މިނިވަންކަމުގެ އެގްރީމެންޓުގައި އޮތީ ކޮން ވާހަކައެއް؟

ރިޕޯޓް އަދަބިއްޔާތު ފަހުގެ

އުތުރު އަޔަރލެންޑް އަދި ގްރޭޓް ބްރިޓުންގެ ރަސްކަމުގެ ރަނިކަމަނާގެ ސަރުކާރާއި ދިވެހިރާއްޖޭގެ ސަރުކާރާ ދެމެދު 1965 ޖުލައި 26 ވަނަ ދުވަހު ވެފައިވަނީ ތާރީޚީ އެއްބަސްވުމެކެވެ. އެއީ ދިވެހިރާއްޖޭގެ އެންމެ އަގުބޮޑު ލިޔުމެވެ. އެއީ ދިވެހިން މިއަދު މިދެކޭ މިނިވަންކަން ކަށަވަރުކުރެވުނު ލިޔުން ވެސް މެއެވެ. އެ އެއްބަސްވުން ވެވުނީ ސްރީލަންކާގައި އިނގިރޭސި ހައިކޮމިޝަން ހިންގަމުންދިޔަ ވެސްޓްމިންސްޓަރޒް ހައުސް ގައެވެ. ވަގުތަކީ އެ ދުވަހުގެ ހެނދުނު 10 ޖެހި އިރެވެ.

މި އެއްބަސްވުމަކީ 14 ފެބުރުވަރީ 1960ގައި އިނގިރޭސިވިލާތާއި ދިވެހިރާއްޖެއާ ދެމެދު ވެފައިވާ އެއްބަސްވުން ބަދަލުކުރުމަށް ވެފައިވާ އެއްބަސްވުމެކެވެ. 1960 ގެ އެއްބަސްވުމަށް ތާރީޚުގައި ނަން ދެވިފައިވަނީ “އޯލްޕޯޓް އެގްރިމެންޓް”ގެ ނަމުންނެވެ. އެއީ ސްރީލަންކާގައި ހުންނެވި އެ ނަން ކިޔާ އިނގިރޭސި ސަފީރަކު ރާއްޖެ ވަޑައިގެން ސޮއިކުރެއްވި އެއްބަސްވުމެކެވެ. އޭގެކުރިން އޮތީ 1948 އެޕްރީލް 24 ވަނަ ދުވަހު ވެފައިވާ އެއްބަސްވުމެކެވެ. އިނގިރޭސިންގެ ހިމާޔަތުގެ ދަށަށް ދިވެހިރާއްޖެ ދިޔައީ 16 ޑިސެންބަރު 1887 ގައި ވެވުނު އެއްބަސްވުމަކުންނެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

މިނިވަންކަމުގެ އެއްބަސްވުމަށް މަތިމަތިން ބަލާލުމުން ފެނުނީ ކުރު ތަޢާރަފަކަށްފަހު ލިޔެފައިވާ 6 މާއްދާއެކެވެ. އެއަށްފަހު އޮތީ އިނގިރޭސި ސަރުކާރާއި ދިވެހި ސަރުކާރުގެ ފަރާތުން ސޮއި ކުރައްވާފައެވެ. ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރައްވާފައިވަނީ ދިވެހިރާއްޖޭގެ ވަޒީރުލްއަޢުޒަމް ނުވަތަ ބޮޑުވަޒީރު އިބްރާހީމް ނާޞިރެވެ. އިނގިރޭސި ސަރުކާރުގެ ފަރާތުން ސޮއިކުރައްވާފައިވަނީ ސްރީލަންކާގައި ހުންނެވި އިނގިރޭސި ސަފީރު ސަރ މައިކަލް ވޯކަރ އެވެ. އެހެންނަމަވެސް އެއްބަސްވުމުގައޮ އެއްވެސް ބޭފުޅެއްގެ މަޤާމެއް، ހައިސިއްޔަތެއް ނެތެވެ.

އެއްބަސްވުމަށް ކަޅި ހިންގާލިއިރު ދެތިން ތަނެއްގައި އަޅައިގަތެވެ. ފުރަތަމަ ތަނަކީ މިނިވަން ކަމުގެ އެއްބަސްވުމުގައި ދިވެހިރާއްޖޭގައި ތިބި އިނގިރޭސިން ފޭބުމަށް މުއްދަތެއް ދީފައިއޮތް އޮތުމެވެ. އެއީ މި އެއްބަސްވުމުގެ ޙަޤީޤީ މުއްދަތެވެ. އެ ތާރީޚަކީ 15 ޑިސެންބަރު 1986 އެވެ. މި ދުވަސް އައުމުގެ މާކުރިން އިނގިރޭސިން ރާއްޖެއިން ފައިބައިފިއެވެ. އެހެންމީއެވެ. ރައީސް އިބްރާހީމް ނާޞިރު ދިވެހިރާއްޖޭގެ މިނިވަން ދުވަހެއްގެ ގޮތުގައި ކަނޑައެޅުއްވީ އިނގިރޭސިން ރާއްޖެއިން ފޭބި ދުވަހެވެ.

ދެން އަޅައިގަތީ “އެގްރީޑް އޭރިއާސް” ކިޔާ ލަފުޒެކެވެ. އެއީ އައްޑު އަތޮޅުގަމާއި އައްޑު އަތޮޅު ހިތަދޫގެ މާމެންދޫގައި އިނގިރޭސިންގެ ބޭނުމަށް ނަގާފައި އޮތް 110 އޭކަރު ސަރަޙައްދަށް އެ އެއްބަސްވުމުގައި ދީފައިވާ ނަމެވެ. އާދެ! “އެއްބަސްވެފައިވާ ސަރަޙައްދު” އެވެ.

އަނެއް ކަމަކީ އެއްބަސްވުމާއެކު ހީރަސްކޮށްފައިވާ އެނެކްސްތައް ނޫނީ ޖަދުވަލުތަކުގެ ވާހަކަ އޮތް މާއްދާއެވެ. 15 އަކުރުގެ މައްޗަށް ލިޔެފައިވާ ޖަދުވަލަކީ އެއްބަސްވުމުގެ ބައެއް ކަމަށް ލިޔެފައިވުމުން އެ ޖަދުވަލުތައް ބަލާލާހިތްވާނެއެވެ.

އެއްބަސްވުމަށް އަވަސް ކަޅިއަކުން ނަޒަރު ހިންގާލާއިރު، ފަށާފައި އޮތީ “އުތުރު އަޔަރލެންޑް އަދި ގްރީޓް ބްރިޓުންގެ މައްޗަށް އެކުލެވިފައިވާ ރަސްކަމުގެ ހަރ މެޖިސްޓްރީގެ ސަރުކާރާއި ދިވެހި ސަރުކާރާ ދެމެދުގައިވާ ދެ ޤައުމުގެ ރަޙުމަތްތެރިކަމާއި ގާތްއެކުވެރިކަން ބަދަހި ކުޅައުމަށް ޓަކައި 14 ފެބުރުވަރީ 1960 ގައި ކުރެވިފައިވާ އެއްބަސްވުން ބަދަލުކުރުމަށް އެއްބަސްވެ ތިރީގައިވާ ގޮތުގެމަތިން މި ދެ ސަރުކާރުން އެއްބަސްވަމެވެ.” މި ތަޢާރަފުގައި މި އެއްބަސްވުމަކީ ދިވެހިންނަށް ފުރިހަމަ މިނިވަންކަން ދިނުމަށް ވެވޭ އެއްބަސްވުމެއްކަމަކަށް ފާހަގައެއް ނުކުރެއެވެ. އެކަމަކު މިއީ ރަޙުމަތްތެރިކަމާއި ގާތް އެކުވެރިކަން ބަދަހިކުރުމަށް 1960 ގައި ހަދާފައިވާ އެއްބަސްވުމަކަށް ބަދަލު ގެންނަ އެއްބަސްވުމެއް ކަމަށް އެބައޮތެވެ.

ފުރަތަމަ މާއްދާ ވިދާޅުވާނެއެވެ. އެ މާއްދާގައިވަނީ ކުރިން އޮތް އެއްބަސްވުން ބާތިލުކުރި ވާހަކައެވެ. މިއީ އިނގިރޭސި ބަހުން ލިޔެފައިވާ އެއްބަސްވުމުގެ އަވަސް ތަރުޖަމާއެކެވެ.

“އެއްވަނަ މާއްދާ:
މަތީގައި ބަޔާކުރި 1960 ވަނަ އަހަރުގެ އެއްބަސްވުމުގެ މާއްދާތަކުގެ ބާރު ހިނގުން ހުއްޓާލައި މި އެއްބަސްވުމުގައިވާ މާއްދާތައް އޭގެ ބަދަލުގައި ހިނގާން ފަށާނެއެވެ.”

ދެވަނަ މާއްދާއަކީ ދިވެހިންގެ މިނިވަންކަމަށް އިނގިރޭސިން އިޢުތިރާފުވެފައިވާ މާއްދާއެވެ. ލިޔެފައިވެއެވެ.

“ދެވަނަ މާއްދާ: ދިވެހިރާއްޖެއަކީ ވަކި ޖަޒީރާތަކެއްގެ މައްޗަށް އެކުލެވިގެންވާ މިނިވަން އަދި ފުރިހަމަ މާނައިގައި މުސްތަޤިއްލު ދައުލަތެއްކަން ޤަބޫލުކޮށް އިނގިރޭސި ސަރުކާރު ތަޞްދީޤު ކުރެއެވެ. އަދި ސިޔާސީ ގޮތުންނާއި އެހެނިހެން ގޮތްގޮތުން ހުރިހާ ޤައުމަކާއި ބައިނަލް އަޤުވާމީ ޖަމާޢަތްތަކާ ސީދާ އަމިއްލައަށް ގުޅުން ހިންގުމުގެ ހުރިހާ ޙައްޤެއް ދިވެހިރާއްޖެއަށް ފުރިހަމައަށް ލިބިގެންވެއެވެ.”

ތިންވަނަ މާއްދާއަކީ އެންމެ ދިގު މާއްދާއެވެ. އެކަމަކު އެއީ ދެ ޤައުމުގެ ދެމެދުގައި އޮތް އެންމެ ހޫނު މައްސަލައެވެ.

“ތިންވަނަ މާއްދާ:
14 ފެބުރުވަރީ 1960 ގެ އެއްބަސްވުމުން ދިވެހި ސަރުކާރުން އިނގިރޭސި ސަރުކާރަށް ދިން އައްޑު އަތޮޅު ގަމުގެ މުޅި ސަރަޙައްދާއި ހިތަދޫ (މާމެންދޫ) ޖަޒީރާއިން ފާހަގަ ކުރެވިފައިވާ 110 އޭކަރުގެ ބިމުގެ ބޭނުން ހިފެހެއްޓުމެއްނެތް ގޮތުގައި އިނގިރޭސި ސަރުކާރަށް ފީއަކާނުލައި 15 ޑިސެންބަރު 1986 އާ ހަމައަށް ދެއްވާފައިވާކަން ދިވެހި ސަރުކާރުން ޔަޤީންކަން ދެއްވައެވެ. މީގެ ފަހުން މި ބުނެވުނު ސަރަޙައްދަށް ކިޔާނީ “އެގްރީޑް އޭރިޔާސް” އެވެ. މި ބުނެވުނު 15 ޑިސެންބަރު 1986 އާ ހަމައަށް މި އޮތް މުއްދަތުގެ ތެރޭގައި ދިވެހިރާއްޖޭގެ ސަރަޙައްދާއި ސަރަޙައްދީ ކަނޑާއި ރާއްޖޭގެ ބޭރުގެ ކަނޑާއި ރާއްޖޭގެ ވައިގެ ސަރަޙައްދުގައި އެހެން އެއްވެސް ދައުލަތެއްގެ އަސްކަރީ ނުވަތަ އެފަދަ އެއްވެސް ބޭނުމެއް ކުރުމުގެ ހުއްދައެއް ދިވެހި ސަރުކާރުން ދޭންވާނީ އިނގިރޭސި ސަރުކާރު އެ ގޮތަށް އެއްބަސްވާނަމަ އެވެ. އަދި ހަމަ މި ގޮތުގެމަތިން މިއިން ސަރަޙައްދެއްގައި އެހެން ދައުލަތެއްގެ ހަތިޔާރު އެޅި ސިފައިންގެ އެއްވެސް ބަޔަކު ތިބުމުގެ ހުއްދައެއް ދެވޭނީ އިނގިރޭސި ސަރުކާރު އެއްގޮތަށް އެއްބަސްވާ ނަމައެވެ. މިގޮތަށް މި ވެވުނު ވައުދުގެ ތެރޭގައި އާންމުކޮށް ބައިނަލްއަޤްވާމީ ޢަމަލުތައް ކުރާގޮތަށް ޒިޔާރަތްކުރާ މަތިންދާ ބޯޓެއް ނުވަތަ ހަނގުރާމައިގެ އެއްވެސް އައުމެއް ނުހިމެނެއެވެ. ހިތަދޫ ޖަޒީރާގައި ރޭޑިއޯ ސްޓޭޝަންތަކާއި ގަންކިޔާ ޖަޒީރާގައި ވައިގެ މަރުކަޒެއް ހަދައި ހިންގައި ބެލެހެއްޓުމަކީ އިނގިރޭސި ސަރުކާރަށް ދިވެހި ސަރުކާރުގެ ފަރާތުން ހުއްދަ ލިބިފައިވާ ކަމެކެވެ. އަދި އެއްބަސް ވެވުނު ސަރަޙައްދަށް ހުރަހެއްނެތި ވައިންނާ ކަނޑުގެ މަގުން އައިސްގޮސްވުމުގެ ހުއްދަ ވެސް ލިބިގެންވެއެވެ. އަދި ބޭނުންވި ފަދައިން ހަރ އެކްސެލެންސީ މަނަވަރު ފަހަރު އައްޑުއަތޮޅު ތެރޭގެ ކަނޑަށާއި އެ ކަނޑާއި ގުޅިފައިވާ ކަނޑަށް ހިފެހެއްޓުމެއްނެތި އައިސްގޮސްވުމުގެ ހުއްދަ ވެސް ލިބިގެންވެއެވެ. މި އެއްބަސްވުމުގެ އެނެކްސް ކަނޑައެޅި އެއްބަސް ވެފައިވާ އެހީތައް އިނގިރޭސި ލަޝްކަރަށް ލިބިދިނުމަށާއި ދެމެހެއްޓުމަށް އައްޑު އަތޮޅު ތެރޭގެ ކަނޑާއި އެގްރީޑް އޭރިއާސް އާ ގުޅިގެންވާ ކަނޑު އިނގިރޭސި ލަޝްކަރުގެ ކުޅިވަރުގެ އެކިއެކި މަގުސަދަށް ޓަކައި ބޭނުން ކުރުމުގެ ހުއްދަ އިނގިރޭސި ސަރުކާރަށް ލިބިގެންވެއެވެ.

15 ޑިސެންބަރު 1986 އާ ހަމައަށް މި އެއްބަސްވުމުން ލިބޭ ޙައްޤުތަކާއި އެހީތަކުގެ ބޭނުންކުރުމަށް އެކަށީގެންވާ ކަމުގައި އިނގިރޭސި ސަރުކާރަށް ފެންނަ އަސްކަރީ ލަޝްކަރުތައް އެގްރީޑް އޭރިއާސްގެ ތެރޭގައި ބައިތިއްބާ ބެލެހެއްޓިދާނެއެވެ. މި އެއްބަސްވުމުގެ މާއްދާއެއްގައި ބުނެވުނު އެއްޗަކުން ނުވަތަ ބުނެވުނު އެއްޗަކުން ވެސް އެގްރީޑް އޭރިއާސް އަކީ ދިވެހިރާއްޖޭގެ ވެރިކަމުގެ ބާރު ހިނގާ ގޮތުގައި އޮންނަ ދިވެހިރާއްޖޭގެ އަމިއްލަ ސަރަޙައްދެއްގެ ގޮތުގައި އޮތުމަށް އެއްވެސް އުނިކަމެއް ނުލިބޭނޭ ސަރަޙައްދެކެވެ. “

ހަތަރުވަނަ މާއްދާއަކީ އިނގިރޭސި ސަރުކާރުން ވެފައިވާ ވައުދެކެވެ.
“ހަތަރުވަނަ މާއްދާ:
ދިވެހި ސަރުކާރު އެގްރީޑް އޭރިއާސްގެ ތެރެއިން އިނގިރޭސި ސަރުކާރަށް ދެއްވި ހުއްދަތަކުގެ ބޭނުން އިނގިރޭސި ސަރުކާރުކުރާނީ އެކަނި ކޮމަންވެލްތުގެ ދިފާޢުއަށް ޓަކައި ކަމުގައި ވަޢުދުވެއެވެ. “

ފަސްވަނަ މާއްދާއަކީ އެނެކްސްތަކާ ބެހޭ މާއްދާއެވެ.
“ފަސްވަނަ މާއްދާ:
މި އެއްބަސްވުމުގެ ތަރުޖަމާއާއި މި އެއްބަސްވުމުގެ މައްޗަށް ޢަމަލުކުރުމާއި ގުޅިގެންވާ އެނެކްސްގައިވާ މާއްދާތަކަކީ މި އެއްބަސްވުމުގެ ބައެއްކަމަށް ހިމެނެއެވެ.”

ހަވަނަ މާއްދާއަކީ އެއްބަސްވުމުގެ އެންމެ ފަހު މާއްދާއެވެ. މި މާއްދާއަކީ ކުރީގައި ވެފައިވާ އެއްބަސްވުންތައް ބާތިލުކޮށްފައިވާ މާއްދާއެވެ.
“ހަވަނަ މާއްދާ:
މި އެއްބަސްވުމުގެ ބާރު ހިގަން ފަށާނީ 26 ޖުލައި 1965 އިން ފެށިގެންނެވެ. އަދި އޭގެފަހުން ކުރީގެ ހުރިހާ އެއްބަސްވުންތަކެއް ބާތިލުވީއެވެ. މިކަމާބެހޭ ދެ ސަރުކާރުގެ ފަރާތުން ހުއްދަދެވިގެންވާ މީހުން މި އެއްބަސްވުމުގައި ސޮއި ކުރީއެވެ. ކޮޅުނބުގައި ޖުލައި މަހުގެ މި 26 ވަނަ ދުވަހު 1965ގައި އިނގިރޭސިބަހުން ލިޔެ ދެ ކޮޕީގައި އިނގިރޭސިބަހުން ލިޔެ ދެ ކޮޕީގައި ސޮއިކުރެވުނެވެ.”

ނޯޓް: މިއީ ފޭސްބުކްގައި 25 ޖުލައި 2020 ވަނަ ދުވަހު ޢަބްދުﷲ ސަޢީދު ލިޔުވަފައިވާ ލިޔުމުގެ ނަކަލެކެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ