ދިވެހިރާއްޖޭގައި 29 ޑިސެންބަރު 1962 ގައި ފެށުނު ރޭޑިއޯގެ ޚިދުމަތުގެ ތާރީޚުގައި އޮތް އެންމެ ކަޅު ޞަފުޙާއަކީ 1960 ގެ އަހަރުތަކުގައި ކްރިސްޓިއަންދީނަށް ގޮވާލައި ފޮނުވި ރޭޑިއޯ ޕްރޮގްރާމެކެވެ. ސައްތައިންސައްތަ އިސްލާމީ މި ޤައުމުގެ ދައުލަތުގެ ރޭޑިއޯ ސްޓޭޝަނުން އެކަން ކުރީ އަގަށެވެ. މަދު ބޭރު ފައިސާ (ޑޮލަރު) ކޮޅެއް ލިބޭތީއެވެ. އިނގިރޭސި ބަހުން ފޮނުވި އެ ރޭޑިއޯ ޕްރޮގްރާމުގެ ނަމަކީ “ދަ ވޯލްޑް ޓްމޯރޯ” (The World Tomorrow) އެވެ. މި ޕްރޮގްރާމް ހުށަހެޅީ ހާބާޓް ޑަބްލިޔު. އާމްސްޓްރޯންގް (Herbert W. Armstrong) އާއި ގާނާ ޓެޑް އާމްސްޓްރޯންގް (Garner Ted Armstrong) އާ ދެ މީހުންނެވެ. މި ޕްރޮގްރާމަކީ ކްރިސްޓިއަން ދީން ފެތުރުމަށް ފުޅާ ދާއިރާއެއްގައި ހަރަކާތްތެރިވަމުން އައި އެމެރިކާގެ ޖަމާޢަތަކުން ސްޕޮންސަރ ކުރި ޕްރޮގްރާމެކެވެ.
އެންމެ ފުރަތަމަ މާލޭ ރޭޑިއޯގެ ނަމުގައި 1962 ވަނަ އަހަރު، ސަރުކާރުގެ ވެރިން އަމިއްލަ ހައިސިއްޔަތުން ރާއްޖޭގައި ފެށްޓެވި ރޭޑިޔޯގެ ޚިދުމަތް ހުއްޓާލީ 11 މާރިޗު 1964 ގައެވެ. އޭގެ އަނެއް ދުވަހު 12 މާރިޗު 1964ގައި ސިނަމާ ކުންފުނިން “ސިނެކޯ ރޭޑިއޯ” ގެ ނަމުގައި ރޭޑިއޯގެ ޚިދުމަތް ދޭންފެށިއެވެ. ސެނެކޯ ރޭޑިޔޯގެ ނަން މޯލްޑިވްސް އައިލެންޑް ބްރޯޑްކާސްޓިންގ ސާވިސް (އެމްއައިބީއެސް) އަށް ބަދަލުކޮށް، ސަރުކާރުން ރޭޑިއޯގެ ޚިދުމަތް ދެއްވަން ފެށްޓެވީ 11 ސެޕްޓެންބަރު 1966 ގައެވެ. “ރޭޑިޔޯ މޯލްޑިވްސް”ގެ ނަމަށް ނަން ބަދަލުކުރެއްވީ 16 ފެބުރުވަރީ 1969 ގައެވެ. ރޭޑިއޯ މޯލްޑިވްސްގެ ނަން ދިވެހިރާއްޖޭގެ އަޑުގެ ނަމަށް ބަދަލުކުރެއްވީ 19 ޖަނަވަރީ 1980 ގައެވެ.
ކްރިސްޓިއަން ދީނަށް ގޮވާލައި ފޮނުވި ޕްރޮގްރާމް ފޮނުވަން ފެށީ 1966 ވަނަ އަހަރު ދިވެހި ސަރުކާރުން ރޭޑިއޯގެ ޚިދުމަތް ދޭންފެށި ފަހުންނެވެ.
“ދަ ވޯލްޑް ޓްމޯރޯ” މި ޕްރޮގްރާމަކީ ދުނިޔޭގެ އެކި ޤައުމުތަކުގެ ރޭޑިއޯތަކުންނާއި ޓީވީތަކުން ފޮނުވި ބައިގަޑިއިރުގެ ޕްރޮފްރާމެކެވެ. “ވޯލްޑްވައިޑް ޗާޗް އޮފް ގޯޑް” ކިޔާ ކްރިސްޓިއަން ދީނަށް ގޮވާލާ އެމެރިކާގެ ޖަމާޢަތަކުން ސްޕޮންސަރ ކޮށްގެން ފޮނުވި މި ޕްރޮގްރާމް އުފައްދައި ހިންގުމުގައި އިސްކޮށް އުޅުނީ ހާބާޓް ޑަބްލިޔު. އާމްސްޓްރޯންގެވެ. ވޯލްޑްވައިޑް ޗާޗް އޮފް ގޯޑް ކިޔާ ޖަމާޢަތް ފުރަތަމަ އުފަންވީ “ރޭޑިއޯ ޗާޗް އޮފް ގޯޑް”ގެ ނަމުގައެވެ. ވޯލްޑްވައިޑް ޗާޗް އޮފް ގޯޑުގެ ނަމަށް އެ ޖަމާޢަތުގެ ނަން ބަދަލުކުރީ 1968 ގައެވެ. މި ޕްރޮގްރާމް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި 1934 ވަނަ އަހަރުން ފެށިގެން 1994 ވަނަ އަހަރަށް ކުރިއަށް ގެންގޮސްފައިވެއެވެ. ޓޭޕްތަކަށް ރެކޯޑުކޮށްގެން ދުނިޔޭގެ އެކި ކަންކޮޅުތަކަށް ފޮނުވައިގެން އެ ޤައުމުތަކުގެ ރޭޑިއޯ ސްޓޭޝަންތަކުން ފޮނުވި މި ޕްރޮގްރާމުގެ އަސްލު ތައްޔާރުކުރީ އިނގިރޭސި ބަހުންނެވެ. ނަމަވެސް ފްރާންސްބަހާއި ޖަރުމަނުބަހާއި އިޓަލީބަހާއި ރަޝިޔާބަހާއި ސްޕޭންބަހަށް ތަރުޖަމާކޮށްގެން އެ ބަސްބަހުން ވެސް މި ޕްރޮގްރާމް ފޮނުވިއެވެ. ދިވެހިރާއްޖޭގައި މި ޕްރޮގްރާމް ފޮނުވީ އިނގިރޭސި ބަހުންނެވެ.
އެ ދުވަސްވަރަކީ ދިވެހީންގެ ތެރޭގައި އިނގިރޭސި ބަސް ދަންނަ މީހުން މަދު ދުވަސްވަރަކަށްވާތީ އެ ޕްރޮގްރާމުގައި ދައްކާ ވާހަކައެއް ގިނަ ދިވެހީންނަކަށް ނޭނގެއެވެ. އެހެންނަމަވެސް ދިވެހީންގެ ތެރޭގައި ތިބި މިކަން ދަންނަ ބޭފުޅުންނާއި ބައެއް ދީނީ ޢިލްމުވެރިން އެކަމާ ދެކޮޅަށް ޚިޔާލާއި ޝުޢޫރު ފާޅުކުރެއްވިއެވެ. އެ ޒަމާނަކީ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމެއް އަމުން ނެތް އަދި ސަރުކާރުގެ ސިޔާސަތާ ދެކޮޅަށް އެއްޗެއް ބުނެފިނަމަ ކުށްވެރިވުމުގެ ބިރުވެރިކަން އިންތިހާއަށް އޮތް ދުވަސްވަރަކަށް ވިޔަސް އެ ޕްރޮގްރާމު ފޮނުވުމާ ދެކޮޅު މީހުން ދިވެހީންގެ ތެރޭގައި ތިއްބެވެ. އެކަން ކުރުމަށް ރޭޑިއޯގައި މަސައްކަތްކުރަން ތިބި މީހުން ވެސް އެކަންކުރީ މަޖުބޫރު ހާލަތުގައެވެ.
ވަރަށް އިތުބާރުކުރެވޭ މަސްދަރަކުން އަހާފައި އޮންނަ ވާހަކައެކެވެ. ކްރިސްޓިއަން ދީނަށް ގޮވާލާ ޕްރޮގްރާމު ފޮނުވާތީ އެކަމާ ހިތްޕުޅާ ނުވެގެން އެ ވާހަކަ ރައީސް ނާޞިރުގެ އަރިހުގައި ޝައިޚް މުޙައްމަދު ޖަމީލް ދެންނެވިއެވެ. ނާޞިރު ވިދާޅުވި ކަމަށްވެއެވެ. ޖަމީލެވެ. ހާދަ ލާރިއެއް ލިބެއެވެ. އެ ޕްރޮގްރާމު ފޮނުވިޔަކަސް ދިވެހީންނަށް ދިވެހި ބަހުން ހަމަ ދީނީ ޕްރޮގްރާމު ހަދައިގެން ފޮނުވަންވީ ނޫންތޯއެވެ.
އޭގެފަހުން ކޮންމެ ރެއެއްގެ 08:30 ގައި ދީނީ ޕްރޮގްރާމެއް ރޭޑިއޯއިން ފޮނުވަން ފެށްޓެވިއެވެ. ޕްރޮގްރާމް ފެށުމުގެ ގޮތުން ވާހަކަ ދައްކަވަނީ އޭރު ރޭޑިއޯގައި އިސްކޮށް މަސައްކަތްކުރެއްވި އަލްފާޟިލް ޢައްބާސް އިބްރާހީމެވެ. 15 މިނިޓްގެ މި ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަނީ ރެއަކު ޢިލްމުވެރިއެކެވެ. އެއީ އައްޝައިޚު މުޙައްމަދު ޖަމީލު ދީދީއާއި އައްޝައިޚު މޫސާ ފަތުޙީއާއި އަލްއުސްތާޛު އިބްރާހީމް ޝިހާބާއި އަލްފާޟިލް އިބްރާހީމް ޙިލްމީއާއި އަލްއުސްތާޛު އަދުނާން ޙުސައިނެވެ.
ކްރިސްޓިއަން ދީނަށް ގޮވާލައި ދިވެހި ސަރުކާރުގެ ރޭޑިއޯ ސްޓޭޝަނުން ދުރަށް ފޮނުވި ޕްރޮގްރާމް ފޮނުވީ ރޭގަނޑު ދެ ނަމާދު ދޭތެރޭގައެވެ. އެ ޕްރޮގްރާމު ނިންމާލާއިރު ކޮންމެ ފަހަރަކު ވެސް ކުލަ ފޮޓޯ ހިމެނޭ ހިލޭ ބަހާ މަޖައްލާއެއް ބޭނުން ކޮންމެ މީހަކަށް ފޮނުވައިދޭ ވާހަކަ ބުނެއެވެ. އެ މަޖައްލާއަށް ކިޔަނީ “ދަ ޕްލެއިން ޓްރުތު” (The Plain Truth) އެވެ. މަހަކު އެއް ފަހަރު ނެރޭ މި މަޖައްލާއަކީ ވެސް ދަ ރޭޑިއޯ ޗާޗް އޮފް ގޯޑުން ހާބާޓް ޑަބްލިޔު. އާމްސްޓްރޯންގް، 1934 ވަނަ އަހަރު ނެރެންފެށި މަޖައްލާއެކެވެ. މި މަޖައްލާއަކީ ވެސް ޔަހޫދީ އިސްރާއީލްގެ މޫނުމަތި ރީތިކުރުމާއި ކްރިސްޓިއަން ދީން ފެތުރުމުގެ މަގުސަދުގައި ނެރުނު މަޖައްލާއެކެވެ. 1986 ވަނަ އަހަރާ ހަމައަށް އައިއިރު ހަތް ބަހަކުން މި މަޖައްލާ ނެރެމުން ދިޔައެވެ. އޭރު މަޝްހޫރު ޓައިމް މެގަޒިންގެ ސާކިއުލޭޝަން މަހަކު 5.9 މިލިއަނުގައި ހުރިއިރު މި މަޖައްލާގެ ސާކިއުލޭޝަން 8.2 އަށް އަރައިގެން ދިޔައެވެ.
ނަސޯރާ ދީނަށް ގޮވާލައި ދިވެހިރާއްޖޭގެ ދައުލަތުގެ މީޑިއާއިން ފޮނުވި ޕްރޮގްރާމްގެ މޭސްތިރިޔާ، ހާބާޓް ޑަބްލިޔު އާމްސްޓްރޯންގަކީ 1892 ވަނަ އަހަރު އުފަންވި އެމެރިކާގެ ރައްޔިތެކެވެ. އޭނާ މަރުވީ އުމުރުން 93 އަހަރުގައި 1986 ވަނަ އަހަރުއެވެ. މީނާއާއެކު މި ޕްރޮގްރާމް ހުށަހެޅި އަނެއް ބައިވެރިޔާ، ގާނާ ޓެޑް އާމްސްޓްރޯންގް އުފަންވީ 1930 ވަނަ އަހަރުއެވެ. އޭނާ މަރުވީ އުމުރުން 73 އަހަރުގައި 2003 ވަނަ އަހަރުއެވެ.
ރައީސް އަލްފާޟިލް އިބްރާހީމް ނާޞިރުގެ ވެރިކަން ނިމުމަކަށް އަންނަންދެން މި ޕްރޮގްރާމް ކުރިއަށް ގެންދިޔައެވެ. މި ޕްރޮގްރާމް ހުއްޓާލެއްވީ ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލް ޤައްޔޫމުގެ ވެރިކަމުގައި 07 ޖަނަވަރީ 1979 ގައެވެ. އޭގެ ދެ ދުވަސްކުރިން “އަލީގެ މައްޗަށް އައްޔެއް” ކިޔާ ދީނީ ޕްރޮގްރާމެއް ދައުލަތުގެ ރޭޑިއޯއިން ބްރޯޑްކާސްޓްކުރަން ފެށިއެވެ.