ވަކި މީހެއްގެ ގައިގައި ނުރައްކާތެރި ބައްޔެއް ހުރިކަމަށް ބަޔާންކޮށް، އެއްވެސް ފަރާތަކުން އެނގި ހުރެ ދޮގު މައުލޫމާތު ރިޕޯޓުކޮށްފިނަމަ ތިން ހާސް ރުފިޔާއިން ޖޫރިމަނާކުރެވޭ ގޮތަށް ޤަވާއިދު ހަދައިފިއެވެ.
“ބަލިތައް ރިޕޯޓުކުރުމާބެހޭ ގަވާއިދު”ގެ ނަމުގައި ޤަވާއިދެއް އެކުލަވާލާފައިވަނީ، އާންމު ޞިއްޙަތު ރައްކާތެރިކުރުމުގެ ގޮތުން ރިޕޯޓުކުރަންޖެހޭ ބަލިތަކާއި، ރިޕޯޓުކުރާނެ ފަރާތްތަކާއި ގޮތްތަކާއި ވަގުތުތައް ބަޔާންކުރުމަށް ކަމަށް ހެލްތް މިނިސްޓްރީން ބަޔާންކުރެއެވެ. މި ޤަވާއިދުގެ ދަށުން، ބައްޔަކާ ބެހޭ ދޮގު މައުލޫމާތެއް ރިޕޯޓްކޮށްފިނަމަ 3،000 ރުފިޔާއަށްވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާ ކުރުމުގެ ބާރު ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތަަށް ލިބިގެންވެއެވެ. މީގެ އިތުރުން އެ ގަވާއިދުގެ ދަށުން ރިޕޯޓު ކުރަން ޖެހޭ ކަމެއް ރިޕޯޓު ނުކޮށް ހުރުމަކީވެސް ކުށެއް ކަމަށް ކަނޑައަޅާ 1،000 ޖޫރިމަނާ ކުރެވޭނެއެވެ.އ
މިޤަވާއިދުގެ ދަށުން އާންމު ޞިއްޙަތު ރައްކައުތެރިކުރުމަށާއި ނުރައްކުތެރި ބަލިތަކާއި ، ގައިންގަޔަށް އަރާ ބަލިތަކާއި، އެހެނިހެން ބަލިތައް ރިޕޯޓުކޮށް މޮނިޓަރ ކުރުމުގެ ގޮތުން، އެފަދަ ބަލިތަކުގެ މާނައާއި ބާވަތާއި އަލާމާތްތަކާއި، ބައްޔާ ގުޅޭ އެންމެހައި މަޢުލޫމާތު ހިމެނޭ ކޭސް ޑެފިނިޝަން ބުކްލެޓެއް، މި ގަވާއިދަށް ޢަމަލުކުރަން ފަށާތާ 60 ދުވަސް ތެރޭ އެޗްޕީއޭއިން އާއްމު ކުރަން ޖެހެއެވެ. އަދި މި ބުކްލެޓް ކޮންމެ ތިން އަހަރަކުން އެއް އަަހަރު މުރާޖައާ ކުރަން ޖެހެއެވެ.



