ރާއްޖެ އަށް ކުރެއްވި ރަސްމީ ދަތުރުފުޅަށްފަހު ޗައިނާގެ ފޮރިން މިނިސްޓަރު ވަންގް ޔީ މިރޭ ފުރާވަޑައިގެންފި އެވެ.
ދެ ދުވަހުގެ ރަސްމީ ދަތުރުފުޅެއްގައި ޗައިނާގެ ފޮރިން މިިނިސްޓަރު ރާއްޖެ ވަޑައިގެންނެވީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ ދައުވަތަކަށެވެ.
މި ދަތުރުފުޅުގައި ޗައިނާގެ ފޮރިން މިނިސްޓަރު ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އަރިހަށް އިހުތިރާމްގެ ޒިޔާރަތެއް ކުރައްވައި ދެ ގައުމުގެ ދެމެދުގައި ބޭއްވި ރަސްމީ ވާހަކަތަކުގައި ބައިވެރިވެވަޑައިގެންފަ އެވެ.
ޗައިނާގެ ފޮރިން މިނިސްޓަރުގެ މި ދަތުރުފުޅުގައި ރާއްޖެއާ ޗައިނާއާ ދެމެދު ފަސް އެއްބަސްވުމެއްގައި ވެސް ސޮއިކޮށްފައިވެ އެވެ. އޭގެ ތެރޭގައި ޗައިނާ އަށް ދާ ދިވެހިންނަށް ވިސާގެ ލުއި ފަސޭހަތަކެއް ފޯރުކޮށްދިނުމާ ގުޅޭ އެއްބަސްވުމެއް ހިމެނެ އެވެ. އެގޮތުން މި އެއްބަސްވުމުގެ ދަށުން ޗައިނާ އަށް ދާ ދިވެހިންނަށް 30 ދުވަހުގެ އޮން އެރައިވަލް ވިސާ ލިބޭނެ އެވެ.
މީގެއިތުރުން މިއަދު ވަނީ ރާއްޖެއަށް އެކި ދާއިރާތަކުން ހިލޭ އެހީ ދިނުމުގެ އެއްބަސްވުމެއްގައި ވެސް ސޮއިކޮށްފަ އެވެ. އަދި ޗައިނާގެ އެހީގައި އެޅި ސިނަ މާލެ ބްރިޖު ބެލެހެއްޓުމާ ގުޅޭ އެއްބަސްވުމެއްގެ އިތުރުން ބޯފެން ފޯރުކޮށްދިނުމަށާއި ސިއްހީ ދާއިރާ އިން އެހީވުމާ ގުޅޭ އެއްބަސްވުމެއްގައި ވެސް ދެ ގައުމުގެ ދެމެދުގައި ވަނީ ސޮއިކޮށްފަ އެވެ.


