ރައްޔިތުންގެ ލޯ ލާރިއަކަށް ވެސް ހިޔާނާތްތެރި ނުވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
މަސްވެރިންގެ ދުވަހުގެ ރަސްމީ ޖަލްސާގައި މިރޭ ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ވެރިކަމާ ހަވާލުވިއިރު މިފްކޯ އިން މަސްވެރިންނަށް ދޭންޖެހޭ 39.5 މިލިއަން ރުފިޔާ ހުރީ ނުދީ ކަމަށާއި ނަތީޖާއެއްގެ ގޮތުން ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދިނީ ނުދީ ހުރި މަސްވެރިންގެ ހައްގު ކަމަށްވާ ހަލާލު ފައިސާ މަސްވެރިންނަށްދީ ހަލާސް ކުރުން ކަމަށެވެ.
“އިރާދަކުރެއްވީތީ އެކަން ވަނީ ކޮށްނިމިފައި. ރައްޔިތުންގެ ލޯ ލާރިއަކަށް ވެސް އަޅުގަނޑު ހިޔާނާތްތެރިއެއް ނުވާނަން. ވެރިކަމުގެ މަސްއޫލިއްޔަތާއި ޒިންމާގެ ބޮޑުކަމާ މަތިވެރިކަން، ދައްޗާ ތުރާލާ އުނދަގުލުގެ ތެރޭގައިވެސް އަޅުގަނޑުގެ ހަނދާނުން ކެހިގެން ނުދާނެ” ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި ދުވަހުން ދުވަހަށް މަހުން މަހަށް، މަހުގެ އަގު ނުލިބުމުގެ ދައްޗާއި ތަކުލީފު މަސްވެރިން އުފުލަން ޖެހުމަކީ ވެގެންވާނެ ގޮތެއް ނޫނެވެ. އަދި އެތަށް ދުވަހަކު ކަނޑު ތަހަންމަލު ކުރުމަށް ފަހު އާއިލާއާއެކު ރަށުގައި ހުންނަ ދުވަހު އެ ފިކުރު މަސްވެރިންނަށް އޮވެގެން ނުވާނެ ކަމަށާއި އެ ދުވަހު މަސްވެރިޔާ ހުންނަން ޖެހޭނީ ކުރި މަސައްކަތުގެ އަގު އަތަށް ލިބިގެން އުފަލުން ކަމަށްވެސް ރައީސް ވިދާޅުވި އެވެ.
“އަޅުގަނޑުމެން ސަރުކާރާއި ހަވާލުވިއިރު ސަރުކާރުން މަސްވެރިންނަށް ދޭންޖެހޭ އެތައް މިލިއަން ރުފިޔާއެއް ހުރީ ނުދީ. ބެޔަސް ނުދީ، އަދި ހަަމަ ނުބެޔަސް ނުދީ” ރައީސް ވިދާޅުވި އެވެ.
މި ސަރުކާރުގެ މަސްވެރިކަމުގެ ސިޔާސަތުން ފެންނަ ބަދަލު ގޮސްނިމޭނީ، ފުރަތަމަ ކުރަންވާ ކަންތައް ފުރަތަމަ ނިންމާ އުޞޫލަށް ކަމަށާއި، އެހެންކަމުން މަސްވެރިންނަށް އަވަހަށް ފައިސާ ދިނުން އެއީ ސަރުކާރުން އެންމެ އިސްކަންދޭ އެއް ކަންތައް ކަމުގައި ރައީސް ހާމަކުރެއްވިއެވެ.
އޭގެ ފަހަތުގައިވާ ސަބަބަކީ މި ސަރުކާރު ވެރިކަމާ ޙަވާލުވިއިރު ސަރުކާރުން މަސްވެރިންނަށް ދޭންޖެހޭ އެތައް މިލިއަން ރުފިޔާއެއް ނުދީ ހުރުންކަމަށާއި، އޭރު މަސްވެރިން އެންމެ ބޮޑަށް ކުރަމުން އައި އެއް ޝަކުވާއަކީ، ކިރާ މަހަށް، އަވަހަށް ފައިސާ ނުލިބުމުގެ ޝަކުވާ ކަމަށްވުން ކަމުގައި ރައީސް ވިދާޅުވިއެވެ. އަދި މިހާރުގެ ސިޔާސަތަކީ ގިނަވެގެން ހަފްތާއެއް ތެރޭގައި ކިރާ މަހަށް ފައިސާ ދީ ނިންމުންކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.



ރަގަޅު ވާހަކައެއް. މިހާރަކު ލޯ ލާރިއެއް ނުހުންނާނެ. ހުންނާނީ ރަބަރު ކަރުދާހު ރުފިޔާ އާއި ޑޮލަރު. އެތަކެތިން ވައްކަން ކުރެވުނު ވަރު ޚުދު ޞޯލިޙަށް ވެސް ނޭނގޭނެ.