ނޮވެމްބަރު 3، 1988 ގެ އުދުވާނީ ހަމަލާގެ ހަގީގަތްތައް ރައްޔިތުންނަށް ހާމަކޮށްދޭން ކުރީގެ ރައީސް އަބްދުﷲ ޔާމީން ގޮވާލައްވައިފި އެވެ.
އިދިކޮޅުން ރޭ ބޭއްވި “ކޮތަރު ކޮށި” ޖަލްސާގައި ވާހަކަދައްކަމުން ޔާމީން ވިދާޅުވީ އެ ހަމަލާއާ ގުޅޭ ތަފްސީލު މައުލޫމާތު އެމަނިކުފާނަށް އެނގިވަޑައިގަންނަވާ ކަމަށާއި އެގޮތުން އެ ހަމަލާއާ ގުޅިގެން ނެގުނު ތަހުގީގު ޓީމެއްގައި އިސްކޮށް މަސައްކަތް ކުރުމުގެ ފުރުސަތު ލިބިވަޑައިގެންނެވި ކަމަށެވެ.
“އަޅުގަނޑުގެ މޭޒުން ފެންމަތިވި ނަންތައް ހަގީގަތުގައި މީގެ އެންމެ މޭސްތެރިންނަށް ތިބީ. އެމީހުން ތަހުގީގު ކުރީ ވެސް ހުދު އަޅުގަނޑު. އެހެންވީމަ މީގެ ވަރަށް ގިނަ ސިއްރުތައް އަޅުގަނޑަށް އެނގޭ” ޔާމީން ވިދާޅުވި އެވެ.
ޔާމީން ވިދާޅުވީ އެމަނިކުފާނުގެ ވަޒީރަކަށް އޭރު ހުންނެވީ ދިފާއީ ވަޒީރު އިލްޔާސް އިބްރާހިމް ކަމަށާއި އޭނާއާ ދެކެވުނު ވާހަކަތައް މިހާރުވެސް ހަނދާނުގައި އެބަހުރި ކަމަށެވެ.
“އަޅުގަނޑަކީ އޭރު ޒުވާނެއް، އަޅުގަނޑަކީ ކަންކަމަށް ވިސްނާ މީހެއް. އަޅުގަނޑަކަށް ހުރިހާ ގާ ނުފޮރޮޅައި ފަސޭހައެއް ނޫން. އަޅުގަނޑު ގާފުރޮޅަން ދިމާކުރި މަސައްކަތުގައި ހަގީގަތާއި ހަމައަށް ވާސިލުވިން. އެހާ ހިސާބުން އަޅުގަނޑަށް ޖެހުނީ އަނެއްކާވެސް ފިޔަށް އަޅާ އަނގަ މަޑުކުރަން ޖެހުނީ. އެހެން ނަމަވެސް މީގެ ހަގީގަތްތަކެއް އަޅުގަނޑަށް އެނގޭ” ޔާމީން ވިދާޅުވި އެވެ.
ޔާމީން ވަނީ އެމަނިކުފާނަށް ވުރެ ބޮޑަށް މި ހަގީގަތްތައް ވިދާޅުވުން މުނާސަބު ބޭފުޅުން ރާއްޖޭގައި އަދިވެސް އެބަ ތިއްބެވި ކަމަށާއި އެއީ އެ ބޭފުޅުން ރައްޔިތުންނަށް ކޮށްދެއްވަންޖެހޭ ކަމެއް ކަމަށް ވިދާޅުވެފަ އެވެ. އަދި ކޮންމެވެސް ހިސާބަކުން އެކަންކަން ރައްޔިތުންނަށް ހިއްސާކުރައްވާނެ ކަމަށް ޔާމީން ރޭ ވިދާޅުވި އެވެ.


