ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގެ ވޯޓާސް ލިސްޓަށް ޝަކުވާ ހުށަހަޅަން ހުޅުވާލައިފިއެވެ.
އިލެކްޝަންސް ކޮމިޝަނުން އިއްޔެ ކޮށްފައިވާ އިއުލާނެއްގައި ބުނެފައި ވަނީ އަންނަ މަހުގެ ފަސްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނާ ގުޅިގެން، މިދިޔަ މަހުގެ 21ވަނަ ދުވަހު ގެޒެޓުގައި ޝާއިޢުކުރެވުނު، ވޯޓު ދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ރަޖިސްޓަރީއަށް ހުށަހެޅުނު ޝަކުވާތަކަށް ބަލައި، ގެނެވުނު ބަދަލުތައް އާއްމު ކޮށްފައިވާ ކަމަށެވެ.
އިލެކްޝަންސް އިން ބުނީ އެ ރަޖިސްޓްރީ ސަރުކާރުގެ ގެޒެޓާއި އިލެކްޝަންސް ކޮމިޝަނާއި މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ހުރިހާ ރަށެއްގެ ކައުންސިލްގައި ފެންނަން ހުންނާނެ ކަމަށެވެ.
އެ ލިސްޓަށް ޝަކުވާ ހުށަހަޅާނީ މިއަދުން ފެށިގެން މިމަހުގެ 18ވަނަ ދުވަހުގެ ހެނދުނު 08:00 އިން ފެށިގެން މެންދުރުފަހު 15:00 ގެ ނިޔަލަށް ކަމަށް އިލެކްޝަންސް އިން ބުނެއެވެ.
ޝަކުވާ ބަލައިގަތުމަށް ހަމަޖެހިފައިވަނީ ޝަކުވާ ފޯމުންނެވެ. ޝަކުވާ ފޯމު އިލެކްޝަންސް ކޮމިޝަންގެ ވެބްސައިޓުންނާއި ކައުންސިލް އިދާރާތަކުން ލިބެން ހުންނާނެ ކަމަށް އެ ކޮމިޝަނުން ބުނެއެވެ. ޝަކުވާ ބަލައިގަތުމަށް ހަމަޖެހިފައިވަނީ އީމެއިލް މެދުވެރިކޮށް އެ ކޮމިޝަނުގެ އީމެއިލް އެޑްރެސް ކަމަށްވާ، registration@elections.gov.mv އަށް ފޯމު ފޮނުވައިގެންނެވެ.


