ށ. ކޮމަންޑޫގެ އާ އިންޖީނު ގޭގެ މަސައްކަތް ނިންމައި، އެތަނުން ހިދުމަތްދޭން ފަށާފައިވާ ކަމަށް ފެނަކަ ކޯޕަރޭޝަން ލިމިޓެޑުން ބުނެފިއެވެ.
ކޮމަންޑޫގެ މީހުން ދިރިއުޅޭ ހިސާބުގައި ހުރި ބާ އިންޖީނު ގެ އިއްޔެ ނިއްވާލަދެއްވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުއެވެ. އަދި އެއާއެކު އިއްޔެ ހަވީރު، އާ އިންޖީނު ގެއިން ހިދުމަތްދޭން ވަނީ ފަށައިފައެވެ.
ކޮމަންޑޫގައި އަލަށް ގާއިމް ކޮށްފައި ވަނީ 600 މެގަވޮޓްގެ ޖަނަރޭޓަރު ސެޓެކެވެ. މިއާއެކު އެރަށުގެ ކަރަންޓުގެ ޖުމްލަ ކެޕޭސިޓީއަކީ 1.3 މެގަވޮޓްއެވެ.
އެރަށު ބާ އިންޖީނުގެއަކީ ވޭތުވެ ދިޔަ 32 އަހަރުވެސް އެ ރަށުގެ ރައްޔިތުންނަށް ކަރަންޓު ފޯރުކޮށްދިނުމަށް ބޭނުންކުރަމުން ދިޔަ އިންޖީނުގެއެވެ. އަދި އެ އިންޖީނު ގެ ހުންނަނީ ރަށުގެ މެދެއްހާ ހިސާބުގައެވެ.
ރަށްރަށުގެ އިންޖީނުގެތައް މީހުން ދިރިއުޅޭ ހިސާބުތަކާ ދުރަށް ގެންދިއުމަކީ ރައީސް ސޯލިހުގެ ވައުދުފުޅެކެވެ. އަދި ފެނަކައާއެކު ގިނަ ރަށްރަށުގެ އިންޖީނުގެތަށް މިހާރު ވަނީ މީހުން ދިރިއުޅޭ ހިސާބުތަކާ ދުރަށް ގެންގޮސްފައެވެ.


