އެއްގަމާއި ކަނޑާއި ވައިގެ މަގުން ރާއްޖެ ސަރަހައްދު ބެލެހެއްޓޭނެ ވަރުގެ މަދަދެއް ރާއްޖެ އަށް ލިބުމަކީ ކުށްވެރިންނަށް ކެތްވާވަރުގެ ކަމެއް ނޫން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
ރައީސް މިހެން ވިދާޅުވެފައި ވަނީ މި އަހަރު ރާއްޖޭގައި ފާހަގަކުރަމުންދާ 41 ވަނަ މަސްވެރިންގެ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ.
ކ. ގާފަރުގައި މިރޭ ބޭއްވެވި މި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ރާއްޖެ އަކީ އިންޑިއާ ކަނޑުގައި އޮތް ކަނޑުގެ ސަރަހައްދު ބޮޑު ޖަޒީރާ ގައުމެއް ކަމަށާއި ބަދަލުވަމުންދާ ދުނިޔޭގެ އޮއިވަރާ، ކާރޫބާރުގެ ތެރެއިން އުފެދެމުންދާ ނުރައްކާތެރި އުދަބާނި ރާއްޖޭގެ ހުރަހަށާ ދިގަށް ހިނގަމުންދާ ކަމަށެވެ.
އެގޮތުން ބައިނަލްއަގުވާމީ ޑްރަގު ނެޓްވޯކުތަކުން އަބަދާ އަބަދު ހަރަކާތްތެރިވާ ކަމަށާއި ޓެރަރިޒަމާއި އެހެނިހެން ވަގުވިޔަފާރިއާ ހަތިޔާރުގެ ޣައިރު ގާނޫނީ މުއާމަލާތަށް މިބިޔަ ކަނޑުގައި ޖާގަ އޮންނަ ކަމަށް ރައީސް ވިދާޅުވި އެވެ. އަދި ރާއްޖެ ސަރަހައްދު ބެލެހެއްޓުމުގައި އަވަށްޓެރި ގައުމުތަކާ ގުޅުން ބަދަހިކުރުމަކީ އެ ފަރާތްތަކުން ރުހޭނެ ކަމެއް ނޫން ކަމަށްވެސް ރައީސް ވިދާޅުވި އެވެ.
“ދިވެހިރާއްޖޭގެ ސަރަހައްދު، އެއްގަމާ ކަނޑާ ވައިގެ މަގުން ބެލެހެއްޓޭނެ ވަރުގެ މަދަދެއް ރާއްޖެ އަށް ލިބުމަކީ ކުށްވެރިންނަށް ކެތްވާވަރުގެ ކަމެއް ނޫން” ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ދިވެހި ދައުލަތުގެ ދަށުގައިވާ އެއްގަމާ ކަނޑާއި ވައިގެ ސަރަހައްދު ކުށްތައް ކުރުމަށް ދުލެއް ނުކުރެވޭނެ ކަމަށެވެ. އަދި ރާއްޖޭގެ މިނިވަންކަމާ ސިޔާދަތާ އިސްތިގުލާލަކީ މަސްދޯނި ފަހަރަށް ވުރެ ޑްރަގްބޯޓު ފަހަރު ގިނަވާން ދޫކޮށްލުން ނޫން ކަމަށާއި އެފަދަ ކަންކަން ވިޔަ ނުދޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.


