ނ.ލަންދޫގައި އަލަށް ހެދި މިސްކިތް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ހުޅުވައިދެއްވައިފި އެވެ
ހައިމަން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށްގެން، ލަންދޫގައި އަލަށް ޢިމާރާތްކުރި މަސްޖިދުލް ފުރުޤާން މިސްކިތަކީ 500 މީހުންނަށް އެއްފަހަރާ ނަމާދުކުރެވޭނެ އިންތިޒާމް ހަމަޖެހިފައިވާ މިސްކިތެކެވެ. މި މިސްކިތަކީ ދައުލަތުގެ ބަޖެޓުން 4.1 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ހަދާފައިވާ މިސްކިތެކެވެ.

މި މިސްކިތުގައި އަންހެނުންނަށް ވަކިން ވުޟޫކުރުމާއި، ނަމާދުކުރެވޭނެ ގޮތް ވަނީ ހަމަޖައްސާފަ އެވެ.
ހައިމަން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްއާއެކު މި މިސްކިތް ޢިމާރާތްކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ 22 ޑިސެމްބަރު 2020 ވަނަ ދުވަހުއެވެ.
ރައީސްގެ ރިޔާސީ ވަޢުދުގައިވާ ގޮތުގެމަތިން އިމާރާތްކޮށްފައިވާ މި މިސްކިތުގެ މަސައްކަތް ފައްޓާފައިވަނީ 24 ޖަނަވަރީ 2021 ވަނަ ދުވަހުއެވެ. މިސްކިތުގެ މަސައްކަތް ނިންމާފައިވަނީ 05 އޮކްޓޯބަރ 2021 ވަނަ ދުވަހުއެވެ. ނަމާދުކުރާ ބައިގެ ބޮޑުމިނުގައި 3024 އަކަފޫޓޫގެ މި މިސްކިތް ނިންމާ މިނިސްޓްރީ ހަވާލުކޮށްފައިވަނީ މިއަދު އެވެ.


