ހއ. މުރައިދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން، އަމަލީ މަސައްކަތް ފެށުމަށްޓަކައި 01 ޖެނިއަރީ 2022 ވަނަ ދުވަހު ޕްރޮޖެކްޓް ސައިޓް މޮބިލައިޒްކޮށްފައި ވާކަމަށް އެމްޓީސީސީން ބުނެފިއެވެ.
މުރައިދޫ ބަނަދަރު ހެދުމުގެ މަޝްރޫއުގެ ދަށުން 29،841 ކިއުބިކް މީޓަރުގެ ސަރަހައްދެއް ފުންކޮށް، 3،546 ކިއުބިކް މީޓަރުގެ ބަނދަރަށް ވަންނަ ނެރު ފުންކުރާނެއެވެ. އަދި 212 މީޓަރު އެއްގަމު ތޮއްޓަކާއި 407 މީޓަރުގެ ބޭރު ތޮއްޓެއް ލައި ގްރޮއިން ޖެހުމާއި ރިވެޓްމަންޓް ޖެހުމުގެ މަސައްކަތް ވެސް މި މަޝްރޫއުގެ ދަށުން ކުރާނެއެވެ.
މީގެ އިތުރުން 107 މީޓަރުގެ އެގްޒިސްޓިން ބްރޭކްވޯޓާ ރިޕްރޮފައިލް ކުރުމާއި އެއްގަމު ތޮށިން ބޭރު ތޮއްޓަށް އަރަން ބްރިޖެއް ހެދުމުގެ މަސައްކަތާއި ނެވިގޭޝަން ލައިޓް ހަރުކުރުމާއި ރޭމްޕް ހެދުމާއި ޕޭވްމަންޓް ހެދުމާއި މަގުބައްތި ހަރުކުރުންވެސް މި މަޝްރޫއުގެ ދަށުން ކުރާނެއެވެ.
މި މަސައްްކަތް އެމްޓީސީސީއާ ހަވާލުކޮށް އެއްބަސްވުމުގައި ސޮއި ކުރީ 25 އޮގަސްޓް 2021 ގައެވެ. މި މަސައްކަތް އެ ކުންފުންޏާ ހަވާލު ކުރީ ޑިޒައިން އެންޑް ބިލްޑް އުސޫލުންނެވެ.
ޕްލޭނިން މިނިސްޓްރީން މި މަޝްރޫއު އެމްޓީސީސީއާ ހަވާލު ކުރީ 365 ދުވަހުގެ ތެރޭގައި ނިންމާގޮތަށް 33.7 މިލިއަން ރުފިޔާއަށެވެ.


