އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ކުރީގެ ރައީސް އަހުމަދު ޝަރީފަކީ އަރާހުރި ހާއިނެއް ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.
“ކޮތަރު ކޮށި” ނަމުގައި ކާނިވާ ސަރަހައްދުގައި އިދިކޮޅު ކޯލިޝަނުން ރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، ވެރިކަން ބަދަލުވެގެން ދިޔަ ގޮތާއި އިންތިހާބު ބަދަލުވެގެން ދިޔަގޮތް ނޭނގޭނެ އެއްވެސް މުއައްސަސާއެއްގެ އިސް މީހަކު ނުހުންނާނެ ކަމަށެވެ. އަދި ޕީޕީއެމް އަލުން ވެރިކަމަށް އަންނަ ދުވަހަކުން އެކަން ރައްޔިތުންނަށް އެނގޭނެ ކަމަށް ވިދާޅުވިއެވެ.
ޔާމީން ވިދާޅުވީ ރައްޔިތުންނަށް ނިކަމެތިކަން ގެނުވީ އަމާނާތެއް ހަވާލުކޮށް، ގާނޫނީ ހުވާތަކެއް ކޮށްގެން ތިބި ބަޔަކު، އެމީހުންގެ ޒިންމާއިން އެއްކިބާވެ ތިބެގެން އަމިއްލަ ފައިދާއަށް ކުރި މަސައްކަތްތަކެއްގެ ސަބަބުން ކަމަށެވެ. އަދި ދިވެހި ރާއްޖެ އަޅުވެތިކަމަށް ދިއުމުގެ ސަބަބަކީ އެއީކަމަށް ވިދާޅުވިއެވެ.
އޭގެ އިތުރުން ޔާމީން ވިދާޅުވީ މިކަން ފެށުނީ 2018 ވަނަ އަހަރު ކަމަށެވެ. އަދި އޭރު ބޭއްވި ރިޔާސީ އިންތިހާބުގައި އެމަނިކުފާނު ބަލިނުކުރެވޭނެކަން ޔަގީންވި ހިސާބުން “ޗަރުކޭސް” ކުޅެން ފެށި ކަމަށާއި، އެކަމުގެ ހަގީގަތަކީ އެއީކަމަށް ވިދާޅުވިއެވެ.
“އަޅުގަނޑުމެން އީސީ ޝަރީފުގެ ނަން ގެންނަނީ ޒިކުރު ކުރާ ގޮތަށް. އެކަމަކު މިއީ މި ދެންނެވި މީހުންގެ ތެރޭގައި ހަމަ ހާއިނުންގެ ތެރެއިން އަރާހުރި ހާއިނެއް. އެނގޭނެ ކަންތައް ހިނގާދިޔަ ގޮތް.” ޔާމީން ވިދާޅުވިއެވެ.
ރައީސް ޔާމީން އެހެން ވިދާޅުވެފައިވާއިރު، ޝަރީފް އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމަށް އައްޔަނުކުރެއްވީ އެމަނިކުފާނުގެ ވެރިކަމުގައި 2018 ވަނަ އަހަރުގެ މާޗް މަހުގައެވެ. އަދި ހަމަ އެ ދުވަހު ޝަރީފް ވަނީ އެ ކޮމިޝަނުގެ ރައީސްކަމާ ހަވާލުވެވަޑައިގެންފައެވެ. ޝަރީފް އެމަގާމުން އިސްތިއުފާދެއްވީ މި އަހަރުގެ ޖޫން މަހުގެ 12 ވަނަ ދުވަހުއެވެ.


