މަރުހޫމް ހުސައިންގެ ވައުދުފުޅުތައް ރަނުން ރަނަށް ފުއްދަވައިދޭނަން – ރާޝިދު (ރާޑޯ)

ފަހުގެ ސިޔާސީ

މަރުހޫމް ހުސައިންގެ ވައުދުފުޅުތައް ރަނުން ރަނަށް ފުއްދަވައިދެއްވާނެ ކަމަށް ރާޝިދު ވިދާޅުވެއްޖެއެވެ.

މިރޭ ކެމްޕެއިން ރަސްމީކޮށް ލޯންޗު ކުރި ޖަލްސާގައި ވާހަކަދައްކަމުން ރަޝީދު ވިދާޅުވީ ކޮމަންޑޫ ދާއިރާއަކީ ވޭތުވެދިޔަ ސަރުކާރުން ވަރަށް ބޮޑަށް އިހުމާލުވެފައިވާ ދާއިރާއެއް ކަމަށެވެ. މި ދާއިރާ ނަގާ ކޮޅަށް ޖެހީ ރައީސް ސޯލިޙުގެ ޒައާމަތުގައި ކަމަށް އޭނާ ވިދާޅުވިއެވެ. މުޅި ދާއިރާއަށް ރައީސް ސޯލިޙު ގެންނަވަނީ އިންޤިލާބީ ބަދަލުތަކެއްކަމަށް އޭނާ ވިދާޅުވިއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ރާޝިދު ވަނީ ޔާމީން ސަރުކާރުގެ ވެރިން ކޮމަންޑޫއަށް މިއަދު ދަތުރު ކުރައްވާއިރު، މީގެ ކުރިން ވެރިކަމުގެ އާރާއި ބާރު އޮތްއިރު މި ދާއިރާއަށް ދަތުރު ނުކުރެއްވީ ކީއްވެތޯ ސުވާލު ކުރައްވާފައެވެ.

އޭގެ އިތުރުން، ކޮމަންޑޫ ދާއިރާގެ ގޮނޑި ބޮޑު ތަފާތަކުން ކާމިޔާބު ކުރައްވާނެކަމަށްވެސް ރާޝިދު ވިދާޅުވިއެވެ. އަދި ދާއިރާއަށް ކުރިމަތިލައްވަނީ ނުހަނު ޖޯޝާއި ފޯރިއާއެކު، ދާއިރާއަށް ޚިދުމަތް ކުރެއްވުމަށް ކަމަށްވެސް އޭނާ ވިދާޅުވިއެވެ. އަދި ރައްޔިތުންގެ ފަރާތުން ހުށައެޅޭ ކަންކަން ކުރެއްވުމުގައި ސާބިތުވެ ހުންނަވާނެ ކަމަށާއި، ދާއިރާގެ 3 ރަށް ކަމަށްވާ ކޮމަންޑޫ، މަރޮށި، އަދި ފޯކައިދޫގެ ރައްޔިތުންނަށް ޚިދުމަތް ކޮށްދެއްވުމުގައި ދެމި ހުންނަވާނެކަމަށް ވިދާޅުވިއެވެ.

އޭގެ އިތުރުން، ކޮމަންޑޫ ދާއިރާގެ ކުރީގެ މެމްބަރު އަލްމަރުޙޫމް ހުސައިން ވަޙީދުގެ ވައުދުފުޅުތައް “ރަނުން ރަނަށް” ފުއްދަވައިދެއްވާނެ ކަމަށް ވިދާޅުވިއެވެ.

ކެންޑިޑޭޓުގެ އިތުރުން، ރައީސް ސޯލިޙާއި، އެމްޑީޕީގެ ރައީސް، މުޙައްމަދު ނަޝީދާއި، އެންވަޔަރމަންޓް މިނިސްޓަރ ޝައުނާއާއި، އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލްގެ އިތުރުންވެސް ސަރުކާރުގެ ބައެއް ވަޒީރުންނާއި އިތުރު ބޭފުޅުން މިރޭ ޖަލްސާގައި ބައިވެރިވެވަޑައިގެންނެވިއެވެ.

މި ޖަލްސާގައި ވަނީ އެ ދާއިރާގައި ކުރިން ހުންނެވި މެމްބަރު ހުސައިން ވަހީދު އަވަހާރަވުމާ ގުޅިގެން އޭނާގެ ހަނދާނުގައި ތައްޔާރު ކޮށްފައިވާ ޚާއްސަ ރިޕޯޓެއް ދައްކާލާފައެވެ. މި ރިޕޯޓުގައި މެމްބަރު ހުސައިން ވަޙީދުގެ ޚިދުމަތްތަކަށް އަލިއަޅުވާލާފައިވެއެވެ. ހުސައިން ވަހީދު އަވަހާރަ ވެފައިވަނީ ކެންސަރު ބައްޔަށް ފަރުވާ ހޯއްދަވަމުން ގެންދަވާތާ ގިނަ ދުވަސްތަކެއް ވެފައިވަނިކޮށެވެ. އޭނާ އަވަހާރަވީ އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ހޯއްދަވަމުން ދަނިކޮށް، ޑިސެންބަރު މަހުގެ 13 ވީ ހޯމަ ދުވަހުގެ މެންދަމު 1:25ހާއިރުއެވެ.

ކޮމަންޑޫ ދާއިރާގެ އިންތިޚާބުގެ ވޯޓު ނެގުމަށް ހަމަޖެހިފައިވަނީ އަންނަ ފެބުރުވަރީ 5 ވާ ހޮނިހިރު ދުވަހުގެ ހެނދުނު 8:00ން ހަވީރު 4:00އަށެވެ. މި އިންތިޚާބުގެ ރަސްމީ ނަތީޖާ އިއުލާން ކުރުމަށް ހަމަޖެހިފައިވަނީ ފެބުރުވަރީ 10ވާ ބުރާސްފަތި ދުވަހުއެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ