ޑްރައިވިންގް ސްކޫލަކަށް ނުދާ ނަމަ ދެން ލައިސެންސް ނުލިބޭނެ

ޚަބަރު ފަހުގެ

އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ހޯދުމުގެ ކުރިން ޑްރައިވިން ސްކޫލެއްގައި ވަކި ވަގުތެއް ވަންދެން ދުއްވަން ދަސްކުރަން ލާޒިމުވާ ގޮތަށް މިއަދު ހަމަޖައްސައިފި އެވެ

ޓްރާންސްޕޯޓް މިނިސްޓްރީން މިއަދު ނެރުނު، ޑްރައިވިން ސްކޫލް ހިންގުމުގެ ގަވާއިދުގައިވާ ގޮތުން ދުއްވަން ދަސް ކުރާއިރު ޑްރައިވިން ސްކޫލެއްގައި ވަކި ވަގުތެއް ވަންދެން އުޅަނދު ދުއްވަން ދަސްކުރަން ޖެހޭނެ އެވެ. އަދި ދުއްވަން ދަސްކުރާ މީހުންގެ އެ ވަރަށް ދުއްވަން ދަސްކުރިތޯ ޑްރައިވިން ސްކޫލްތަކުން ކަށަވަރު ކުރަން ޖެހޭނެ ކަމަށާއި އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ހޯދަން ހުށަހަޅާއިރު އެކަމުގެ ރެކޯޑްތައް ހުށަހަޅަން ޖެހޭނެ ކަމަށް ވެސް އާ ގަވާއިދުގައިވެ އެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

އެ ގަވާއިދުގައިވާ ގޮތުން، ޑްރައިވިން ސްކޫލްގައި ދުއްވަން ދަސް ކުރާއިރު، އެކި ބާވަތުގެ އުޅަނދުތައް ދުއްވަންޖެހޭ މުއްދަތު ތަފާތެވެ. ސައިކަލެއް ނަމަ މަދުވެގެން 40 ގަޑިއިރު ވަންދެން ޑްރައިވިން ސްކޫލްގައި ދުއްވަން ދަސް ކުރަން ޖެހޭއިރު، ކާރާއި ޕިކަޕް ފަދަ އުޅަނދުތައް ދުއްވަން ދަސް ކުރުމުގައި މަދުވެގެން 30 ގަޑިއިރު ހަމަކުރަން ޖެހެ އެވެ. އެ ނޫން ބާވަތުގެ އުޅަނދުތައް ދުއްވަން ދަސްކުރުމުގައި ހަމަ ކުރަން ޖެހެނީ 25 ގަޑިއިރު ކަމަށް އާ ގަވާއިދުގައިވެ އެވެ.

މީގެ އިތުރުން ދުއްވަން ދަސްކޮށްދޭން ޑްރައިވިން ސްކޫލްތަކަށް ވެސް އެންމެ ގިނަވެގެން ނެގޭނެ ފީގެ އަދަދުތައް ވެސް އެ ގަވާއިދުގައި ކަނޑައަޅާފައިވެ އެވެ. ސައިކަލާއި ކާރު ފަދަ އުޅަނދުތައް ދުއްވަން ދަސްކޮށް ދޭން އެންމެ ގިނަވެގެން ނެގޭނީ ކޮންމެ ކެޓަގަރީއަކަށް 1،500ރ. އެވެ. އެ އުސޫލާ ޚިލާފުވާ ޑްރައިވިން ސްކޫލްތަކުގެ ޝަކުވާ ޓްރާންސްޕޯޓް މިނިސްޓްރީ އަށް ހުށަހެޅޭނެ ކަމަށާއި އެފަދަ ތަންތަނުގެ ލައިސަންސް ބާތިލް ކުރާނެ ކަމަށް ވެސް އެ ގަވާއިދުގައިވެ އެވެ.

ގަވާއިދުގައިވާ ގޮތުން، ސައިކަލު ފިޔަވައި އެ ނޫން އުޅަނދުތައް ދުއްވަން ދަސް ކުރާއިރު، ދުއްވަން ދަސްކުރާ އުޅަނދުގެ އެތެރޭގައި ކެމެރާ ހަރުކޮށްފައި ހުންނަން ޖެހޭނެ އެވެ. ދުއްވަން ދަސްކޮށްދޭ ޑްރައިވިން ސްކޫލަކީ އެކަމަށް ލައިސަންސް ލިބިފައިވާ ތަނަކަށް ވުމުގެ އިތުރުން ދުއްވަން ދަސްކޮށްދޭ އިންސްޓްރަކްޓަރުންނަކީ ވެސް ވަކި ތަމްރީނެއް ފުރިހަމަ ކުރުމަށް ފަހު، އެކަމުގެ ލައިސަންސް ލިބިފައިވާ ބަޔަކަށް ވާން ޖެހޭނެ ކަމަށް ގަވާއިދުގައި ބަޔާންކުރެ އެވެ.

އިންސްޓްރަކްޓަރުންނަކީ ވޭތުވެދިޔަ ފަސް އަހަރު މަދަނީ ނުވަތަ ޖިނާއީ ކުށެއްގައި ވިޔަސް، އެއްވެސް ހުކުމެއް އައިސްފައިވާ ބަޔަކަށް ނުވުމާއި ދުއްވުމުގައި މަދުވެގެން ތިން އަހަރުގެ ތަޖުރިބާ ހުރުމުގެ އިތުރުން ޓްރާންސްޕޯޓް މިނިސްޓްރީން ކަނޑައަޅާ ތަމްރީނު ޕްރޮގްރާމެއްގައި މަދުވެގެން ހަ ގަޑިއިރު ފުރިހަމަ ކޮށްފައިވާ ބަޔަކަށްވާން ޖެހޭނެ ކަމަށް ގަވާއިދުގައިވެ އެވެ. އަދި އުސޫލުތަކާ ޚިލާފުވާ ނަމަ އިންސްޓްރަކްޓަރުންގެ ލައިސަންސް ބާތިލް ކުރެވޭނެ ކަމަށް ވެސް އެ ގަވާއިދުގައިވެ އެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ