ބުނެވޭ ގޮތުގައި މި ޒިޔާރަތުގައި ވަޅުލެވިފައިވަނީ ހުސޭނު ބުނު އިބްރާހީމް ނަމަކަށް ކިޔާ މީހަކެވެ. މިއީ ފިރުނބައިދޫގައި މީހުން އާލާ ވާގޮތް ނުވެގެން ފަންޑިތަ ހަދަން ށ.އެކަސްދޫއިން ގެނައި މީހެކެވެ. ފަންޑިތަ ހަދަން ފެށުމުން ފުރަތަމަ ނިޔާވީ ކަންވެރި މީހާއެވެ. މީހުން މަރުވުން ނުހުއްޓި އިތުރަށް މީހުން މަރުވަމުން މަރުވަމުންގޮސް މުސްކުޅިން ބުނާގޮތުން ހަތް ކައިވެންޏާއި ހަމައަށް މީހުން މަރުވިއެވެ.
މި މުސީބާތުން ސަލާމަތް ވާނެގޮތަކާއި މެދު ދެން ތިބި މީސްކޮޅު ވާހަކަ ދެއްކުމަށްފަހު ކަންވެރިޔަކު ގެންދިޔައީ ފުނަދޫއިންނެވެ. ފުނަދޫ އަކީ އޭރު އާބާދީ ގެ 999 މީހުންނަށް ވާރުދިން ރަށެއްކަމުގައި ވެއެވެ.
ވާރުދޭ އުމުރަކީ 15 އަހަރާއި 60 އަހަރާއި ދެމެދެވެ. އެހެން ކަމުން 15 އަހަރުން ދަށުގެ 900ށްވުރެ ގިނަ ކުދިން އުޅަޭނެ ކަމަށް ލަފާކުރެވެއެވެ. އެހެންވީމާ އޭރު ފުނަދޫގެ އާބާދީ 2000ށްވުރެ އިތުރުވާނެ ކަމަށް ލަފާ ކުރެވެއެވެ.
ފުނަދޫއިން ފިރުނބައިދޫއަށް ފަންޑިތަ ހަދަން ގެންދިޔައީ ހަޑިގޯތި އަލިތަކުރުފާނެެވެ. މިއީ އިސްކޮޅުން ދިގު ހިމަތޮޅި މީހެއް ކަމަށް ވެއެވެ. ހަޑި އަލިތަކުރުފާނު ފަންޑިތަ ހަދަން ފެށުމުން
ﷲގެ އިރާދަފުޅާއި އެކު މީހުން މަރުވުން ހުއްޓި މީހުން އާލާވާން ފެށިއެވެ. އެހެންކަމުން ފިރުނބައިދޫ މީހުން އޭނާއަށް ޚާއްޞަ ޤަދަރަކާއި އިހުތިރާމެއް އަދާކުރިއެވެ. އެމީހުން އޭނާ ބަލައިގަތެވެ. އެފަދަ މީހަކު ރަށުން ބޭރުވިޔަ ނުދޭން މީހަކާއި ކައިވެނި ކުރުވިއެވެ. އެފަދަ މާތް މީހަކަށް ހަޑި އަލިތަކުރުފާނު ނުކިޔާންވެގެން ނަންވެސް ބަދަލު ކުރިއެވެ. އެގޮތުން ދިގުއަލިތަކުރުފާނުގެ ނަމުން މުޚާޠަބު ކުރަން ފެށުނެވެ. ރަށުން 40 ރުއް ދިނެވެ. މިސްކިތު މުދިންކަން ހަވާލު ކުރިއެވެ. ރައްޔިތުން އޭނާއަށް ދަނޑިފަނުން ގެއެއް އަޅައި ދިނެވެ. އެހާ ހިސާބުން ފުނަދޫ އާއިލާ ފިރުނބައިދޫގައި އާލާވާން ފެށިއެވެ.

މިދެންނެވި ދިގު އަލިތަކުރުފާނުގެ ޢާއިލާ މިހާރުވެސް ފުނަދޫގައި އެބައޮތެވެ. ޚުދު އަޅުގަނޑަކީވެސް އެ އާއިލާއަށް ނިސްބަތްވާ މީހެކެވެ. އަޅުގަނޑަކީ ދިގުއަލި ތަކުރުފާނުގެ ހުސެން ތަކުރު ފާނުގެ އަލްޚަޠީބު އުނބުށޭމުތަކުރުފާނުގެ އަލްޚަޠީބު އަބުދުއްރަހުމާން ތަކުރުފާނުގެ އައްނާއިބު އަލިތަކުރުފާނުގެ ފާތިމާގެ އަލްޚަޠީބު މުހައްމަދު އުޘްމާންގެ ދަރިއެކެވެ.
މަސްދަރު: އަހުމަދު ނަސީމް ، ހިރިޔާ ( އަހުމަދު ނަސީމަކީ ކުޑަ ކަތީބު ކަމާއި، ކަތީބު ކަމާއި ބޮޑު ކަތީބު ކަމުގައި 26 އަހަރު ޚިދުމަތް ކުރެއްވި ، ތާާޜީޚީ ވަރަށް ގިނަ މައުލޫމާތު ދެނެލައްވާ ބޭފުޅެކެވެ. )
ނޯޓް: މިއީ ފޭސްބުކްގައި 01 އޯގަސްޓް 2020 ވަނަ ދުވަހު އާދަމް ޝަރީފު ލިޔުވަފައިވާ ލިޔުމުގެ ނަކަލެކެވެ.


