ރާއްޖެއާއި ޗައިނާ އާ ދެމެދު ފަސް އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މި އެއްބަސްވުންތަކުގައި ސޮއިކޮށްފައިވަނީ މިހާރުރާއްޖެ ވަޑައިގެން އުޅުއްވާ ޗައިނާގެ ސްޓޭޓް ކައުންސިލަރ އަދި މިނިސްޓަރ އޮފް ފޮރިންގ އެފެއަރޒް ވާންގް ޔީ ރާއްޖެއަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިންނެވެ.
ފޮރިން މިނިސްޓްރީގައި މިއަދުބޭއްވި ރަސްމިއްޔާތުގައި ސޮއި ކޮށްފައިވަނީ ސިއްހީ ދާއިރާއިން ޗައިނާއާ ގުޅުން ބަދަހިކުރުމަށާއި އިޤްތިޞާދީ އަދި ފަންނީ ދާއިރާއިން ގުޅުން ބަދަހިކުރުމަށް ހިލޭ އެހީ ދިނުމުގެ އެއްބަސްވުމާއި ވިސާ އެގްޒެމްޝަން އެއްބަސްވުމާއި ސިނަމާލެ ބްރިޖްގެ މެއިންޓަނަންސް މަސައްކަތާ ބެހޭ އެއްބަސްވުމާއި ފަސް ރަށެއްގައި މައިކްރޯގްރިޑް ސީވޯޓަރ ޑީސެލިނޭޝަން ޕްލާންޓް ޤާއިމްކުރުމުގެ އެއްބަސްވުމެވެ.

މިގޮތުން ސިއްހީ ދާއިރާއިން ޗައިނާއާ ގުޅުން ބަދަހިކުރުމަށް ވެވުނު އެއްބަސްވުމުގެ ދަށުން ލޮލުގެ ބަލިތަކަށް ފަރުވާދޭ ޚާއްސަ ކްލިނިކެއް/ކޭމްޕެއް މި އެއްބަސްވުމުގެ ދަށުން ޗައިނާއިން ހިންގާނެއެވެ. މި އެއްބަސްވުމުގައި ފުރަތަމަ ސޮއިކުރެވުނު 2019 ވަނަ އަހަރުއެވެ. އޭރު ސޮއެކުރެވުނު ދެ އަހަރުގެ އެއްބަސްވުމުގެ ދަށުން ޗައިނާއިން ވަނީ ލޮލުގެ ފަރުވާދޭ ޚާއްސަ ކޭމްޕެއް ހިންގާފައެވެ.
މިއަދު ސޮއިކުރެވުނު އެއްބަސްވުމަކީ އެ އެއްބަސްވުމުގެ މުއްދަތު ހަމަވުމާ ގުޅިގެން އަލުން ސޮއިކުރެވުނު އެއްބަސްވުމެކެވެ.
އިޤްތިޞާދީ އަދި ފަންނީ ދާއިރާއިން ގުޅުން ބަދަހިކުރުމަށް ހިލޭ އެހީ ދިނުމުގެ އެއްބަސްވުމުގެ ދަށުން ޗައިނާ ސަރުކާރުން 968 މިލިއަން އެއްލައްކަ ނުވަދިހަ ހަތް ހާސް ހަ ސަތޭކަ އެކާވީސް ރުފިޔާ (62.8 މިލިއަން އެމެރިކާ ޑޮލަރު/400 މިލިއަން ޔުއާން) ގެ ހިލޭ އެހީ ދިވެހިރާއްޖެއަށް ފޯރުކޮށްދޭނެއެވެ. މި އެހީއަކީ އިޖްތިމާއީ އަދި އުމްރާނީ ތަރައްޤީއަށް ހޭދަކުރުމަށް ޗައިނާ ސަރުކާރުން ފޯރުކޮށްދެއްވާ އެހީއެކެވެ.

މިއަދު ދެން ސޮއި ކުރެވުނު ވިސާ އެގްޒެމްޝަން މި އެއްބަސްވުމުގެ ދަށުން ދެޤައުމުގެ ރައްޔިތުންނަށް ކުރިން ވިސާ ނެގުމަކާ ނުލައި އެއް ޤައުމުން އަނެއް ޤައުމަށް ދަތުރުކުރެވޭނެއެވެ. އަދި ދިވެހިންނަށް ޗައިނާއަށް ދިޔުމުން 30 ދުވަހުގެ އޮން އެރައިވަލް ވިސާ ލިބޭނެއެވެ. މި އުސޫލަށް އަމަލުކުރަން ފަށާނީ ކޮވިޑް-19އާ ގުޅިގެން ޗައިނާއިން އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތައް އުވާލުމުންނެވެ.
ސިނަމާލެ ބްރިޖްގެ މެއިންޓަނަންސް މަސައްކަތާ ބެހޭ އެއްބަސްވުމުގެ ދަށުން ސިނަމާލެ ބްރިޖްގެ މަރާމާތުގެ މަސައްކަތް ޗައިނާ ސަރުކާރުގެ އެހީގައި ކުރިއަށްގެންދިޔުމަށް ވަނީ ނިންމާފައެވެ. ބްރިޖް ދިވެހި ސަރުކާރާ ހަވާލުކުރުމަށްފަހު ދެ އަހަރުގެ މުއްދަތަކަށް ބްރިޖްގެ މަރާމާތުގެ މަސައްކަތް ބެލެހެއްޓުމަށް ޗައިނާއާއެކު ކުރިން ވެވުނު އެއްބަސްވުމުގައިވެއެވެ. އާ އެއްބަސްވުމުގެ ދަށުން މި މަސައްކަތް ޗައިނާއިން އަނެއްކާ ވެސް ކުރިއަށް ގެންދާނެއެވެ.
ފަސް ރަށެއްގައި މައިކްރޯގްރިޑް ސީވޯޓަރ ޑީސެލިނޭޝަން ޕްލާންޓް ޤާއިމްކުރުމުގެ އެއްބަސްވުމުގެ ދަށުން ކ. ކާށިދޫ، ޅ. އޮޅުވެލިފުށި، ހއ. ކެލާ، ރ. އަލިފުށި އަދި ގއ. ދާންދޫގައި މައިކްރޯ-ގްރިޑް ސީވޯޓަރ ޑީސެލިނޭޝަން ޕްލާންޓް ޤާއިމްކުރެވޭނެއެވެ. މި ޕްރޮޖެކްޓަކީ 199 މިލިއަން ރުފިޔާގެ ޕްރޮޖެކްޓެކެވެ.


