވުމުން ކަމަށް ރައީސް ވިދާޅުވި އެވެ.

“ސަމިޓް ފޯ ޑިމޮކްރަސީ”ގެ ނަމުގައި ވަރޗުއަލްކޮށް ކުރިޔަަށް ގެންދިޔަ މިސަމިޓަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުން 100 އަށް ވުރެ ގިނަ ލީޑަރުން ބައިވެރިވެވަޑައިގެންނެވި މިފަދަ ފުރަތަމަ ސަމިޓެވެ. އަދި ސަމިޓް އިންތިޒާމުކުރި ފަރާތްތަކުން 2022 ވަނަ އަހަރު އިން-ޕާސަން ސަމިޓެއް ކުރިއަށް ގެންދިއުމަށްވެސް ރާވާފައިވެއެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ