ކެތިއަރާގެ އިސްނެގުމާއިއެކު ހަނިމާދޫ ގައި އަޟްޙާ ޢީދު ފަޅުފިލުވާލަދިނުމަށް “ހެޕީމާކެޓް އީދު އުފާ” ނަމުގައި ވޮލީ މުބާރާތެއް ބާއްވަން ތައްޔާރުވެއްޖެއެވެ.
ކެތިއަރާގެ ފޭސްބުކް ގުރޫޕުގައި މިއަދު މެންދުރުގެ ވަގުތެއްގައި ހާމަކުރި އިއުލާނެން ގައިބުނެފައި ވަނީ ހަނިމާދޫގެ ދެ ޖިންސަށް އަމާޒުކޮށްގެން ކުރިޔަށް ގެންދަން ހަމަޖެހިފައިވާ މިމުބާރާތުގައި ބައިވެރިވާން އެދޭ ފަރާތްތަކުން 26 ޖުލައި 2020 ވާ އާދިއްތަ ދުވަހުގެ 16:00 ކުރިން ފޯމުފުރުމަށްފަހު ހުށައެޅުމަށެވެ.
މި މުބާރާތާ ބެހޭގޮތުން ގޮށްކޮޅަށް މައުލޫމާތު ދެމުން ކެތިއަރާގެ ސެކްރެޓަރީ ފިރާގު މުޙައްމަދު ވިދާޅުވީ ކުއްލިއަކަށް މުބާރާތް ބާއްވަން ނިންމީ މިފަހަރު ޢީދުގައި ހަނިމާދޫގައި އެއްވެސް ކުޅިވަރެއް ރޭވިފައިނެތުމުން ކަމަށާއި، ކުޅިވަރެއް އިންތިޒާމްކުރުމަށް ގިނަ ޒުވާނުން ކެތިއަރާގައި އެދެމުން ދާތީކަމަށެވެ. މިހާ ވަގުތު ކުޑަތަން ވެފައި ވަނިކޮށް މުބާރާތް ކުރިއަށް ގެންދިޔުމަށް އެހީ ތެރިކަމަށް އެދި ހެޕީމާކެޓް ގައި އެދުމުން މުޅި މުބާރަތް ސްޕޮންސާ އެފާރާތުން ކޮށްދެވީތީ ވަރަށް އުފާކުރާ ކަމަށްވެސް ފިރާގު ވިދާޅުވިއެވެ. ހެޕީމާކެޓްގެ ހެޔޮ އެދުންތަކާއިއެކު 2019 ވަނައަހަރު ވަރަށް ކުލަގަދަކޮށް އަޟްޙާ އީދު ހަނިމާދޫގައި ފާހަގަކޮށްފައިވެއެވެ.
ކޮންމެ އަހަރެގެ ފިތުރު ޢީދު ދުވަހު ކެތިއަރާން ބާއްވާ މަސްރޭސް ކޮވިޑްގެ ސަބަބުން އެދުވަސްވަރު ނުބޭއްވުމުގެ ސަބަބުން އަޟްޙާ ޢީދު ދުވަހު ބާއްވަން ރޭވިކަމަށާއި، އެހެން ނަމަވެސް މިދުވަސް ކޮޅު ރާއްޖޭގެ މޫސުން ވަރަށް ބޮޑަށް ގޯސްވެފައިވާތީ މިއަހަރު މަސްރޭސް ނުބާއްވަން ނިންމާފައި ވާކަމަށްވެސް ފިރާގު މަޢުލޫމާތު ދެއެވެ. ކެތިއަރާ އިން މަސްރޭސް މެދު ނުކެޑި ބާއްވާތާ ފަސްއަހަރު ވަނީ ވެފައެވެ.


